ކުށްވެރިން ބައިތިއްބާ ރަށެއްގެ ގޮތުގައި ކުނބުރުދޫ ހަމަޖައްސަނީ

ހދ. ކުނބުރުދޫ އަކީ ޖަލު ހުކުމް ތަންފީޒްކުރަމުންދާ ގައިދީން ބައިތިއްބާ ރަށަކަށް ހެދުމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ސުނާމީ ކާރިސާއަށް ފަހު ކުނބުރުދޫ ރައްޔިތުން އެހެން ރަށްތަކަށް ބަދަލުވެފައި ވާއިރު އެރަށް މިހާރު އޮންނަނީ މީހުން ނޫޅޭ ފަޅުރަށެއްގެ ގޮތުގައެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ކުނބުރުދޫގައި ކުށްވެރިން ބައިތިއްބަން ނިންމާފައި ވަނީ އެރަށުގައި ޖަލުތަކެއް އެޅުމުގެ ބަދަލުގައި މުޅި ރަށުގައި އެއްކޮށް އުޅެވޭނެ ގޮތައް ކަމަށެވެ.

ތަޒްމީލް ވިދާޅުވީ، އެރަށުގައި ތިބޭ މީހުނަށް އަމިއްލައަށް މަސައްކަތް ކޮށްގެން އުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެށުގައި ކުށްވެރީން އުޅުމަށްޓަކައި ކުރިން އެރަށުގައި މީހުން ދިރިއުޅެފައިވާ ގެތައް މަރާމާތު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެރަށަށް ބަދަލުކުރެވޭނީ ކުދި ކުށްތަކުގައި ހުކުމް ތަންފީޒްކުރަމުންދާ މީހުން ކަމަށެވެ. އަދި އެރަށް ތަރައްގީ ކުރެވިގެންދާނީ 300 ގައިދީން ބޭތިއްބުމަށް ކަމަށާއި އެރަށުގެ ކޮންސެޕްޓް ނިންމައި މިހާރު ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެރަށުގައި އެއްކޮށް ވެސް ކުށްވެރިނަށް އުޅެވޭނެ. ވަކި ސަރައްދުތަކެއް ނޫން ހަމަ ޖައްސަނީ. އަދި އަމިއްލައަށް މަސައްކަތްކޮށްގެން އެރަށުގައި އުޅެވޭނެ. 300 ގައިދީން އެއްފަހަރާ ބޭތިއްބޭނެ ވަރަށް ތަރައްގީ ކުރެވިގެންދާ ކުނބުރުދޫގައި އެއްކޮށް ވެސް އެރަށް ފޮނުވޭ ކުށްވެރިނަށް އުޅެވޭނެ. އެއީ ކުށްވެރިން ބައިތިއްބާ ރަށެއްގެ ގޮތުގައި ހަމަ ޖެއްސުމަށް ނިންމާފައި ވަނީ. ރަށްރަށަށް އަރުވާލެވިފައި ތިބޭ ބައެއްގެ ގޮތުގައި ތިބޭނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން އެރަށަށް ކުށްވެރިން ބަދަލުކުރުމަށް ކުރަން ޖެހޭ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ތެރޭގައެވެ. އަދި އޭގެ ކުރިން އެރަށަކީ މީހުން ނޫޅޭ ފަޅުރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވެވި އެވެ.

ކުނބުރުދޫގައި ހުކުމް ތަންފީޒުކުރާ މީހުން ބައިތިއްބަން ފެށުމާއެކު އެރަށް ވެގެންދާނީ މުޅިރަށުގައި އުޅެވޭގޮތަށް ކުށްވެރިން ބައިތިއްބާ ފުރަތަމަ ރަށް ކަމުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު