ޓޯޔާޑު ފުރި ޓޯ ކުރެވޭނެ ގޮތެއް ނެތް: ފުލުހުން

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމަށް ފަހު ބަހައްޓާ ޓޯޔާޑު ފުރި ޓޯ ކުރެވޭނެ ގޮތެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ދާއޫދު މިއަދު ވިދާޅުވީ، ޓޯކޮށްފައި ހުރި އުޅަނދުތައް އޭގެ ވެރިފަރާތުން ނުގޮންގޮސް ބަހައްޓާފައި ހުރުމުން ޓޯޔާޑު ފުރިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ވެހިކަލްތައް ފުލުހުން ވަނީ ދޫނިދޫއަށް އަށް ގެންގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވީ، މާލޭގެ މަގުތައް ވެހިކަލްތަކުން ފުރިފައި އޮންނައިރު، ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ ވެހިކަލްތައް ޓޯ ކުރެވޭނެ ގޮތެއް މިއަދު ނެތް ކަމަށެވެ.

"އަޅުގަނޑުމެން ޓޯ ކުރަން ފެށި ދުވަސްކޮޅު މާލޭގެ މަގުތަކުގައި ވެހިކަލްތައް ތަރުތީބު ވާނެ. އެކަމަކު މިހާރު އެއްވެސް އުސޫލެތް ނެތް ގޮތަށް މަގުތަކުގައި ވެހިކަލްތައް މި ހުންނަނީ،" ދާއޫދު ވިދާޅުވި އެވެ.

ޓޯކޮށްފައި ހުރި ވެހިކަލްތަކުގެ ތެރެއިން 500އަށް ވުރެ ގިނަ ވެހިކަލް، ނައްތާލުމަށްޓަކައި މިހާރު ވަނީ ތިލަފުށްޓައް ގެންގޮސްފައެވެ. އޭގެ ތެރޭ 156 ސައިކަލާއި 560 ބައިސްކަލުގެ އިތުރުން ހަތަރު ފުރޮޅުލީ ހަ އުޅަނދު ހިމެނެ އެވެ.

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގައި ވާ ގޮތުން އުޅަނދު ޓޯ ކުރިފަރާތުން ހަތް ދުވަހުގެ ތެރޭ އެކަން އާންމުކޮށް އިއުލާން ކުރަންޖެހޭނެ އެވެ. އަދި އެއްގަމު އުޅަނދު ޓޯ ކުރާ ދުވަހުން ފެށިގެން ތިން މަސް ހަމަވުމުން އެ އުޅަނދަކާ ބެހޭ މައުލޫމާތު އާންމުކޮށް އިއުލާނު ކުރުމަށްފަހު، އަދި އެ އުޅަނދުގެ ވެރިފަރާތްކަމުގައި ސަރުކާރުގެ ކަމާބެހޭ އެ އިދާރާއެއްގައި ރިކޯޑުކޮށްފައިވާ އެޑްރެހަކަށް ރަޖިސްޓްރީ، ޕޯސްޓުން އެންގުމަށްފަހު ހަތް ދުވަހުގެތެރޭ އުޅަނދުގެ ވެރިފަރާތުން އުޅަނދާ ހަވާލުނުވެއްޖެނަމަ އެ އުޅަނދެއް ނައްތާލެވޭނެ އެވެ.

ދާއޫދު ވިދާޅުވީ ކަމާބެހޭ ފަރާތްތަކާއި ނޫސްވެރިންގެ ހާޒިރުގައި، ޓޯ ކޮށްފައި ހުރި ވެހިކަލްތަކުގެ ތެރެއިން ނައްތާލަން ނިންމާފައިވާ ވެހިކަލްތައް ވަރަށް އަވަހަށް ނައްތާލާނެ ކަމަށެވެ. އަދި ވެހިކަލްތައް ނައްތާލާނީ އޭގެ އެއްވެސް އެއްޗެއް ދެ ވަނަ ފަހަރަށް ބޭނުން ނުކުރެވޭ ވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނައްތާލާ ވެހިކަލުގެ އެއްވެސް ބައެއް ނައްތާލުމަށްފަހު ދެ ވަނަ ފަހަރަށް ބޭނުން ނުކުރެވޭ ވަރަށް ނައްތާލާނީ،" ދާއޫދު ވިދާޅުވި އެވެ.

މާލެއަށް ވެހިކަލް އެތެރެ ކުރެވޭނެ ވަކި އަދަދެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން، ޓްރެފިކް މައްސަލަތައް އަންނަނީ އިތުރުވަމުން ނެވެ. މާލޭގެ މަގުތައް ވެހިކަލްތަކުން ތޮއްޖެހިފައި ވާއިރު، މަގުތަކުގައި ކާރުބާރު ބޮޑުވާ ވަގުތު ތަކުގައި ފުލުހުން ނުކުމެ ޓްރެފިކް ބަލަހައްޓަން ޖެހިފައި ވެއެވެ. އަދި ބައެއް ވަގުތުތަކުގައި ބޮޑެތި ވެހިކަލްތައް މަގުތަކުން ދަތުރުކުރުން މަނާކުރަން ޖެހޭ ވަރަށް މާލޭގެ ކާރުބާރު ވަނީ ބޮޑުވެފަ އެވެ.

ވެހިކަލްތަކުން މާލެ ފުރި ތޮއްޖެހިފައިވާ މައްސަލައާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު