ޣައްޒާގައި ޝަހީދުކޮށްލެވޭ ކޮންމެ ފަސްމީހުންގެ ތެރޭގައި ކުޑަކުއްޖެއް

ހިތާމައާއި ވޭނާއި ކެކުޅުމުގައި ހޮސްޕިޓަލުގެ ފާރުގައި ލެނގިލައިގެން، އުމުރުން 40 އަހަރުގެ ވަޑާން ކުރާ މީހެއް ކަމަށްވާ، އިސްމާއީލް އަބޫ މުސައްލަމް އިނީ، އޭނާގެ ލޯބިވާ ތިން ދަރިންގެ ޖަނާޒާގެ ކަންތައް ކުރިއަށްދާތީ އެވެ. އުމުރުން 11 އަހަރުގެ އަހްމަދާއި، 14 އަހަރުފެ ވަލާއާއި 16 އަހަރުގެ މުޙައްމަދު މަރުވީ، ހުކުރު ވިލޭރޭ އިސްރާއީލުގެ ސިފައިން ޓޭންކަރުތަކާއެކު ޣައްޒާތެރެއަށް އަރައިގަނެ، އެކުދިން ނިދާފައި ތިއްބައި ދިން ރަހުމުކުޑަ ހަމަލާތަކުގައި އެކުދިންގެ ގެ ފުނޑުފުނޑުވެ ފާރުތަކުގެ ދަށުވެގެންނެވެ.

މިއީ އަބޫ މުސައްލަމްގެ އާއިލާއަށް އެކަނި ދިމާވެފައިވާ ހިތްދަތިކަމެއް ނޫނެވެ. އދ.ގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އިސްރާއީލުގެ ރަހުމުކުޑަ ލާއިންސާނީ ހަމަލާތަކުގައި ޣައްޒާ ރައްޔިތުންގެ ތެރެއިން މަރާލާފައިވާ 299 މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ ކުޑަ ކުދީންނެވެ. މެދު ކެނޑުމެއްނެތި 11 ދުވަސްވަންދެން ވައިގެ މަގުން ހަމަލާތައް ދިނުމަށްފަހު މިހާރު ބިމުގެ ހަމަލާތައް އިސްރާއީލުން ދޭން ފަށާފައިވާ ޣައްޒާގެ ބައިބޯ އާބާދީގެ 1.7 މިލިޔަން އަކީ 18 އަހަރުން ދަށުގެ ކުދީންނެވެ.

ރަހުމު ކުޑަގޮތެއްގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ކަތިލަމުން ދިޔަ ނަމަވެސް އިސްރާއީލުން ބުނަމުން ގެންދަނީ، އެމީހުން ހަމަލާތައް ދެމުން ގެންދަނީ، އާންމުންނަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އަދި ހަމަލާތައް ދިނުމުގެ ކުރިން އާންމުން އެ ސަރަހައްދުތައް ދޫކޮށް ދިޔުމަށް އިންޒާރު ދޭ ކަމަށާއި އެހެން ނަމަވެސް ފަލަސްތީނުގެ ހަނގުރާމަވެރިން އިންސާނީ އައްޑަނަތަކެއްގެ ގޮތުގައި އާންމުން ބޭނުން ކުރަމުން ދާ ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.

ޣައްޒާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަދި އެހީދޭ ޖަމާއަތްތަކުގެ އެކްޓިވިސްޓުން ބުނާ ގޮތުގައި އިސްރާއީލުން އާންމުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިންޒާރު ދިން ކަމުގައި ވީ ނަމަވެސް ހަނގުރާމައިގެ މިފަދަ ދަނޑިވަޅެއްގައި ޣައްޒާ ފަދަ ބައިބޯ އާބާދީއެއް ދިރިއުޅޭ ތަނެއްގައި ރައްކާތެރިވުމަށް ވަންނާނޭ އިތުރު ތަނެއް ނުލިބެއެވެ.

"މިފަދަ ބައިބޯ އާބާދީއެއް ދިރިއުޅޭ ތަނެއްގައި އާންމުންގެ ގެދޮރަށް ހަމަލާދޭއިރު، ހަމަ ޔަގީނުންވެސް ކުޑަކުދިންތައް މަރުވަމުންދާތަން ފެންނާނެ،" ނިއު ޔޯކުގެ ހިޔުމަން ރައިޓްސް ޖަމާއަތެއްގެ ރިސާޗަރެއް ކަމަށްވާ ބިލް ވެން އެސްވެލްޑް ވިދާޅުވި އެވެ.

ޖުލައި މަހުގެ އަށް ވަނަދުވަހު އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދޭންފެށީ ފަހުން ވޭތުވެދިޔަ 11 ވަރަކަށް ދުވަހުގެ ތެރޭގައި އިސްރާއީލުގެ ރަހުމްކުޑަ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 71 އަކީ 18 އަހަރުން ދަށުގެ ކުޑަ ކުދީން ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކާ ހަވާލާދީ އޭޕީ ބުނެއެވެ. އަދި އޭގެ ތެރޭގައި 13 އަހަރުން ދަށުގެ 48 ކުދީން ހިމެނޭ ކަމަށް ވެއެވެ.

ޔަހޫދީ އަނިޔާވެރީންގެ ރަހުމުކުޑަ ހަމަލާތަކުގައި ޝަހީދުވެފައިވާ ގިނަ ކުޑަކުދީންނަކީ އެ ކުދީންގެ އަމިއްލަ ގޭގައި ތިއްބައި ޝަހީދުކޮށްލެވިފައިވާ ކުދީންނެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފަސް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ޝަހީދު ވެފައި ވަނީ އެކުއްޖާގެ ގޭގެ ގޯތިތެރޭގައި އާއިލާއާ އެކު ތިއްބައި އިސްރާއީލުން ފޮނުވާލި މިސައިލެއް ގޮވައި އޭގެ ބައެއް އެ ތުއްތު ކުއްޖާގެ ހަށިގަނޑަށް ހެރިގެނެންވެ. އަދި ބުރާސްފަތި ދުވަހު ގެއެއްގެ ފުރާޅުމަތީ ކޮތަރަށް ކާންދޭންތިބި ދެބެއިންނާއި އެކުދީންގެ ދެބޭންގެ ދެދަރި ކުއްޖަކާއެކު ތިން ކުދީން ވަނީ އިސްރާއީލުގެ މިސައިލު ހަމަލާއެއްގައި ޝަހީދު ވެފައެވެ.

މިފަދަ ރަހުމުކުޑަ އެތަކެއް ހާދިސާއެކެވެ. ޣައްޒާ ސިޓީގެ ގޮނޑުދޮށުގައި ކުޅޭން އުޅުނު 9 އަހަރާއި 11 އަހަރާ ދެމެދުގެ އެއް އާއިލައަކަށް ނިސްބަތްވާ ހަތަރު ކުދީން ވަނީ އިސްރާއީލުގެ ގަން ބޯޓަކުން ދިން ހަމަލާއެއްގައި ވަނީ ޝަހީދުކޮށްލައިފަ އެވެ. ފުރަތަމަ ހަމަލާއާ އެކު އެކުދީން ސަލާމަތްވުމަށް ދުއްވައި ގަތެވެ. އެހެން ނަމަވެސް ދެވަނަ ހަމަލާއިން ސަލާމަތް ނުވެވުނީ އެވެ.

އިސްރާއީލުގެ ރަހުމެއް ނެތް މިފަދަ ހަމަލާތަކުގައި ފަލަސްތީނުގެ އެތަކެއް ކުޑަކުދީންގެ ލެޔާއި ތަތްތެޅިފައިވާ ހަށިތަކުގެ ފޮޓޯތައް އާންމު ވަމުންދާއިރު، އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ވެސް ވިދާޅުވެފައި ވަނީ، "ހަމަލާތަކުގައި މަރުވަމުންދާ އާންމުން ވީހައިވެސް މަދުކުރާން" އިސްރާއީލަށް ގޮވައިލާ ކަމަށެވެ.

އެއާއެކު އިސްރާއީލުން ބުނަމުން ދަނީ އެބައި މީހުން ހަމަލާދެނީ، ހަމާސްގެ ހަނގުރާމަވެރީންނަށް ކަމަށާއި އަދި އާންމުން މަރުވާން ދިމާވާ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ލެފްޓިނެންޓް ކާނަލް ޕީޓާ ލާނާ ވިދާޅުވީ، އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިސްރާއީލުން ކުރާ މަސައްކަތް ހުޅަނގު ފަރާތްތަކަށް ނޭނގޭ ކަމަށާއި އެހެންވެ އެފަދަ ވާހަކަތައް ދައްކަނީ ކަމަށެވެ. އަދި އިސްރާއީލުން ހަމަލާތައް ދިނުމުގެ ކުރީން ހަމަލާ ދޭ ސަރަހައްދު ދޫކޮށް ދިއުމަށް އަންގައި އެ ސަރަހައްދު ތަކަށް ލީފްލެޓްފަދަ ތަކެތި އަޅާ ކަމަށާއި އަދި ހަމަލާ ދިނުމުގެ ކުރިން އާންމުން އެ ސަރަހައްދުގައި މާގިނައިން ތިބިކަން ފާހަގަކުރެވުމުން އެތަކެއް އަމާޒަކަށް ހަމަލާ ނުދީ ދޫކޮށްލާފައި ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަސީބު ދެރަކަމުން، ހަމާސްގެ މަރުކަޒުތައް އެމީހުން ހަދާފައި މިހުންނަނީ އާންމުންގެ ގެދޮރު ފަދަ ތަންތަނުގެ ދެމެދަށް ވާގޮތަށް،" ޕީޓާ ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ، ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ އާންމުން އެބައި މީޙުންގެ ގެދޮރު ދޫކޮށް ދިއުމަށް ތަކުރާރުކޮށް އިންޒާރު ދީފައެވެ. އަދި އޭގެ ފޮރުވިފައިވާ ކަމަކަށް ހާމަވެގެން ދިޔައީ، އެތަކެއް ހާސް ސިފައިންނާއެކު ޣައްޒާއަށް އެއްގަމުގެ މަގުން ހަމަލާ ދިނުމަށް ތައްޔާރުވެ، ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތުގައި ބަރު ހަތިޔާރާއެކު ޣާއްޒާއަށް އަރައި ތަންތަން ތަޅައި ސުންނާފަތި ކުރަން ފެށުމެވެ.

ޣައްޒާގެ ހުޅަނގު ބޯޑަރު ސަރަހައްދާއި އެތާނގެ ކައިރީގައި ވާ އަވަށެއް ކަމަށްވާ ބައިތުއް ލަހިޔާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރެޔާއި މުޅި ހުކުރު ދުވަހުވެސް މެދު ކެނޑުމެއް ނެތި ދިޔައީ ބޮން ބަޑީގެ ހަމަލާތަކުގެ އަޑުފައްގަނޑު ގުގުމަމުންނެވެ.

ބައިތުއް ލަހިޔާގެ އާންމުންގެ ގިނަ މީހުންނެކޭ އެއްފަދައިން އަބޫ މުސައްލަމާއި އޭނާގެ އަނބި މީހާ ވެސް ނިންމީ ހަތް ކުދިންނާއެކު އެމީހުންގެ ގެދޮރުގައި ތިބުމަށެވެ. އޭރުވެސް އަވައްޓެރި ހިސާބުތަކުން އިސްރާއީލުގެ ހަމަލާތަކުގެ އަޑުފައްގަނޑު ދިޔައީ އިވެމުންނެވެ.

"ހުރިހާ ކުދިން ވަނީ އެކުދީންގެ ކޮޓަރިއަށް ނިދާން. އެންމެ ދޮށީ މުހައްމަދު އޮތީ ވަކިން ހުރި ކޮޓަރިއެއްގައި. އަދި އޭގެ ހަގަށް ހުރި އަހްމަދާއި އޭނާގެ ކޮއްކޮ ވަލާ ތިބީ ޖެހިގެން ހުރި ކޮޓަރީގައި،" އަބޫ މުސައްލަމް އަސަރާއެކު ކިޔައިދިނެވެ.

މުސައްލަމް ބުނީ، ރޭގަނޑުގެ ކަނު އަނދިރީގައި ގަދަ އަޑުފައްގަނޑަކާއެކު އޭނާގެ ގެއަށް އިސްރާއީލީ ޓޭންކަރުގެ ހަމަލާ އަމާޒު ކުރީ ކަމަށެވެ. އަދި ހަމަލާ އަމާޒުވި ފާރުތައް ފުނޑުފުނޑުވެ އޭގެ ދަށުގައި އެކުދިން ވަޅު ލެވުނީ ކަމަށް އޭނާ ބުންޏެވެ. މުސައްލަމް ބުނީ، އޭނާގެ ދަރީންތައް ފާރުތަކުގެ ދަށުން ނެގުމަށްޓަކައި އެހީއަށް އެދި ގޮވި ކަމަށާއި އަދި އެކުދީން އެތަނުން ނަގައިގެން ހުދު ކުލައިގެ ކަވަރެއްގެ ތެރޭގައި ބަންދުކޮށްގެން ހޮސްޕިޓަލަކަށް ގެންދިޔައީ ކަމަށެވެ. އަދި ހޮސްޕިޓަލުގެ މޯޗަރީގައި ތިން ކުދީން ބާއްވާފައި އޮތްއިރު، އިސްރާއީލުގެ ރަހުމު ކުޑަ އެ ހަމަލާގައި ކުޑަކުޑަ މުހައްމަދުގެ މޫނު އެއްކޮށް އަނދާފައި ވާކަމާށް އަބޫ މުސައްލަމް ބުންޏެވެ.


އާއިލާގެ އެހެން މެންބަރުންނާއި 15 އަހަރުގެ ފިރިހެން ދަރިފުޅު ޢުމަރު ކައިރީގައި ބަހައްޓައިގެން ކަރުނަ ފޮރުވާން މަސައްކަތްކުރަމުން ވާހަކަ ދައްކަމުން ދިޔާ ހިތްވަރުގަދަ އަބޫ މުސައްލަމް ވާހަކަ ދައްކަމުން ގޮސް އޭނާގެ ހިތްދަތިކަން އެންމެ ފަހުން ރުޅިއަށް ބަދަލުވަމުން ދިޔައެވެ.

"އަހަރެމެން މިތިބީ މުޖާހިދުންނާ އެކު،" އިސްރާއީލާ ދެކޮޅަށް ޖިހާދުކުރަމުންދާ ފަލަސްތީނުގެ ހަމާސްގެ ހަނގުރާމަވެރިންނަށް ނިސްބަތްކޮށް އަބޫ މުސައްލަމް ބުންޏެވެ. "ތިން ކުދީން ޝަހީދުވެގެން ދިޔައީ. ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދުކުރާން އިތުރު ތިންކުދީން ވެސް ދޭން އަހަރެން މިހިރީ ތައްޔާރަށް."

މިއީ ޣައްޒާގައި އިސްރާއީލުން އޮހޮރުވަމުންދާ ލޭގެ ވާހަކައެވެ. މިފަދަ އެތަކެއް ވާހަކަތައް ހުރިއިރު، ޣައްޒާގެ ކުޑަކުދީންނަށް ވަނީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އިސްރާއީލުގެ ރަހުމުކުޑް އަމަލުތަކުގެ ޝިކާރައަަށް ވެފައެވެ.

މަރުވެފައިވާ މީޙުންގެ ހަށިތައް ދެކިލުމަށް އަވަށްޓެރި ގެއަކުން ނުކުމެގެން އައި އުމުރުން 14 އަހަރުގެ ޔޫސުފް އަލްޔާން ބުނީ އޭނާ އެއްވެސް ވަރަކަށް ބިރުގަނެ ޖެހިލުން ނުވާ ކަމަށެވެ.

"މިއީ އިސްރާއީލުގެ ބޮން ބަޑީގެ ހަމަލާތަކުގެ ތަޖުރިބާ އަހަރެމެން ކުރާ ފުރަތަމަ ފަހަރެއް ނޫން. މިހާރު މިތިބީ އާދަވެފައި،" އެ ކުއްޖާ ބުނެލިއެވެ.

ޒަޔަނިސްޓުންގެ މިއަނިޔާވެރިކަން އިންތިހާއަށް ގޮސްފައި ވާ އިރުވެސް، އދ. އިންވެސް އަދި އިންސާނީ ހައްގުތައް ހޯދައިދިނުމުގައި އެފަދަ ދެވަނައެއް ނެތް ހުޅަނގާއި އެމެރިކާ ފަދަ ގައުމުތަކުން ވެސް އެކަން ކުއްވެރި ނުކުރާތާ، އެމީހުންގެ ވާހަކަތައް ވެސް ހުންނަނީ، ޒަޔަނިސްޓުންނަށް ހިތްވަރު ލިބޭނޭހާ ގޮތަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް