ހަތަރު ބޭފުޅަކު ސަފީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ސަފީރުކަމަށާއި ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުން ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝައަށް ދިވެހިރާއްޖޭން ކަނޑައަޅާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވާ ގ. ވައިޖެހޭގެއާގެ ޑޮކްޓަރު މުޙައްމަދު ޢާޞިމްގެ ނަންފުޅަށް ރުހުން އޮތްކަމަށް ފާސްކުރެއްވީ 69 މެންބަރުންގެ އިއްތިފާގުންނެވެ.

ބްރަސަލްސްގައި ހުންނަ، ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް، ގ. ސަމަންތާ އަޙްމަދު ޝިޢާން ޢައްޔަން ކުރެއްވުމަށާއި، ބްރަސަލްސްއަށް ކަނޑައަޅާ ސަފީރަކީ ލަންޑަން ހައިކޮމިޝަންގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރުހުން އޮތްކަމަށް ފާސްކުރެއްވީ 70 މެންބަރުންގެ އިއްތިފާގުންނެވެ.

ސިންގަޕޫރަށް ދިވެހިރާއްޖޭން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މއ. ރެސްޓިންގހައުސް ފާޠިމަތު ޢިނާޔާގެ ނަންފުޅަށް ރުހުން އޮތްކަމަށް ފާސްކުރެއްވީ 70 މެންބަރުންގެ އިއްތިފާގުންނެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށާއި ސްޓޭޓް އޮފް ކުވައިތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް އެމްބެސެޑަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މ. ކުރެސްޓްވުޑް ޢަބްދުﷲ ޙަމީދުގެ ނަންފުޅަށް ރުހުން އޮތްކަމަށް ފާސްކުރެއްވީ 71 މެންބަރުންގެ އިއްތިފާގުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު