"ކަނޑުހުޅުދޫ މިސްކިތުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ވަނީ ދީފައި"

ގއ. ކަނޑުހުޅުދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހުއްޓިފައި އޮތްނަމަވެސް އަންނަ މަހުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައި ވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ކަނޑުހުޅުދޫ މިސްކިތުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު، އޯޕީޕީއަށް ދީފައިވާ ކަމަށެވެ. އަދި ކަނޑުހުޅުދޫގެ ތޮށިގަނޑު ހެދުމުގެ މަސައްކަތް އޮކްޓޯބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގއ. ދެއްވަދޫގައި މިސްކިތެއް އިމާރާތްކުރުމަށް ޓެންޑާކުރުމުން އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާ ކަމަށެވެ. އެހެންކަމުން އަލުން ރީ ޓެންޑާ ކުރުމަށް މިހާރު ތައްޔާރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެއްވަދޫ ގެ މިސްކިތުގެ މަސައްކަތް ވެސް ޓެންޑާ ކޮށްގެން ބަޔަކު ނުލިބިގެން އަލުން ރީ ޓެންޑާ ކުރުމަށް މިހާރު ވަނީ ތައްޔާރު ކުރެވިފައި،" މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

ދެއްވަދޫ ބަނދަރު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށާއި ބަނދަރުގެ ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް މިހާރު ހުށަހެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަންތައް ފައިނަލް ވުމުން އެބަދަލާ އެއްގޮތަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ގއ. ގެމަނަފުށީގެ ބޭރު ތޮށި ހެދުމަށްޓަކައި ބޮޑުހިލަ ގެނައުމަށް މިހާރު ފެށިފައި ވާ ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ތޮށިގަނޑުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

"ގެމަނަފުށީ ބޭރު ތޮށި ހެދުމަށްޓަކައި ބޮޑު ހިލަ ގެނައުމަށް މިހާރު ވަނީ ފެށިފައި. ބޮޑު ހިލަ ގެނެވި ޑިސެމްބަރު މަހުގެ ތެރޭގައި ގެމަނަފުށީގެ ބޭރު ތޮށި ހެދުމުގެ މަސައްކަތް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގެމަނަފުށީގެ އިތުރުން އެއަތޮޅު ކޮނޑޭ ބަނދަރުގެ ބޭރު ތޮށި ހެދުމަށްޓަކައި ބޮޑުހިލަ ގެނެވި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު