ފަލަސްޠީނަކީ ޔަހޫދީންގެ ބިމެއްތަ؟

ފަލަސްޠީނުގެ ބިމުގެ މައްޗަށް ޒައިނިސްޓް ޔަހޫދީން ކުރާ ދަޢުވާ އެބައިމީހުން ބިނާކުރަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، ފަލަސްޠީނުގެ ބިމަކީ ތިމާމެންގެ ޙައްޤެއް ކަމަށް އެއުރެން ބުނާ ބުނުމަށް ދަލީލުގެ ގޮތުގައި މައިގަނޑު ހަތަރު ޒުވާބެއް ހުށަހަޅައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އަސާސަކީ، ފަލަސްޠީނަކީ މާތްރަސްކަލާނގެ އެއުރެންނަށް ހިބަ ކޮށްދެއްވައިފައި ވާ ބިމެއް ކަމަށް ބުނެ ދައްކާ ވާހަކައެވެ. އެއީ އެބައިމީހުންނަށް "ވަޢުދު ކުރެއްވުނު ބިމެއް" ކަމުގެ ޒުވާބެވެ.

ޒައިނިސްޓުންގެ ދަޢުވާގެ މި އަސާސަށް ބަލައިލައި، އެއީ ކިހައިވަރެއްގެ ބުރަދަނެއް ހުރި ވާހަކައެއްތޯ، ބަލައިލަމާ ހިންގަވާށެވެ.

މާތްރަސްކަލާނގެ ވަޢުދުފުޅު
"ތަނާޚް" ނުވަތަ ހިބްރޫ ބައިބްލްގައި އޮންނަ ގޮތުން، މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި، އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނާއި، އެކަލޭގެފާނުގެ ކާފަދަރިކަލުން ޔަޢުޤޫބުގެފާނަށް (ޢަލައިހިމުއް ޞަލާތު ވައްސަލާމް) ކުރެއްވި ވަޢުދުފުޅުތަކުގެ ޒަރީޢާއިން، "މުޤައްދަސް ބިން"، އިސްރާއީލުގެ ދަރިކޮޅު ނުވަތަ ބަނީ އިސްރާއީލަށް ހިބަ ކޮށްދެއްވިއެވެ. ހިބްރޫ ބައިބްލްގެ "ޖެނެސިސް" ފޮތުގެ 15 ވަނަ ބާބުގެ 18 ވަނަ އާޔަތުން ފެށިގެން 21 ވަނަ އާޔަތާ ހަމަޔަށް، އަދި "އެކްސޮޑަސް" ފޮތުގެ 23 ވަނަ ބާބުގެ 31 ވަނަ އާޔަތުގައި، އަދި "ޑިޔުޓަރޮނޮމީ" ފޮތުގެ 1 ވަނަ ބާބުގެ 8 ވަނަ އާޔަތުގައި މި ވަޢުދުފުޅުގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ.

މުޤައްދަސް ބިމަކީ ކޮބައި ހެއްޔެވެ؟'
މުޤައްދަސް ބިމުގެ ޖުޣްރާފީ ސަރަޙައްދާ މެދު، ޙަވާލާ ދެވުނު ބައިބްލްގެ އާޔަތްތަކުގައި ބުނެފައި ވަނީ، އެއީ "މިޞުރުގެ ކޯރާއި ފުރާތު ކޯރާ ދެމެދުގައި، ރަތް ކަނޑުން ފެށިގެން މެޑިޓަރޭނިއަން ކަނޑާ ދެމެދުގައި އޮންނަ ސަރަޙައްދު" ކަމެވެ. "މިޞުރުގެ ކޯރަކީ" ކޮބައިތޯ މި ސުވާލާ މެދު ހިބްރޫ ބައިބްލްގެ ޢިލްމުވެރީންގެ މެދުގައި ޚިލާފުތައް އުފެދިފައި ވެއެވެ. ޒަމާނުއްސުރެ ބެލެވެމުން އައީ، "މިޞުރުގެ ކޯރު" އެއީ ނީލަ ކޯރު ކަމުގައެވެ. ނަމަވެސް "އެކްސޮޑަސް" ގެ އާޔަތުގެ އަލީގައި، އަދި ނީލަ ކޯރަށް އައިސްފައި ވާ ޖުޣްރާފީ ބަދަލުތަކަށް ރިޢާޔަތް ކުރައްވައި، މިހާރުގެ ގިނަ ބޭފުޅުން ވިދާޅުވަނީ، އެއީ ސައިނާގެ ވާދިލް ޢަރީޝްގެ ސަރަޙައްދު ކަމަށެވެ. މި ދަންނަވާ ސަރަޙައްދުގެ ތެރޭގައި، މިހާރުގެ ފަލަސްޠީނާއި، ފަލަސްޠީނުގައި ޒައިނިސްޓް ޔަހޫދީން ގަދަބާރުން އުފައްދައިފައި އޮތް ދައުލަތުގެ އިތުރުން، ސައިނާގެ ތަންކޮޅަކާއި، މުޅި ލުބްނާނާއި، މުޅި އުރްދުނާއި، ސީރިޔާގެ ބޮޑު ބަޔަކާއި، ޢިރާޤުގެ ވަރަށް ބޮޑު ބަޔަކާއި، ޢަރަބި ކަރައިގެ އުތުރުން ވެސް ތަންކޮޅެއް ހިމެނެއެވެ.

"މުޤައްދަސް ބިން" ބަނީ އިސްރާއީލުންނަށް ދެއްވި ކަމަށް ބުނަނީ ހަމައެކަނި ހިބްރޫ ބައިބްލްގައެއް ނޫނެވެ. ޔަހޫދީންގެ އަތްތަކުން ބަދަލު ކުރެވިފައި ވާ ބައިބްލްގެ ބަސް، މި ކަމުގައި، ކީރިތި ޤުރްއާން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް މާއިދާގެ 20 ވަނަ އާޔަތާއި، 21 ވަނަ އާޔަތުގައި ޞަރީޙަ ބަސްފުޅުން އަންގަވައިފައި ވަނީ، ބަނީ އިސްރާއީލުންނަށް، މުޤައްދަސް ބިން ދެއްވުމަށް ކުރެއްވި ވަޢުދުފުޅުގެ ވާހަކައެވެ. މުޤައްދަސް ބިމުގެ ޖުޣްރާފީ ސަރަޙައްދުގެ ތަފްޞީލުތައް ކީރިތި ޤުރްއާނުން އެނގޭން ނެތް ނަމަވެސް، އެ ބިމަކީ ފަލަސްޠީނު، ނުވަތަ ފަލަސްޠީނާއި ފަލަސްޠީނުގެ ވަށައިގެން ހުރި ބިންތައް ކަމާ މެދަކު ތަފްސީރު ޢިލްމުވެރީން ދެބަސް ވެވަޑައެއްނުގަންނަވައެވެ.

ނިޢުމަތުގެ އަގު
ހިބްރޫ ބައިބްލްގައި އޮތް ވާހަކަޔަށް، ކީރިތި ޤުރްއާނުން ދަލީލު ލިބުމާ އެކު، މުޤައްދަސް ބިން ބަނީ އިސްރާއީލަށް ދެއްވާން، މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ކަން ކަނޑައެޅިގެން އެނގެއެވެ. ނަމަވެސް ސުވާލަކީ، މި ހިސާބުން މިކަމުގައި ބަލާން ޖެހޭ ބެލުންތައް ނިމުނީ ހެއްޔޭ، މިއެވެ. މުޤައްދަސް ބިން، ބަނީ އިސްރާއީލަށް ދެއްވުނީ މުޠުލަޤު ގޮތެއްގައި ބާވައެވެ! ޤިޔާމަތާ ހަމަޔަށް، އެއްވެސް ޙާލަތެއްގައި، އެއްވެސް ސަބަބަކާ ހުރެ، އެމީހުންގެ އަތުން ނުނެގޭނޭ ހަދިޔާއެއްގެ ގޮތުގައި ބާވައެވެ! މާތްރަސްކަލާނގެ ކިބަފުޅުން ބަނީ އިސްރާއީލަށް "އަދާ ކުރެވުނު ދަރަންޏެއްގެ" ގޮތުގައި ބާވައެވެ! ބަނީ އިސްރާއީލުން ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ ގޮތަކަށް އުޅުނަސް، މާތްރަސްކަލާނގެ ރަސްކަންފުޅަށް ޚިޔާނާތްތެރި ވެ، ޣައްދާރު ވެ، އެކަލާނގެ ދީނަށް ފުރަގަސް ދީ، އެކަލާނގެ ފޮނުއްވާ ނަބީރަސޫލުންނަށް ފުރައްސާރަ ކޮށް، އެބޭކަލުން ނިކަމެތި ކޮށް، އެބޭކަލުންނަށް އަނިޔާ އާއި ދުއްތުރާ ކުރިޔަސް، އެ ބިމެއްގެ ޙައްޤުކަން އެބައިމީހުންގެ ކިބައިން ކެނޑިގެން ނުދާނޭ ބީދައިން، އެއްވެސް ޝަރުޠެއް ނެތި ދެއްވެވުނު ހަދިޔާއެއްގެ ގޮތުގައި ބާވައެވެ!

މި ދެންނެވި ސުވާލުތަކާ މެދަކު، ޒައިނިސްޓުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެ ސުވާލުތައް އެމީހުންގެ ދުލަށް ނުވެސް ގެނެއެވެ. އެމީހުން ހަމައެކަނި ދައްކަނީ، ޔަހޫދީންނަށް މުޤައްދަސް ބިން ދެއްވަވާން މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ވާހަކައެވެ. "ވަޢުދުފުޅު ދެއްވެވި" ކަމަށާއި، އެހެންވީމާ "މުޤައްދަސް ބިމަކީ ތިމައުރެންނަށް ވަޢުދު ކުރެއްވިގެން ވާ ބިމެއް" ކަމަށް ބުނެފައި، އެމީހުން ވާހަކަ ނިންމައިލައެވެ. އިތުރަށް އެ ބަޙުޘް ކުރާން މަޖުބޫރު ވެއްޖެ ހިނދެއްގައި، "ޑިޔުޓަރޮނޮމީ" ފޮތުގެ 9 ވަނަ ބާބުގެ 5 ވަނަ އާޔަތާއި 6 ވަނަ އާޔަތް ކިޔައިލައިފައި، ފޮތް ލައްޕައިލަނީއެވެ.

ނަމަވެސް މައްސަލައިގެ ޙަޤީޤަތާ މެދު ވިސްނައި ފިކުރު ކޮށްލުމުން، ފެނިގެން ދަނީ ޒައިނިސްޓުން ކުރަހައިދޭ ތަޞްވީރާ މުޅީން ތަފާތު މަންޒަރެކެވެ. ހިބްރޫ ބައިބްލްގެ "ސާމް" ގެ 25 ވަނަ ބާބުގެ 12 ވަނަ އާޔަތާއި 13 ވަނަ އާޔަތާއި 14 ވަނަ އާޔަތާއި، "ސާމް" ގެ 37 ވަނަ ބާބުގެ 11 ވަނަ އާޔަތާއި، 29 ވަނަ އާޔަތާއި، ކްރިސްޓިއަން ބައިބްލްގެ ނިއު ޓެސްޓަމެންޓުގެ "މެތިއު" ގެ 5 ވަނަ ބާބުގެ 5 ވަނަ އާޔަތުގައި ކަނޑައެޅި ބަޔާން ވެފައި ވާ ގޮތުގައި، މާތްރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ޞާލިޙް އަޅުންނަށް އެކަލާނގެ ދެއްވާ ބިން ވާރުތަ ކުރެވޭނީ، އެއުރެންގެ ދަރީންގެ ތެރެއިން އެކަލާނގެ ރަސްކަންފުޅަށް ތެދުވެރި ވުންމަތީ ދެމިތިބި ބަޔަކަށެވެ. ޙައްޤާއި ހެޔޮކަމުގެ މަގުގައި ސާބިތު ވެތިބޭ ބަޔަކަށެވެ.

މި އާޔަތްތަކުން ދަލީލު ލިބޭ ގޮތުގައި، ބަނީ އިސްރާއީލުންނަށް ދެއްވެވުނު "މުޤައްދަސް ބިން" އެމީހުންގެ ދަރިދަރިކޮޅަށް ވާރުތަ ވާނީ، އެ ދަރިދަރިކޮޅުގެ މީސްތަކުން، މާތްރަސްކަލާނގެ ރަސްކަންފުޅަށް ކިޔަމަންތެރި ވުމާއި ތަސްލީމު ކުރުން މަތީ ދެމިތިބެގެންނެވެ. އިޚްލާޞްތެރިކަމާއި ކެތްތެރިކަމާ އެކު ޙައްޤުގެ މަގުގައި ޤާއިމު ވެތިބެ، އިލާހީ މެސެޖު އޭގެ ޚާލިޞް ގޮތުގައި މުޅި ދުނިޔޭގައި ފެތުރުމުގެ މަތިވެރި ޖިހާދު ކުރުން މަތީ ދެމިތިބެގެންނެވެ. އެހެންކަމުން، އެއްވެސް އޮޅުމެއް ނެތި ސާބިތު ވާން އޮތް ޙަޤީޤަތަކީ، މުޤައްދަސް ބިން ބަނީ އިސްރާއީލުންނަށް ދެއްވުނީ ޝަރުޠެއް ނެތިއެއް ނޫން ކަމެވެ. އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، ކޮންމެ މަގަކުން ހިނގިޔަސް، އެމީހުންގެ އަތުން ގެއްލިނުދާނޭ މުޠުލަޤު ހަދިޔާއެއްގެ ގޮތުގައި ނޫން ކަމެވެ. މި ބަހަށް އިތުރު ދަލީލު ލިބެނީ، ހިބްރޫ ބައިބްލްގެ "ނަމްބަރޒް" ފޮތުގެ 20 ވަނަ ބާބުގެ 7 ވަނަ އާޔަތުން ފެށިގެން 12 ވަނަ އާޔަތާ ހަމަޔަށް، ހުރި އާޔަތްތަކުންނެވެ. މި އާޔަތްތަކުގައި ކަނޑައެޅިގެން އަންގަވައިފައި ވަނީ، ބަނީ އިސްރާއީލުން މާތްރަސްކަލާނގެ ރަސްކަންފުޅަށް އުރެދިގަތުމުގެ އަދަބަކީ، މުޤައްދަސް ބިން އެއުރެންނަށް ޙަރާމް ވުން ކަމެވެ.

ބަނީ އިސްރާއީލަށް، މުޤައްދަސް ބިން ދެއްވެވި ކަމަށް ކީރިތި ޤުރްއާނުގައި އަންގަވައިފައި ވާ އިރު، އެ ނިޢުމަތަކީ މަތިވެރި މަސްއޫލިއްޔަތެއް އަދާ ކުރުން ޝަރުޠު ކުރެވިގެން ދެއްވުނު ނިޢުމަތެއް ކަމާއި، ޙައްޤާއި އިސްލާމްގެ މަގު ދޫކޮށްލައި، ކުފްރާއި ނިފާޤުގެ ތެރެއަށް އެނބުރިގެންފި ޙާލަތެއްގައި، އެ ނިޢުމަތުގެ ޙައްޤުކަން، ބަނީ އިސްރާއީލުންގެ ކިބައިން ކެނޑިގެން ދާނޭކަން ކީރިތި ޤުރްއާނުން ވެސް އެނގެއެވެ. އެގޮތުން، ސޫރަތުލް އަންބިޔާއިގެ 105 ވަނަ އާޔަތާއި، ސޫރަތުލް އަންޢާމްގެ 165 ވަނަ އާޔަތާއި، ސޫރަތުލް އިސްރާގެ 4 ވަނަ އާޔަތުން 6 ވަނަ އާޔަތާ ހަމަޔަށް، މާތްރަސްކަލާނގެ އިއްވަވައިފައި ވާ ވަޙީ ބަސްފުޅުތަކުން، މި ދެންނެވި އިލާހީ ސުންނަތުގެ އުޞޫލު ފެނިގެންދެއެވެ. މި ބަސްފުޅުތަކުން ވަރަށް ސާފުކޮށް އެނގިގެން ދަނީ، ބަނީ އިސްރާއީލުގެ އަހުލުވެރީން މާތްރަސްކަލާނގެ ރަސްކަންފުޅަށް އުރެދިގަތުމުން، މުޤައްދަސް ބިމަށް އެއުރެންނަށް ދެއްވި ޙައްޤު ގެއްލިގެން ގޮސްފައި ވާ ކަމެވެ.

އުރެދުންތެރިކަމުގެ ޙައްދެއް ނެތް
ދެން އޮތް ސުވާލަކީ، މުޤައްދަސް ބިން ބަނީ އިސްރާއީލުންނަށް ދެއްވުމަށް ފަހު، އެއުރެން މާތްރަސްކަލާނގެ ރަސްކަންފުޅަށް އުރެދިގަތްތޯ މިއެވެ.
ބަނީ އިސްރާއީލުންނަށް މާތްރަސްކަލާނގެ ދެއްވި އެތައް ނިޢުމަތްތަކަކާއި ގިނަގުނަ ޢިނާޔަތްތަކަށް ފަހު، އެއުރެން އެކަލާނގެ ރަސްކަންފުޅަށް އުރެދިގަތް ކަމީ، ހަމައެކަނި ޤުރްއާނުން ސާބިތު ވާ ކަމެއް ނޫނެވެ. އެއީ އެކަން ހިނގި ގޮތް ކަމަށް، ޚުދު ހިބްރޫ ބައިބްލްގައި، ކީރިތި ޤުރްއާނަށް ވުރެ ހަރުކަށި ޢިބާރާތުން، މާ ޞަރީޙުކޮށް ބަޔާން ކުރެވިފައި އެބަ އޮތެވެ. ތަކުރާރުކޮށް، އެތައް ފަހަރަކު އެއުރެން މާތްރަސްކަލާނގެ ރަސްކަންފުޅަށް ކުފުރު ވެ، ޝިރްކު ކުރިކަން، ހިބްރޫ ބައިބްލްގެ "ޖަޖަސް" ފޮތުގެ 2 ވަނަ ބާބުގެ 10 ވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތާ ހަމަޔަށް ހުރި އާޔަތްތައް ފަދަ އެތައް އާޔަތަކުން އެނގެއެވެ. "އެކްސޮޑަސް" ފޮތުގެ 32 ވަނަ ބާބުގައި ތަފްޞީލުކޮށް ބަޔާން ކުރެވިފައި ވާ ގޮތުގައި، އެއުރެން ވަނީ އެންމެން އެކައްޗެއް ކިޔައިގެން، ރަނުން ގެރި ހަދައިގެން މާތްރަސްކަލާނގެ ފިޔަވައި އެ ގެރިޔަށް އަޅުކަން ކޮށް، ޤުރްބާން ކޮށް ހަދައިފައެވެ.

"ނަމްބަރޒް" ފޮތުގެ 20 ވަނަ ބާބުގެ 10 ވަނަ އާޔަތުގައި، މޫސާ ޢަލައިހިއް ޞަލާތު ވައްސަލާމް، ބަނީ އިސްރާއީލުންނަށް މުޚާޠަބު ކުރައްވައިފައި ވަނީ "މާތްރަސްކަލާނގެ ރަސްކަންފުޅާ ދެކޮޅަށް ބަޣާވާތް ކުރާ ބާޣީން" ގެ ގޮތުގައެވެ. ނިއު ޓެސްޓަމެންޓުގެ "ގޮސްޕެލް އޮފް މެތިއު" ގެ 23 ވަނަ ބާބުގެ 37 ވަނަ އާޔަތް ފަދަ އެތައް އާޔަތަކުން އެނގޭ ގޮތުގައި، ކާފިރު ވެގަތް ޔަހޫދީން، އެއުރެންގެ ތެރެއިން އެއުރެންގެ ގާތަށް ފޮނުއްވުނު ނަބީ ބޭކަލުން ޝަހީދު ކުރިއެވެ. "ޖެރެމިއާ" ފޮތުގެ 8 ވަނަ ބާބުގެ 8 ވަނަ އާޔަތުގެ ޞަރީޙަ ޢިބާރާތުގައި ބުނެފައި ވާ ބުނުމާ ހަމައިން ފެށިގެން، މި ޒަމާނުގައި ކުރެވިފައި ވާ ތާރީޚީ އަދި ބަހަވީ އެންމެހައި ދިރާސާތަކާ ހަމަޔަށް، އެތައް ހެއްކަކުން ސާބިތު ވާ ގޮތުގައި، ޔަހޫދީންގެ ތެރެއިން ކާފިރު ވެގަތް މީހުން، މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އޮޅުވައިލައި، ތައުރާތަށް ބަދަލު ގެނައެވެ.

މިކަންކަން މިހެން ހުރުމާ އެކު، ބަނީ އިސްރާއީލުންގެ ތެރެއިން އިސްތިސްނާ ވި މަދު ބަޔަކު ފިޔަވައި، އެއުރެން މާތްރަސްކަލާނގެ ރަސްކަންފުޅަށް ޣައްދާރު ވިކަން އެއީ ދުރު ބަޔަކު ބުނާ ބުނުމެއް ނޫނެވެ. އެއީ ޚުދު އެއުރެންގެ މުޤައްދަސް ފޮތުން، އެއުރެންގެ އަމިއްލަ ލިޔުންތަކުން އެނގި ފެންނާން އޮތް ޙަޤީޤަތެކެވެ. އެއީ ޢަރަބީންގެ ތެރެއިން ފޮނުއްވުނު ނަބިއްޔާ ގެންނެވި ފޮތުގައި އޮތް ވާހަކައެއް ނޫނެވެ. އެއުރެންނަށް އިބްރާހީމްގެފާނުގެ މަތިވެރި މެސެޖާއި ނަމޫނާޔަށް ތެދުވެރިއެއް ނުވެވުނެވެ. އިސްޙާޤުގެފާނުގެ ނަޞޭޙަތްޕުޅަކަށް ބޮލެއް ނުލެނބުނެވެ. ޔަޢްޤޫބުގެފާނުގެ ވަޞިއްޔަތަކަށް ވަފާތެރިއެއް ނުވެވުނެވެ. ބަނީ އިސްރާއީލުންނަށް އެންމެ ހަރުކަށިކޮށް ލަޢުނަތް ދެއްވީ ޚުދު އެއުރެންގެ ތެރެއިން ފޮނުއްވުނު ޠާހިރު ނަބީރަސޫލުންނެވެ. އެއުރެންގެ ތެރެއިން އެންމެ ފަހުން ފޮނުއްވުނު މަތިވެރި ރަސޫލާ ޢީސާ ޢަލައިހިއް ޞަލާތު ވައްސަލާމާ މެދު އެއުރެން ކަން ކުޅަ ހުތުރު ގޮތް ވެސް ޚުދު އެއުރެންގެ ފޮތުގައި ވަނީ ބަޔާން ވެފައެވެ. ބަނޫ އިސްރާއީލުން ޚާއްޞަ ކުރެވުނީ، ޙައްޤުގެ ދަޢުވަތު ދުނިޔޭގެ ކަންކޮޅުތަކަށް އުފުލާ ޤައުމެއްގެ ދައުރު އަދާ ކުރުމަށް ޓަކައެވެ. ނަމަވެސް އެބައިމީހުން ދުށީ، އެބައިމީހުންނަކީ އެހެން ޤައުމުތަކާއި މީސްތަކުންނަށް ވުރެ މާތް، އެހެން މީސްތަކުންނަށް ވުރެ ދަރަޖަ މަތިވެރި ބައެއް ކަމުގައެވެ.

http://www.sun.mv/albums/large_29702.jpg

މުޤައްދަސް ބިމުގެ ޙަޤީޤީ މިލްކުވެރީން
ބަނީ އިސްރާއީލުންނަށް މާތްރަސްކަލާނގެ ޚާއްސަ ނިޢުމަތްތަކެއް ދެއްވި، އަދި އެ ނިޢުމަތްތައް އެއުރެންނަށް ޙައްޤު ވުމުގެ ސަބަބު، އެއުރެން އަމިއްލަޔަށް ވަނީ ނެއްތައިލައިފައެވެ. އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢްޤޫބުގެފާނަށް މާތްރަސްކަލާނގެ ދެއްވެވި ނިޢުމަތްތައް އެއުރެންނަށް ވާރުތަ ވުމުގެ ޝަރުޠާ އެއުރެން ވަނީ ނުހަނު ހުތުރުކޮށް، ޚިލާފު ވެފައެވެ. ވީމާ މިއަދު އެ ނިޢުމަތްތައް އެއީ ތިމަންމެންގެ ޙައްޤޭ ބުނެ ދަޢުވާ ކުރުމުގެ އެއްވެސް ޙައިޘިއްޔަތެއް އެމީހުންނަކަށް ނެތެވެ. އެއީ މުޤައްދަސް ބިން ކަމުގައި ވިޔަސް، އަދި އެހެން ނިޢުމަތެއް ކަމުގައި ވިޔަސް ވެހެވެ. ހަމަ ބުއްދީން ވިސްނައިލިޔަސް، އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢްޤޫބުގެފާނަށް މާތްރަސްކަލާނގެ ދެއްވި ވަޢުދުފުޅެއްގެ ޒަރީޢާއިން، އެ ބޭކަލުންގެ ޚާޠިރަށް ޓަކައި، އެ ބޭކަލުންގެ ދީނާއި މިއްލަތުގެ ޙައްޤުގައި ދެއްވި ހަދިޔާއެއް ވާރުތަ ވުން ޙައްޤު ވާނީ އެ ބޭކަލުންގެ މަގުގައި ސާބިތު ވެތިބި ބަޔަކަށް ކަން އެނގެއެވެ. އެ ބޭކަލުންގެ ޙުރުމަތް ކަނޑައިލައި، އެ ބޭކަލުންގެ ދަޢުވަތު ފާސިދު ކޮށް، އެ ބޭކަލުންނާ ކުފޫ ހަމަ ވެގެން ނުވާ ފަދަ ފާފަތަކާއި ޖަރީމާތަކުގެ ތެރެއަށް ވެއްޓިގެންފި ބަޔަކަށް، އެ ބޭކަލުންގެ ވާރުތަ ޙައްޤެއް ނޫނެވެ.

މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ، އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި ޔަޢްޤޫބުގެފާނު ގެނެސްދެއްވިހައި ކަމަކަށް ކާފިރު ވާ ބަޔަކު، ފަލަސްޠީނަށް އަރައި، "މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ދެއްވި ވަޢުދުފުޅު" ގެ ވާހަކަ ގޮވައިގެން، އެ ބިމަށް ވެރި ވެގަނެ، އެތަނުގައި ކުށެއް ނެތް އެތައް ލައްކަ އިންސާނުންގެ ލެއިން ފެންކުޅި ކުޅެމުން ގެންދާ މަންޒަރެވެ. މިއަދުގެ އިސްރާއީލަކީ، ދުނިޔޭގައި ފެތުރިފައި ވާ މާއްދިއްޔަތަށް އަޅުކަން ކުރުމާއި، ރޫޙާނިއްޔަތު ހަލާކު ކުރުމުގެ ސަގާފަތުގެ އެންމެ ވަރުގަދަ އެއް މުލެވެ. ދުނިޔޭގެ ރިބާ މެޝިނުގެ އެންމެ ވަރުގަދަ އެއް ފުރޮޅެވެ. ދުނިޔޭގައި ޢައްޔާޝިއްޔަތާއި ކަސްބީ ވިޔަފާރި އާއި ފާޙިޝް ޢަމަލުތައް ފެތުރުމުގައި އެންމެ އިސްކޮށް ތިބި އެއް ބަޔަކީ އިސްރާއީލާއި އިސްރާއީލުން ބޭރުގައި ތިބި ޒައިނިސްޓުންނެވެ. ނަހަމަ ގޮތުގައި މީހުން މެރުމާއި، އަނިޔާވެރި ގޮތްގޮތަށް އިންސާނުން ބަރުބާދު ކުރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގަމުން ދާ މޮސާޑް ފަދަ ޖަމާޢަތްތަކަކީ އިސްރާއީލު އެ ތަނބުތަކެއްގެ މަތީގައި ބިނާ ކުރެވިފައި ވާ ތަނބުތަކެވެ.

މިފަދަ ބަޔަކަށް، އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢްޤޫބުގެފާނުގެ ވާރުތަވެރީން ކަމުގައި ވުމުގެ ޙައްޤެއް ނޯންނާނެއެވެ. އެފަދަ ބަޔަކު އެބޭފުޅުންގެ ނަންފުޅުގައި ނުކުމެ، އެބޭފުޅުންގެ ދަރީން ކަމުގައި ދަޢުވާ ކޮށްގެން އުޅޭ އުޅުމަކީ އެ ބޭފުޅުންނަށް ކުރެވޭ ނުހަނު ބޮޑު ފުރައްސާރައެކެވެ.

އިސް ވެދިޔަ ބަޔާންތަކުން އަޅުގަނޑުމެންނަށް އޮޅުން ފިލާ ކަމަކީ، މުޤައްދަސް ބިން ޙައްޤު ވެގެން ވަނީ އިބްރާހީމް ޢަލައިހިއް ޞަލާތު ވައް ސަލާމްގެ ދީނާއި މިއްލަތަށް ތެދުވެރި ވެ، އިޚްލާޞްތެރި ވެ، އެކަލޭގެފާނު ދެއްކެވި މަގުން ހިނގާ ބަޔަކަށް ކަމެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ފޮނުއްވުނު ނަބީރަސޫލުންނަށް ފުރަގަސް ދީ، މާތްރަސްކަލާނގެ ރަސްކަންފުޅަށް އުރެދިގަތް ބަޔަކަށް، މުޤައްދަސް ބިން ޙައްޤު ނުވާނެ ކަމެވެ. މިގޮތުން ވިސްނާ އިރު، މިއަދު ވެސް މުޤައްދަސް ބިމުގެ ޙައްޤުވެރިކަން އޮންނާނީ އިބްރާހީމީ މިއްލަތުގައި ފައިތިލަ ސާބިތު ކޮށްގެން ތިބި ބަޔަކަށެވެ. އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނާއި މޫސާގެފާނާއި ޢީސާގެފާނަށް (ޢަލައިހިމުއް ޞަލާތު ވައްސަލާމް) ޙަޤީޤީ މާނައިގައި ތަބަޢަ ވާ ބަޔަކަށެވެ. އެ ބަޔަކީ ތެދުވެރި މުއުމިނުން ކަމުގައި ހިމެނޭ މުސްލިމުންނެވެ. ބަނީ އިސްރާއީލުގެ ދަރިފަސްކޮޅުން އަޔަސް، ބަނީ އިސްމާޢީލުގެ ދަރިފަސްކޮޅުން އަޔަސް، އަދި އެހެން ދަރިފަސްކޮޅަކުން އަޔަސް، ތެދުވެރި މުއުމިނުން އަދި މުސްލިމުން ކަމަށް ވެއްޖެ ކޮންމެ ބަޔަކީ، މުޤައްދަސް ބިމުގެ ރޫޙާނީ ވާރިޘުންނެވެ. އެ ބިމުގެ ޙައްޤުވެރި މިލްކުވެރީންނެވެ.

މިއަދުގެ ޒައިނިސްޓުން
މި މަޙައްލުގައި، އެ ވާހަކައެއް ކޮންމެވެސް މިންވަރަކަށް ނަމަވެސް ދައްކައިލުން ޚުޠޫރަތްތެރި އެހެން ވާހަކައެއް ވެސް އެބައޮތެވެ. އެއީ މިއަދު "ބަނީ އިސްރާއީލުން" ގެ ގޮތުގައި ފަލަސްޠީނުގެ ބިމަށް އަރައިގަނެ، އެ ބިމުގައި ޒައިނިސްޓް ދައުލަތެއް އުފައްދައިގެން އުޅޭ ޖަމާޢަތުގެ އަޞްލާ ބެހޭ ވާހަކައެކެވެ. ހުޅަނގުގެ މަޝްހޫރު މުއައްރިޚް އާރތަރ ކޮއެސްލަރއާއި، އޭނާގެ ފަހުން ޝްލޯމޯ ސޭންޑް ފަދަ ބޭފުޅުން،ކުރައްވައިފައި ވާ ދިރާސާތަކުން އެނގޭ ގޮތުގައި، މިހާރު ފަލަސްޠީނަށް އަތްގަދަކޮށްގެން ތިބި ޒައިނިސްޓް ޔަހޫދީންގެ ތެރެއިން ބޮޑު ބަޔަކީ ޙަޤީޤަތުގައި ބަނީ އިސްރާއީލްގެ ދަރިކޮޅަށް ނިސްބަތްވާ ބަޔެއްވެސް ނޫނެވެ. ތިރީގައި މި ހުށަހަޅައިލަނީ މި ދެންނެވި ބޭފުޅުންގެ ދިރާސާތަކުގެ ވަރަށް ކުރު ޚުލާސާއެކެވެ.

މި ޒަމާނުގެ ޢިލްމުވެރީން،އިސްރާއީލާއި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި މިހައިރު އުޅެމުން ގެންދާ ޔަހޫދީން މައިގަނޑު ތިންޖަމާޢަތަކަށް ބައްސަވައެވެ. އެއީ ބަނީ އިސްރާއީލަށް ނިސްބަތްވާ "މިޒްރާޙީ" ޔަހޫދީންނާއި، ބަނީ އިސްރާއީލަށް ނިސްބަތް ވާ "ސެފާރްދިމް" ޔަހޫދީންނާއި،"ޚާޒާރީ" ނުވަތަ "އަޝްކެނާޒިމް" ޔަހޫދީންނެވެ. ޚާޒާރީ ނުވަތަ އަޝްކެނާޒިމް ޔަހޫދީންނަކީ ޙަޤީޤީ ޔަހޫދީންނާ އެއްވެސް ކަހަލަ ލޭގެ ގުޅުމެއް،ނަސްލީ އެއްވެސް ތިމާގެކަމެއް ނެތް އޮތް ބައެއް ނޫނެވެ. އެމީހުންނަކީ ބަނީ އިސްރާއީލުންނެއް ނޫނެވެ. ޙަޤީޤަތުގައި ޔަހޫދީންނެއް ނޫނެވެ. އެމީހުންނަކީ ޔަހޫދީ ދީނަށް ވަދެގެން، ޔަހޫދީންގެ ސިއްކަ ޖަހައިގެން އުޅެމުން އައިސް، މިހާރު ޔަހޫދީންގެ ޖަމާޢަތުގެ ބަޔެއްގެ ގޮތުގައި ބަލައިގަނެވިފައި ތިބި ބަޔެކެވެ. ނަމަވެސް މިއަދު ޒައިނިޒަމްގެ ދިދަ އުފުލުމުގައި އެންމެ އަރައިތިބި ބަޔަކީ ޚާޒާރީ ނުވަތަ އަޝްކެނާޒީ ޔަހޫދީންނެވެ. ޒައިނިސްޓް އިސްރާއީލުގެ މައިބަދައަކީ އަޝްކެނާޒީ ޔަހޫދީންނެވެ. އިސްރާއީލުގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 6 މިލިއަން ޔަހޫދީންގެ ތެރެއިން، ދެބައިކުޅައެއްބަޔަށް ވުރެ ބޮޑީ އަޝްކެނާޒީ އާބާދީއެވެ.

ޙަޤީޤަތުގައި، އަޝްކެނާޒީ ޔަހޫދީންނަކީ މީލާދީން 6 ވަނަ ޤަރުނު ފެށިގެން އައި ދުވަސްވަރު ކެސްޕިއަން ކަނޑުގެ ހުޅަނގު އައްސޭރީގައި އާބާދުވި ޤަބީލާއެކެވެ. ޚާޒާރީންގެ ނަމުން މަޝްހޫރު ވި މި ޤަބީލާއަކީ ނަސްލީގޮތުން ބަލާއިރު މުޣޫލީންނާއި ތުރުކީންނާ އެއް އަޞްލަކުން އައި ބަޔެއް ކަމަށް ބުނެވެއެވެ. އެބައިމީހުން ކެސްޕިއަންގެ އައްސޭރީގައި، އިތިލް އޭ ކިޔުނު ސަރަޙައްދުގައި ކުޑަވަރެއްގެ ރަސްކަމެއް ޤާއިމު ކުރިއެވެ. މީލާދީން 9 ވަނަ ޤަރުނާ ހަމަޔަށް އައި އިރު، އެބައިމީހުންގެ ބާރު ކްރައިމިއާގެ ސަރަޙައްދަށްވެސް އޮތީ ފެތުރިފައެވެ.އެ ދުވަސްވަރަކީ އިސްލާމީ އުއްމަތުގައި ޢައްބާސީންގެ ވެރިކަން އޮތް ދުވަސްވަރެވެ. އަދި އޭޝިއާ މައިނަރއާއި އިރުމަތީ ޔޫރަޕްގައި ބައިޒެންޓައިން ދައުލަތް، ޔޫރަޕްގެ މެދުތެރެއާއި ހުޅަނގުފަރާތުގައި ޝާރްލްމާންގެ "ހޯލީ ރޯމަން އެމްޕަޔަރ" އޮތް ދުވަސްވަރެވެ. ޚާޒާރީން ގެންގުޅުނު ސިޔާސަތަކީ މީގެ ތެރެއިން އެއްވެސް ބަޔަކާ ދެކޮޅުވެރި ނުވެ، ވަކި ފަރާތަކަށް ނުޖެހި، ހުރިހާ ޤައުމުތަކަކާވެސް ވިޔަފާރީގެ ގާތް ގުޅުމެއް ބާއްވައިގެން، ޚާރިޖީ ގުޅުންތައްގެންގުޅުމުގެ ސިޔާސަތެވެ. އެބައިމީހުން ޔަހޫދީ ދީން އިޚްތިޔާރު ކުރީ ވެސް، ކޮއެސްލަރ ފަދަ މުއައްރިޚުންގެ ނަޒަރުގައި، ވަކި ފަރާތަކަށް ނުޖެހި މިނިވަންކޮށް ތިބުމުގެ ސިޔާސަތުގެ ދަށުންނެވެ. އިސްލާމް ދީނާއި ކްރިސްޓިއަން ދީނާ ދެ ދީނަށްވެސް ފުރަގަސްދީގެން ތިބުމަށް ޓަކައެވެ.

އެމެރިކާގެ މުއައްރިޚެއް ކަމުގައިވާ ޖޭ.ޑީ.އެމް. ޑަންލޮޕް ވިދާޅުވާ ގޮތުގައި ޚާޒާރީންގެ ރަސްގެފާނު ބޫލާން، ޔަހޫދީ ދީން ޚިޔާރު ކުރައްވައި، އޭނާގެ ރައްޔިތުން އެ ދީނަށް ވެއްދެވީ މީލާދީން 740 ގައެވެ. ޚާޒާރީން ޔަހޫދީ ދީނަށް ވަނީ ކޮން މަޤުޞަދެއްގައިކަން ޔަޤީންކަމާ އެކުގައި ބުނާން ނޭނގުނަސް އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަކީ ޚާޒާރީންނަކީ ބަނީ އިސްރާއީލުން ނޫން ކަމާއި، އެބައިމީހުންނަކީ ޔަހޫދީ ދީނަށް ވަދެގެން ޔަހޫދީން ކަމުގައި ދަޢުވާ ކުރާން ފެށި ބައެއް ކަމެވެ. ޚާޒާރީންގެ ވެރިކަން ކެސްޕިއަންގެ އައްސޭރީގައި މީލާދީން 10 ވަނަ ޤަރުނާ ހަމަޔަށް ދެމިއޮތެވެ. އެބައިމީހުންގެ ވެރިކަން ނިމުމަކަށް އައީ ކްރިސްޓިއަން އޮރތޮޑޮކްސް މަޒުހަބާ އަލަށް ގުޅުނު ރޫސީންގެ ބާރުގެ ދަށަށް އެބައިމީހުންގެ ސަރަޙައްދުތައް ދިޔުމާ ގުޅިގެންނެވެ.

ދެން އައި އަހަރުތަކުގައި ޚާޒާރީ ޔަހޫދީންގެ ޖަމާޢަތްތައް އިރުމަތީ ޔޫރަޕްގެ އެކި ޤައުމުތަކަށް ހިޖުރަކުރިއެވެ. އެބައިމީހުން ހިޖުރަ ކުރި ޤައުމުތަކުގެ ތެރޭގައި ޕޮލެންޑާއި ލިތުއޭނިއާއާއި ހަންގޭރީ ހިމެނެއެވެ. މި ޤައުމުތަކުގައި އުފެދި ފެތުރިގެން އައި ޔަހޫދީ މުޖުތަމަޢުތަކަކީ ޙަޤީޤަތުގައި ޚާޒާރީންގެ މުޖުތަމަޢުތަކެކެވެ. މީލާދީން 1800 އިގެ ފަހު ދަހަތަކަށް އައިސް، ފަލަސްޠީނުގެ ބިމުގައި އިޒްރޭލުގެ ދައުލަތް އުފެއްދުމަށް ކުރެވުނު މަސައްކަތްތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ، އަދި "ޒައިނިޒަމް" ގެ ފިކުރު ވުޖޫދަށް ގެނެސް މި ޒަމާނުގައި އަޅުގަނޑުމެންނަށް ތަޢާރަފްވެފައިވާ ގޮތަށް އެ ފިކުރު ފައްކާ ކޮށް ތަރައްޤީ ކުރުމުގައިވެސް އިސްވެތިބީ ޚާޒާރީ ނުވަތަ އަޝްކެނާޒީ ޔަހޫދީންނެވެ. މި ޒަމާނުގެ ޒައިނިޒަމް ގެ ބާނީ ކަމަށް ބުނެވޭ ހަންގޭރީގެ ތިއޮޑޯރ ހާރޒްލް އަކީއަޝްކެނާޒީ ޔަހޫދީއެކެވެ. ޒައިނިސްޓް އިސްރާއީލުގެ ބޮޑުވަޒީރުކަން މިހައިތަނަށް ކުރި 12 ލީޑަރުންނަކީ އަޝްކެނާޒީންނެވެ.

ޒައިނިސްޓް އިސްރާއީލުގެ މުގުލުގައި ތިބި ޚާޒާރީ ނުވަތަ އަޝްކެނާޒިމް ޔަހޫދީންނަކީ ފަލަސްޠީނުގެ ބިމާ އެއްވެސް ކަހަލަ ތާރީޚީ ގުޅުމެއްވެސް އޮތް ބައެއް ނޫނެވެ. އެ ބިމުގެ މައްޗަށް މިޒްރާޙީ ޔަހޫދީންނާއި ސެފާރްދިމް ޔަހޫދީންނަށް އޮތް ފަދަ ޙައްޤެއްވެސް ޚާޒާރީ ޔަހޫދީންނަކަށް ނެތެވެ. މި ނުކުތާއިން ވެސް އެނގިގެން ދަނީ، ޒައިނިސްޓް އިސްރާއީލުގެ ލީޑަރުން، ފަލަސްޠީނުގެ ބިމާ މެދު ކުރާ ދަޢުވާގެ އަޞްލެއް ނެތް މިންވަރެވެ.

ޚާތިމާ
އަޝްކެނާޒީ ޔަހޫދީންނާ މެދު އާރތަރ ކޮއެސްލަރ އާއި އޭނާގެ ޚިޔާލަށް ތާއީދުކުރައްވާ މުއައްރިޚުންގެ ނަޒަރިއްޔާ ދޮގުކުރުމަށް ޒައިނިސްޓުންނާއި ހުޅަނގުގެ ގިނަ މުއައްރިޚުން ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. ނަމަވެސް އެ ނަޒަރިއްޔާއާ ދެކޮޅަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ނަޒާހަތްތެރިކަމާ މެދު ނުހަނު ބޮޑަށް ސުވާލު އުފެދެއެވެ. އެއީ ތެދުވެރި، އިޚްލާޞްތެރި ޢިލްމީ މަސައްކަތްތަކެއްކަމާ މެދު ނުހަނު ބޮޑަށް ޝައްކު އުފެދެއެވެ.

ހަމައެހެންމެ، ކޮއެސްލަރގެ ނަޒަރިއްޔާ އަކީޙަޤީޤަތް ކަމަށް ނުވިޔަސް، ހަމަ ގައިމުވެސް އެއްވެސް ދިރާސާއަކުން ދޮގުނުކުރެވޭނޭ ޙަޤީޤަތްތަކެއް އެބަހުއްޓެވެ. އެ ޙަޤީޤަތަކީ، ބަނީ އިސްރާއީލުން، އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢްޤޫބުގެފާނާއި މޫސާގެފާނާއި ޢީސާގެފާނަށް ކާފިރު ވެގެންފައި ތިބި ކަމެވެ. އެބޭކަލުން ކަރުނަފޮދު އަޅުއްވައި ކީރިތި ކުރައްވާން ޖެހޭ ހައި ބިރުވެރި، އަނިޔާވެރި، ނުބައި ފާފަތަކާއި ޖަރީމާތައް އެއުރެން މިއަދު ދުނިޔެއަށް ގެނެސްގެންފައި ވާ ކަމެވެ. މުޤައްދަސް ބިމުގެ ނިޢުމަތުގެ އަގު އަދާ ކުރުމުގައި، އެ ނިޢުމަތް ޙައްޤު ވުމުގެ ޝަރުޠު ފުރިހަމަ ކުރުމުގައި އެމީހުން މުޅީން ފޭލި ވީ ކަމެވެ. މިހިރަމިހިރަ ސަބަބުތަކަށް ޓަކައި، އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ބުރަކަށިފުޅުން ނެރުއްވުނު ނަބީރަސޫލުންގެ ވާރުތަވެރީން ކަމުގައި ދަޢުވާ ކުރުމުގެ ޙައްޤު، ބަނީ އިސްރާއީލުންނަށް ގެއްލިފައި ވާ ކަމުގެ ނިޔާއަށް، ކީރިތި ޤުރްއާނުގެ އިތުރުން، ޚުދު ހިބްރޫ ބައިބްލްގެ އާޔަތްތަކުން ދަލީލު ލިބޭ ކަމެވެ. އެ ސަބަބަށް ޓަކައި، އެއުރެންގެ ކިބައިން ނަބީރަސޫލުކަން ނެގެވި، އިބްރާހީމްގެފާނުގެ ބުރަކަށިފުޅުން ނެރުއްވުނު އެހެން ޤައުމަކާ، ބަނީ އިސްމާޢީލާ، އެ ޒިންމާ ޙަވާލު ކުރެވުނު ކަމެވެ. އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢްޤޫބުގެފާނުގެ ވިރާޘަތު، މުޙައްމަދީ އުއްމަތާ ޙަވާލު ކުރެވުނު ކަމެވެ.

މިއަދު އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢްޤޫބުގެފާނާއި މޫސާގެފާނާއި ޢީސާގެފާނު (ޢަލައިހިމުއް ޞަލާތު ވައްސަލާމް) ދުނިޔެއަށް ވަޑައިގެންފި ޙާލަތެއްގައި، އެބޭފުޅުން ހުއްޓިވަޑައިގަންނަވާނީ ނެސެޓާއި މޮސާޑާއި އައިޑީއެފްގެ ލީޑަރުންނާ އެކު، ޣައްޒާ ތަޅައި ސުންނާފަތި ކުރަމުންދާ މުޖުރިމުންގެ ސަފުގައި ތޯ، ނުވަތަ ޣައްޒާގައި އަނިޔާ ލިބެމުން ދާ މުސްލިމުންނާ އެކުގައި ތޯ މި ސުވާލަކީ ޖަވާބު ދޭން އުނދަގޫ ސުވާލެއް ނޫނެވެ. އެއްވެސް އޮޅުމެއް ނެތެވެ. ފަލަސްޠީނާއި މުޤައްދަސް ބިމުގެ އެހެނިހެން ކަންކޮޅުތަކުގެ ޙައްޤުވެރީންނަކީ، އިބްރާހީމީ މިއްލަތުގައި، މުޙައްމަދީ ރިސާލަތުގައި ސާބިތު ވެތިބި ތެދުވެރި މުއުމިނުންނާއި މުސްލިމުންނެވެ. ނަސްލީ ގޮތުން ބަނީ އިސްރާއީލަށް ނިސްބަތް ވިޔަސް، ބަނީ އިސްމާޢީލަށް ނިސްބަތް ވިޔަސް، އަދި އެހެން ޖަމާޢަތަކަށް ނިސްބަތް ވިޔަސް ވެހެވެ. މުޤައްދަސް ބިމުގެ ޙައްޤުވެރި މިލްކުވެރީންނަކީ އެއީއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް