ކުށްވެރީންނާ މެދުވެސް

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު ޙާޒިރުކުރެވުނެވެ. އެމީހާ ހުރީ ރާބޮއިގެންނެވެ. އިތުރު ސާހިބާގެ އަރިހުގައި ތިއްބެވި ޞަޙާބީންނަށް ޙަދީޡްކުރެއްވިއެވެ. އެމީހާއަށް އަދަބުދޭށެވެ. އަބޫހުރައިރާ ވިދާޅުވާގޮތުގައި ޞަޙާބީން އެކަލޭގެއަށް އަދަބުދެއްވިއެވެ. އަދަބުދެއްވައި ނިމިވަޑައިގަތުމަށްފަހު އެތަނުން އެއްބޭކަލަކު ވިދާޅުވިއެވެ. "މާތްﷲ ކަލޭގެ ގެއްލެނި ކުރައްވާށިއެވެ." އެހިނދު އިތުރު ސާހިބާ ޙަދީޡް ކުރެއްވިއެވެ. "ތިޔަހެން ނުބުނާށެވެ. އޭނާގެ މައްޗަށް ޝައިޠާނާ އަށް އެހީތެރިވެ ނުދޭށެވެ."

އިސްލާމުދީނުގައި ކުށްވެރިންނަށް އަދަބުދެވެނީ ނަފުރަތުގެ ޖަޒުބާތުގެ ދަށަކުން ނޫނެވެ. އަދި ކީއްތޯއެވެ؟ ހަމައެކަނި މާތްﷲ ގެ ޙައްދުތައް ޤާއިމުކުރުމަށްޓަކައެވެ. އަދަބުދޭ މީހާގެ ހިތުގައި ކުށްވެރިޔާއާ ނިސްބަތް ކުރާއިރު ތިމާގެ މަތިވެރިކަމުގެ އިޙްސާސު އުފެދުމަކީ އިސްލާމުދީނުގެ ނަޒަރުގައި ކުށެކެވެ. އަދަބުދިނުމުގެ އިޚްތިޔާރު ލިބިގެންވަނީ ނަފުރަތުގެ ޖަޒުބާތަށްވުރެ ޚިޔާލުމަތިވެރި މީހުންނަށެވެ. އިޞްލާޙަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އިންސާނިއްޔަތަށް ހެޔޮއެދޭ މީހުންނަށެވެ.

ކުށްވެރިއަކަށް ޙައްޤު އަދަބުދިނުމަށްފަހު އޭނާއަށް އެއްޗެހިގޮވުމަކީ ޝަރީޢަތުގައި ކަނޑައެޅޭ އަދަބުގެ ތެރެއަށް އިންސާނީ އަދަބެއް އިތުރުކުރުމެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއްނޫނެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްވެދެންނެވި އިރުޝާދުން އެނގެނީ ޙައްދު ޤާއިމުކުރައްވާއިރުވެސް ކުށްވެރިންނާމެދު އެކަލޭގެފާނުގެ ހިތްޕުޅުގައި އިންތިހާ ދަރަޖަޔަށް ކުލުނުފުޅު ހުންނަކަމެވެ. ކުށްވެރިޔާއާ ދިމާޔަށް މީހުން އެއްޗެހިގޮވުމުގެ ސަބަބުން އޭނާގެ ހިތުގައި ރައްދުޢަމަލުގެ ނަފްސިއްޔާތު އުފެދުމަކީ އެކަލޭގެފާނު އެދިވަޑައިގަންނަވާ ކަމެއްނޫނެވެ.

އިތުރުސާހިބާ އެދިވަޑައިގަންނަވަނީ ކުށްވެރިޔާއަށް އަދަބު ލިބުމުން އޭނާ އެކަމާ ދެރަވެ އޭނާގެ ހިތުގައި އިޞްލާޙުވުމުގެ ޝައުޤުއުފެދުމެވެ.

މިޙަދީޡާއިން އެނގެނީ މާތްﷲ ގެ އަޅުތަކުންގެ މައްޗަށް ފާރަވެރިވެ ބެލެހެއްޓުންތެރިން ކަމުގައިވުމުގެ ހުއްދަލިބެނީ ކޮންކަހަލަ މިޒާޖެއްގެ ބަޔަކަށްކަމެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަށް ޙައްދުތައް ތަންފީޒުކުރާ ދޭވާނީންކަމުގައި ވާންޖެހެނީ ކޮންކަހަލަ ޠަބީޢަތެއްގެ ބައެއްކަމެވެ. އާދެ އެކަމަށް އިސްކުރެވެންޖެހެނީ ކުށްވެރީންނާމެދުވެސް ހަމްދަރުދީވާ ވަރަށް އެބައެއްގެ ހިތުގައި އިންސާނީ ލޯބި އަށަގެންފައިވާ މީހުންނެވެ. ކުށްވެރިންނަށްވެސް ނަފުރަތު ނުކުރާ މީހުންނެވެ. ކޮންމެ އިންސާނަކުދެކެވެސް ލޯބިވެ ހަމްދަރުދީވާ މީހުންނެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ދަރުބާރުގައި ޙައްދުތައް ތަންފީޒުކުރެއްވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރައްވަމުން ގެންދެވީ ސަޙާބީންގެ ތެރެއިން ކުރިޔަށްތިއްބަވާ މާތްމާތް ބޭކަލުންނަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް