މައިލޯ ކޭޖް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރު މިއަދު ފަށަނީ

ރާއްޖެ ޓީވީން ކުރިޔަށްގެންދާ "މައިލޯ ކޭޖް" ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ވާދަ ކުރާ ގަދަ ސޯޅަ ޓީމުގެ މެޗުތައް މިއަދު ހަވީރު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޭޖް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅޭ 75 މެޗު ނިމި ދެވަނަ ބުރުގައި ވާދަކުރާ ގަދަ 16 ޓީމުގެ މެޗުތައް މިއަދު ކުރިޔަށްދާއިރު ގަދަ 16 ޓީމުގެ ގުރުލުން ރޭ ވަނީ ބާއްވާފައެވެ.

އެ މުބާރާތުގެ ދެވަނަ ބުރުގައި މިއަދު ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސްޕޯޓްސް ކްލަބު ރިވަލްސާ އާއި ޕީކޭ ކަޔޮޓީސް ޖޫނިޔަސް އެވެ.

މުބާރާތް އިންތިޒާމްކުރާ ރާއްޖެ ޓީވީން ބުނީ، ދެ ވަނަ ބުރުގެ މެޗްތައް ދެ ދުވަހަށް ކުރިޔަށްދާއިރު ފަހު ދުވަހުގެ މެޗުތައް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

މުބާރާޓުގެ ދެ ވަނަ ބުރުގައި ކުޅޭ އަށް މެޗް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ނޮކްއައުޓް އުސޫލުންނެވެ. ދެވަނަ ބުރުން މޮޅުވާ ހަތަރު ޓީމަށް ކުއާޓާ ފައިނަލްގެ ފުރުސަތު ލިބިގެންދާއިރު ކުއާޓާފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފަިއ ވަނީ އަންނަ އާދިއްތަ ދުވަހު ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.

ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ކޭޖް ފުޓްބޯޅަ ޓޯނަމެންޓަކީ ރަމަޟާން މަހު ކުރިއަށްގެންދާ ކުޅިވަރުގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. ލައިވް އިވެންޓެއްގެ ގޮތުގައި ކުރިޔަށްގެންދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވެއެވެ.

ޖުމްލަ 33 ޓީމު ވާދަކުރާ މިމުބާރާތުގެ ކުޅުން އީދު ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު