ރާއްޖެ: 'ފޭކް' ޑޮކްޓަރުންގެ ހާއްޔަކަށް!

މިދިޔަ ހަފްތާ ތެރޭގައި ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް އަލަށް ގެނައި ތިން މެޑިކަލް އޮފިސަރަކު ކަމުނުގޮސްގެން ފޮނުވާލަންޖެހިފަ އެވެ. އެނގިފައިވާ ގޮތުގައި އެފަދަ މައްސަލަތައް މިހާރަކަށް އައިސް ދޭތެރެ ދޭތެރެއިން ދިމާ ވެއެވެ. އެގޮތަށް ފޮނުވާލާ ޑޮކްޓަރުންނަށް ބަލާއިރު އެ ޑޮކްޓަރުންނަކީ މަތީ ފާހާއި ގިނަ ދުވަހުގެ ތަޖުރިބާތައް ހާސިލް ކޮށް އެ ސެޓްފިކެޓްތައް ހުށަހެޅުމުން ރާއްޖޭގައި މަސައްކަތް ކުރުމަށް ފުރުސަތު ދީފައިވާ ފަރާތްތަކެވެ. ނަމަވެސް އާހިރުގައި ކަން ދިމާވާ ގޮތަކީ ވަޒީފާއަށް އެދި ހުށަހެޅި ސެޓްފިކެޓާއި ތަޖްރިބާ، އެބޭފުޅުން ދެއްވާ ހިދުމަތުގެ ފެންވަރާ ދިމާ ނުވުމެވެ.

މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗްގައި މަސައްކަތް ކުރުމަށް ގެންނަ ޑޮކްޓަރުންގެ ތެރެއިން ގިނަ ބައެއްގެ ފަރާތުން އެފަދަ މައްސަލަތައް ފާހަގަ ކުރެވޭ ކަމަށް ވެއެވެ. އަދި އެފަދަ ޑޮކްޓަރުން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށް އެ ހޮސްޕިޓަލް ހިންގަން ތިބި ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ ނަތީޖާ އަކަށް ވަނީ އެބުނާ ޑޮކްޓަރުން ހެލްތް މިނިސްޓްރީން އަތޮޅުތެރޭ ރަށްރަށަށް ފޮނުވާލުމެވެ. ސުވާލަކީ އައިޖީއެމްއެޗަށް ކަމުނުދިޔަ ޑޮކްޓަރަކު އަތޮޅުތެރޭ ރަށްރަށުގައި މަސައްކަތް ކުރުމަށް ކަމުދާންވީ ކީއްވެތޯ އުފެދޭ ސުވާލެވެ. އެފަދަ ޑޮކްޓަރުންގެ ސަބަބުން ރަށްރަށުގައި ސިއްހީ އެކިއެކި މައްސަލަތައް ދިމާވާކަމީ ރާއްޖޭގެ ތާރީހު އެކަމަށް ހެކިދޭ ކަންކަމެވެ.

އައިޖީއެމްއެޗް ހިންގުމުގެ މަސައްކަތާ ހަވާލުވެ ހުންނެވި ޑރ. މުހައްމަދު ހަބީބު ވެސް ބޭރުގެ ގައުމުތަކުން ރާއްޖެ ގެންނަ ބައެއް ޑޮކްޓަރުންނާ ދޭތެރޭ ހިތްހަމަޖެހިވަޑައެއް ނުގަންނަވައެވެ. ހަބީބު ވިދާޅުވާ ގޮތުގައި "ބައެއް ބިދޭސީ ޑޮކްޓަރުންނަށް ޑޮކްޓަރުންނޭ ކިޔަންވެސް ހެޔޮ ނުވާނެ،" އެވެ.

ހަބީބުގެ ވާހަކަތަކަށް ހެލްތް މިނިސްޓްރީން ވެސް ތާއީދު ކުރާ ކަހަލައެވެ. ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގީލާ އަލީ ވެސް ވަނީ ބިދޭސީ ޑޮކްޓަރުންގެ ފެންވަރާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާފަ އެވެ.

"ހަމަ ޔަގީނުން ވެސް ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންނަކީ ވަރަށް ރަނގަޅު ބޭފުޅުން. ނަމަވެސް ބިދޭސީ ޑޮކްޓަރުންނަށް ވިސްނާލަން ޖެހޭ ކަންކަން އެބަހުރި،" ގީލާ ވިދާޅުވި އެވެ.

ދެން އުފެދޭ ސުވާލަކީ ރާއްޖެ އަކީ "ފޭކް ޑޮކްޓަރުން"ގެ ހާއްޔަކަށް ވެފައި ވަނީ ކީއްވެތޯއެވެ؟ އެފަދަ ޑޮކްޓަރުން ރާއްޖެ އައިސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބެނީ ކިހިނެއްތޯ؟ އުފެދޭ ސުވާލެވެ.

ރާއްޖެއަށް ޑޮކްޓަރުން އެތެރެ ކުރާގޮތާއި ކޮންސްޓްރަކްޝަން މަސައްކަތައް ބިދޭސީން އެތެރެކުރާ ގޮތާއި މާ ބޮޑު ތަފާތެއް ނެތެވެ. ސަބަބަކީ އެ ދެ ބޭނުމަށް ވެސް މީހުން އެތެރެ ކުރަނީ އެޖެންޓުން މެދުވެރިކޮށް ކަމަށްވާތީ އެވެ. އެހެންކަމުން ރާއްޖެއަށް ޑޮކްޓަރުން ގެނައުން ވެފައި ވަނީ ވެސް ބިދޭސީން އެތެރެ ކުރުން ފަދަ ވިޔަފާރި އަކަށެވެ. އެގޮތަށް ޑޮކްޓަރެއް ކަމަށް ބުނެ ރާއްޖެ އެތެރެވާ ކޮންމެ މީހަކު ވެސް ރާއްޖެ އަންނަނީ އޭނާގެ އޭޖެންޓަށް 2000 ޑޮލަރު ދައްކައިގެން ކަމަށް ވެއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ކޮންޓްރެކްޓް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގޭގެއަށް ހައުސް މެއިޑުން އެތެރެ ކުރާ އެޖެންޓުންނަށް ޑޮކްޓަރުން އެތެރެ ކުރެވޭނެ ކަމަކަށް،" ރާއްޖޭގެ ސިއްހީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ޑޮކްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އެގޮތަށް އޭޖެންޓުން މެދުވެރިކޮށް ޑޮކްޓަރުން ގެނައުމުގެ ނަތީޖާ އަކަށް ވެފައި ވަނީ ފޭކް ޑޮކްޓަރުންނަށް ފަސޭހައިން ރާއްޖެ އައުމުގެ ފުރުސަތު ލިބުމެވެ. އޭޖެންޓުން މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެ ގެނައުމަށްވުރެ ބޮޑަށް އެ އޭޖެންޓުންނަށް ގިނަ ފައިސާ ދޭ މީހުން ގެނައުމަށެވެ. އެއީ އެމީހުންގެ އާމްދަނީ އިތުރު ވާތީ އެވެ.

ރާއްޖެއަށް ފޭކް ޑޮކްޓަރުން އެތެރެވާ އެހެން ސަބަބެއް ވެސް އެބަވެ އެވެ. އެއީ މެޑިކަލް ކައުންސިލުން ޑޮކްޓަރުންގެ ފެންވަރު ބަލާއިރު އެ ޑޮކްޓަރަކު ހުށައަޅާ ސެޓްފިކެޓަށް އެކަނި ބަލާތީ އެވެ. އިންޑިއާ ޕާކިސްތާން ފަދަ ގައުމުތަކުގައި ފޭކް ސެޓްފިކެޓެއް ހައްދާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެގޮތަށް އެކަން އޮތުމަކީ ވެސް ރާއްޖެއަށް ފޭކް ޑޮކްޓަރުން އައުމުގެ އެއް އަސްލެވެ.

ފޭކް ޑޮކްޓަރުން އެތެރެވުން ހުއްޓުވޭނީ ކިހިނެއް؟

ފޭކް ޑޮކްޓަރުން ރާއްޖެއަށް އެތެރެވުން ހުއްޓުމަށް ގިނަ ފިޔަވަޅު ތަކެއް އެޅިދާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މެޑިކަލް ކައުންސިލް ބޭފުޅުންނާއި ރާއްޖޭގެ ތަޖްރިބާކާރު ޑޮކްޓަރުން އަވައްޓެރި ގައުމުތަކަށް ނުވަތަ އެނޫން ވެސް ގައުމުތަކަށް ގޮސް ރާއްޖެ އަންނަން ބޭނުންވާ ޑޮކްޓަރުންނާ އިންޓަވިއު ކުރުމެވެ.

ހަމަ އެއާއެކު ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައި ޑޮކްޓަރުން ކަނޑައެޅުމަށް ދޭ ފަދަ "ލައިސެންސިއޭޓް އެގްޒާމް" އެއް ހެއްދުމަށް ފަހު ޑޮކްޓަރުން ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފެނެ އެވެ.

މިހާރު ރާއްޖެއަށް ޑޮކްޓަރުން ގެންނަ އުސޫލުތައް ހަމަގައިމު ވެސް ބަދަލު ކުރަންޖެހެ އެވެ. ޑޮކްޓަރުންނޭ ކިޔަން ނުވާ ވަރުގެ ޑޮކްޓަރުން ތިބުމާއި ޑޮކްޓަރުންގެ ކިބައިގައި ވިސްނާލަން ޖެހޭ ކަންތައްތައް ހުރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އަވަހަށް ހައްލެއް ގެންނަންޖެހޭ މުހިންމު މައްސަލައެކެވެ. އެކަން ހައްލުކުރުމަށް ހެލްތު މިނިސްޓްރީން އެއްވެސް މަސައްކަތެއް ކުރަމުން އެބަ ދޭ ބާއެވެ؟

ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގީލާ އަލީ ވިދާޅުވީ ރާއްޖެއަށް ޑޮކްޓަރުން ގެންނަ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ބިދޭސީ ޑޮކްޓަރުން ގެނައުމަށް ބަލާ މިންގަނޑުތައް ބަދަލުކުރަން ޖެހޭ. އެ ޑޮކްޓަރުންނަށް އިމްތިހާނުތަކެއް ދިނުމާއި ވަކި މުއްދަތެއް ވަންދެން އައިޖީއެމްއެޗްގައި މަސައްކަތް ކުރުވައި ޓެސްޓް ކުރުވުން މުހިންމު،" ގީލާ އަލީ ވިދާޅުވި އެވެ.

އާންމުވެފައިވަނީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ސަބަބަކަށް ވެފައިވަނީ ދުޅަހެޔޮ ސިއްހަތެއް ގާއިމް ކޮށްދިނުމުގެ މަސައްކަތް ކުރަންޖެހޭ މީހުންގެ ތެރޭގައި "ވަގު ސެޓްފިކެޓްގެ" ބަޔަކު އުޅޭ ކަމުގެ ވާހަކަތައް ފެތުރުމެވެ. މިއީ ކުޑަ މައްސަލައެއް ނޫނެވެ. އަވަސް ހައްލެއް ބޭނުންވާ މައްސަލައެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް