އަހަރު ދުވަހުގެ އިންފްލޭޝަން 3.32 ޕަސެންޓް މަތިވެއްޖެ

ތަކެތީގެ އަގުތައް ނުވަތަ އިންފްލޭޝަން، އަހަރު ދުވަހުގެ ތެރޭގައި 3.32 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން މިއަދު އާންމު ކޮށްފައިވާ މިދިޔަ ޖޫން މަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 3.32 މަތީގަ އެވެ.

މޭ މަހުގެ ނިޔަލަށް އަހަރު ދުވަހުގެ އިންފުލޭޝަން ރޭޓް ހުރީ 3.19 ޕަސެންޓް މަތީގަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓަށް ބަލާއިރު އެންމެ މައްޗަށް ގޮސްފައި ވަނީ މަހުގެ ބައިންނެވެ. އެގޮތުން އެ ބައިން ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.95 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ގޭގޭ ކުލީގެ ބައިން ވަނީ 0.11 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި މޭވާގެ ބާވަތްތަކުގެ ބައިން ވަނީ 0.44 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

މިދިޔަ މަހު އިންފުލޭޝަން ރޭޓް ދަށަށްގޮސްފައިވާ ބައިތަކަށް ބަލާއިރު ފަރުނީޗަރުގެ ބައިން 11.17 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ތަރުކާރީގެ ބާވަތްތަކުގެ ބައިން ވަނީ 4.03 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ސާނަވީ ސުކޫލްތަކުގެ ފީގެ ބައިން 1.58 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

ޖޫން މަހަށް ބަލާއިރު މަސް ދުވަހުގެ އިންފުލޭޝަން ރޭޓް ވަނީ 0.14 ޕަސެންޓް ދަށަށް ގޮސްފައެވެ. ހުސްވި މޭ މަހުގަިއ އިންފުލޭޝަން ރޭޓްހުރީ 0.97 ޕަސެންޓް މަތީގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު