ދިރިއުޅުމުގެ މައިދާނުގައި މަސައްކަތްކުރަމުން ދާއިރު ބައެއްމީހުން ކުރިއަރައިގެން ދިޔުމާއި، އަނެއްބަޔަކު ފަހަތަށްފޭދޭގޮތް ދިމާވުމަކީ ޙަޔާތުގެ ސުންނަތެކެެވެ. ވަރަށް ޢާއްމުކޮށް ދިމާވާ މައްސަލައެކެވެ. އެކެއްގެ އަތްމަތީގައި މާގިނަ މުދަލާއި ފައިސާ ޖަމާވެއެވެ. އަނެކެއްގެ ޒަރޫރީ ބޭނުންތަކެއްވެސް ނުފުއްދެއެވެ. އެހެންކަމުން އިސްލާމްދީން އިރުޝާދުދެނީ ތަނަވަސްކަމުގެ އަހްލުވެރީން އަތްމަތިދަތި މީހުންނަށް މާލީގޮތުން އެހީތެރިވެދިނުމަށެވެ. އިންސާނިއްޔަތު ލާޒިމުކުރާ ގޮތުގެ މަތީން އެއްބަޔަކު އަނެއްބަޔެއްގެ މުހުތާދުތައް ފިލުވައިދިނމަށެވެ. އެއްއިންސާނަކީ ތިމާފަދަ އަނެއް އިންސާނަކަށް ބޭނުންހިފޭ މީހަކަށް ވުމަށެވެ.

މިކަމާ ބެހޭގޮތުން ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައިވަނީ އިރުޝާދު ދެއްވައިފައެވެ. ކީރިތި ޤުރުއާނުގެ ސޫރަތުއް ޠަލާޤުގައި މިމޭރުމުން ވަޙީކުރައްވައިފައިވެއެވެ. "ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ!" (އައްޠަލާޤު:7) އެހެން އާޔަތެއްގައި ވަހީކުރައްވައިފައިވެއެވެ. އަދި ސުވާލުކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް އެއުރެންގެ މުދަލުގައި ޙައްޤެއްވެއެވެ." (އައްޒާރިޔާތު:19)

އިސްވެދިޔަ އިލާހީ ބަސްފުޅުތަކުން އެނގެނީ އަރަހުށި މާތްﷲ ލޯބިވެވޮޑިގެންވާ މީހުންނަކީ އެބަޔަކަށް މާލީ ތަނަވަސްކަން ލިބުމުން ދީލަތިކަމާއެކު އެހެންމީހުންނަށް ހޭދަކުރާ މީހުންކަމެވެ. ތިމާ ހޯދާ އާމްދަނީގައި ހިމެނެނީ ހަމައެކަނި ތިމާގެ ޙައްޤެއްނޫން ކަންދަންނަ މީހުންކަމެވެ. އެކިއެކި ބޭނުންތައް ޖެހިގެން ތިމާގެ ކުރިމަތީގައި ސުވާލުގެ އަތްފަތުރައިލާ މީހުންގެ ޙައްޤު އެމުދަލުގައި އެކުލެވޭކަން ޤަބޫލުކުރާ މީހުންކަމެވެ. ތިމާގެ ކުރިމައްޗަށް އަރައި އަތްދިއްކޮށްނުލި ކަމުގައިވިޔަސް ނިކަމެތީންނާއި ނުފޯރާމީހުން ހޯދައިބަލައިގެން އެފަދަމީހުންގެ މުޞީބާތްތައް ލުއިކޮށްދޭ މީހުންކަމެވެ.

ނިކަމެތީންނަށް އެހީތެރިވުމުގެ ގޮތުން ތިމާގެ މުދަލުން ހޭދަކުރުމަށް ބާރުއަޅުއްވައި އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ ކުރައްވައިފައިވާ ޙަދީޡް ފުޅުތައް ވަރަށް ގިނައެވެ. ޙަދީޡް ޢިލްމުގެ ފޮތްތަކުގައި އެކަމާ ގުޅޭ ރިވާޔަތްތައް ފެންނާން އެބަހުއްޓެވެ. އެޙަދީޡް ފުޅުތަކުގެ ތެރޭގައި އެބަޔަކަށް ސުވަރުގެ ލިބޭނޭކަމުގެ އުފާވެރި ޚަބަރުދެއްވައިފައިވާ މަދު ގިންތި ތަކުގެ މީހުންގެ ތެރޭގައި އެމީހަކަށް މުދަލުގެ ތަނަވަސްކަން ދެއްވުމުން އެހެން މީހުންނަށް އެހީތެރިވުމުގެ ގޮތުން ދީލަތިކަމާއެކު މުދާހޭދަކުރާ މީހުން ހިމަނުއްފައިފައިވާ ޙަދީޡް ފުޅުތައްވެސް ހިމެނެއެވެ.

ތިމާގެ އާމްދަނީއިން އަނެކުންގެ ބޭނުންތަކަށް ހޭދަކުރުމަކީ ވަރަށްމަތީ ދަރަޖައިގެ އިންސާނީ ޚަޞީލަތެކެވެ. އިސްލާމްދީން އެކަމަށް ބާރުއަޅައިފައިވަނީ ނިހާޔަތަށެވެ. އިންސާނަކަށް ލިބޭ ކޮންމެ މާލީ ތަނަވަސްކަމަކީވެސް މާތްﷲ ގެ ދީލަތިވަންތަކަމުގެ ދެއްވުމެވެ. އަރަހުށި މާތްﷲ އެކަމުގެ ސަބަބުތައް މެދުވެރިނުކުރެއްވިނަމަ އެއްވެސް މީހަކަށް ފައިސާވެރިއެއް ނުވެވުނީހެވެ. މުދާވެރިކަމެއް ނުހޯދުނީހެވެ. އެހެންކަމުން މުއްސަނދީންގެ އިންސާނީވަންތަކަން ލާޒިމުކުރަނީ ތިމާގެ ތަނަވަސް ކަމުގެ ތެރެއިން ބައެއް މާތްﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން ކުރާ ހޭދަޔަށް ޚާއްޞަކުރުމެވެ. އެކަލާނގެ އަޅުތަކުންގެ ތެރެއިން ތަނަވަސްކަމުން މަޙްރޫމުވެފައިވާ މީހުންގެ އުދާސްތައް ފިލުވައި ދިނުމަށްޓަކައި ޚަރަދުކުރުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް