ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވައިފާނދޭވެ!

އެއީ ހިތް ކުދިކުދިވާ ފަދަ މަންޒަރުތަކެކެވެ. ދެލޮލުން ކަރުނަ އޮހޮރޭ ފަދަ ތަސްވީރުތަކެކެވެ. އަނިޔާވެރި ލާ އިންސާނީ އަމަލުތަކެއްގައި، ކުށެއް ނެތް އާންމުންނަށް ކޮށްފައި ހުރި އަނިޔާ އާއި، ފުރާނަ ގެއްލިފައި ތިބި އެތައް ބަޔެއްގެ ހަށިތައް ފެނިފައި، ލަގޮނޑިއަށް ތަދުވެގެން ދެއެވެ. ހިންދިރުވައިލަން ދަތިވެއެވެ. މުސްލިމުންނާ ކުރިމަތިވާ އެންމެ މާތް، އެންމެ މަތިވެރި މައްސަރާ ދިމާކޮށް، ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ޖައްސާ ނިކަމެތި ހާލާއި، ދޭ ގެއްލުމާއި، ކުރާ އަނިޔާގެ މަންޒަރާއި ވީޑިޔޯތައް ފެނުމުން، ހިތަށްވާ ތަދުތައް މިފަދަ އިބާރާތްތަކަކުން ބަޔާންކޮށްދޭކަށް ފަސޭހައެއް ނޫނެވެ.

ފަލަސްތީނުގެ ހަނގުރާމަވެރީން އިޒުރޭލަށް ދޭ ހަމަލާތައް ހުއްޓުވުން ބަހަނާއަކަށް ހަދައިގެން، މި މަހުގެ 8 ވީ އަންގާރަ ދުވަހުން ފެށިގެން ހިންގަމުން ގެންދާ މި އަނިޔާވެރި ޖަރީމާތަކުގައި، މިހާތަނަށް 121 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ މަޢުޞޫމު ކުޑަކުދީންނާއި އަންހެނުންނެވެ. ޒަޚަމްވި މީހުންގެ ޢަދަދު އުޅެނީ މާ މަތީގައެވެ. ހަލާކުކޮށް ސުންނާފަތިކޮށްފައިވާ ގެދޮރާއި އިމާރާތްތައް މަދެއްނޫނެވެ. ކޮންފަދަ ބޮޑު އަނިޔާއެއްތޯއެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟
ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އެމީހެއްގެ ދަރިފުޅު ގެންގުޅޭނީ ނުހަނު ލޯތްބާއެކުގައެވެ. އެ ތުއްތު ދަރިފުޅަށް ކިތަންމެ ކުޑަކުޑަ ގެއްލުމެއް ނުވަތަ އަނިޔާއެއް ވެސް ލިބޭކަށް އެބައިމީހުން ނޭދޭނެއެވެ. ވެއްޓި ގޮތެއް ވެގެން ތަނަކުން ހަންކޮޅެއް މެށުނަސް، އެކަމުގެ ސަބަބުން އެ މަންމައަކާއި ބައްޕައެއްގެ ހިތަށް ވާ ތަދާއި، ކުރާ އަސަރު ކިތަންމެހައި ވެސް ބޮޑުވެއެވެ. ބައްޔެއް ކަމެއް ވިޔަސް ކަންބޮޑުވަނީ ނިހާޔަތަށެވެ. އަބަދު ވެސް ބޭނުންވަނީ އެކުދިންގެ ތުއްތު ތުއްތު ހިނިތުންވުމާއެކު މަޖާކޮށްލާތަން ދެކޭށެވެ. މިއީ ހަމަ ކޮންމެ މަންމައަކާއި ބައްޕައެއްގެ ވެސް އިޙުސާސްތައް ހުންނާނޭ ގޮތެވެ.

ފަލަސްތީނުގައި ވެސް ދިރިއުޅެމުން އެ ގެންދަނީ ހަމަ އަހަރެމެން ފަދަ އިންސާނުންނެވެ. އެ މީހުން ވެސް އެމީހުންގެ ދަރީންދެކެ ލޯބިވާނެއެވެ. ނިހާޔަތަށް ލޯބިވާނެއެވެ. އެއިން ކުއްޖަކަށް ކުޑަކުޑަ މިންވަރެއްގެ ނިކަމެތިކަމެއް ވިޔަސް ލިބޭކަށް ނޭދޭނެއެވެ. އެހެނަސް.... ހިތާމައިގެ ކޮޅެއް ނެތެވެ. އިސްރާއީލު ސިފައިންގެ ލާއިންސާނީ އަނިޔާގެ ސަބަބުން ޒަޚަމްވެ، ލެއިން ކަޅިވެފައި އޮތް ލޯބިލޯބި ފުށްގަނޑެއް ފަދަ މަޢުޞޫމު ދަރިފުޅު އުނގުގައި، ނުވަތަ ކޮނޑުމަތީގައި ބާއްވައިގެން،ކަރުނައިގެ ދާނެއްގައި އިންނަން މިއަދު ޖެހިފައި ވަނީ، ފަލަސްތީނުގެ ކިތައް މައިންނަށް ތޯއެވެ؟ އިއްޔެ މަޖާކޮށް ހީނހީނފައި އުޅުނު "ދޮންދޫނި" މިއަދު އެ އޮތީ، އެ ތުއްތު ހަށިގަނޑުން ފޭބި ލޭގެ ކޯރެއްގައި ފުރާނަ ނެތިފައެވެ. މަންމައަކަށް ބައްޕައަކަށް މިމަންޒަރު ދެކޭން ކެތްވާނެ ހެއްޔެވެ؟ އަހަރެމެންނަށް ހަމަ އިހުސާސް ވެސް ނުކުރެވޭނެއެވެ.

ދެން އޮތީ މީގެ އަނެއްކޮޅެވެ. އިއްޔެ ތުއްތު ދަރިފުޅަށް ނުހަނު ލޯތްބާއެކު ހޭހަންކޮށްދީ، އަތުން ލަވައި ކާންދީ، ލޯތްބާއެކު ފިރުމައި ހެދި އޯގާވެރި މަންމައާއި ބައްޕަގެ ދެއަތެއް މިއަދަކު ނެތެވެ. ދެ ފައި އޮތީ ޗަސްވެފައެވެ. ލޮލަށް ވަނީ ލޭއަރާފައެވެ. ހަށިގަނޑުގައި އެތައް ޒަޚަމެކެވެ. މަރަށް ތެޅެނީއެވެ. ދަރީންކޮޅު އެތިބީ މަންމަގެ ގާތުގައި، ނުވަތަ ބައްޕަގެ ގާތުގައި ރޮއިލަ ރޮއިލައެވެ. މިއަދު އެ މަންމައާއި ބައްޕައަކަށް، އެ ދަރީންގެ ލޮލުން އޮހޭ ކަރުނަ ފޮހެލަދެވޭކަށް ނެތެވެ. ކޮންފަދަ ބޮޑު އަނިޔާއެއް ތޯއެވެ! ކޮންފަދަ ބޭ ރަޙުމްގެ އަމަލުތަކެއް ތޯއެވެ!

އިއްޔެ އެ ކުދީންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިން ގެއެއް މިއަދަކު ނެތެވެ. ވަނީ ބިމާ ހަމަވެފައިވާ ގާފުންޏެއްގެ ސިފައިގައެވެ. އެކުދީންގެ އަންނައުނާއި އެހެނިހެން ތަކެތި ވަނީ އެ ގާފުނީގެ ދަށުގައި ވަޅުލެވިފައެވެ. އަތުގައި ހަމަ އެކައްޗެއް ވެސް ނެތެވެ. އެ ހާލުގައި އެކުދީންނަށް އެންމެ މުހިންމީ، މަންމައާއި ބައްޕައެވެ. އެބައިމީހުން ތިބިއްޔާ ކުރީގެ ދުވަސްތައް އަނެއްކާ ވެސް ލިބިދާނެކަމުގެ އުއްމީދު އެބަ އޮތެވެ. އެހެންކަމުން ދުވާން ފެށެނީ މަންމައާއި ބައްޕަ ފެނޭތޯއެވެ. ރޮމުން ކަރުނަ ފޮހެމުންނެވެ. ފެނިއްޖެއެވެ. މަންމަ ފެނިއްޖެއެވެ. ބައްޕަ ވެސް ފެނިއްޖެއެވެ.

އެހެންނަމަވެސް.... ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ފެނުނީ ސިފަ ވަކިކުރަން ނޭނގޭވަރަށް ޒަޚަމްވެ، ލެއިން ތަތްތެޅި، ފުރާނަ ނެތިފައި އޮތް މަންމައެވެ. ބައްޕައެވެ. ރުއިން ފިޔަވައި އެ ނިކަމެތި ކުދީންކޮޅަށް ކުރެވޭނެ ކަމެއް ނެތެވެ.
ދިވެހީންނޭވެ! އަހަރެމެންނަކީ ވެސް ހަމަ އެ ޖަމާޢަތަށް ނިސްނަތްވާ ބަޔަކީމެވެ. އެއީ މުސްލިމުންނެވެ. އަހަރެމެންނަކީ ވެސް މުސްލިމުންނެވެ. މުސްލިމުންގެ ބަޔަކު އެ ހާލުގައި ރޮއި ހިތާމަކޮށް ފުރާނައާ ހަނގުރާމަ ކުރަމުން ގެންދާއިރު،އެ ވާހަކަދައްކައިލަ ދައްކައިލަ މިހެން ތިބޭކަށް ހަމަ ހެޔޮނުވާނެއެވެ. އެބައިމީހުން އެކަމުން މިންޖުކޮށް ސަލާމަތްކޮށްދޭން މަސައްކަތް ކުރާން އެބަޖެހެއެވެ. އަހަރެމެންގެ ވަރުންނެވެ. ގަބޫލުކުރަމެވެ. އިސްރާއީލު ފަދަ ޔަހޫދީ، އަމުދުން ދުނިޔޭގެ ބޮޑު ބާރުގެ "ދަރީން"ގެ ބާރުހުރި ޖަމާއަތަކާ ކުރިމަތިލެވޭ ފަދަ އާރެއް ބާރެއް އަހަރެމެންގެ ނެތެވެ. އެފަދަ ހަތިޔާރެއް ވެސް ނެތެވެ.

ނޫނެކެވެ! އެހެނެއް ނުބުނެވޭނެއެވެ. ހަތިޔާރަކީ ހަމައެކަނި ބަޑިއާއި މިސައިލާއި ބޮމާއި ރޮކެޓެއް ނޫނެވެ. ޙަޤީޤީ ހަތިޔާރުން އަހަރެމެން ދިވެހިން ވެސް މިވަނީ މުއްސަނދިވެފައެވެ. މިއީ އެ ހަތިޔާރާއެކު މުސްލިމުންގެ ދިފާޢުގައި ނިކުންނާންވީ ވަގުތެވެ. އަހަރެމެންނަށް ލިބިފައިވާ ދުޢާގެ ބާރުގަދަ ހަތިޔާރުގެ ބޭނުން ހިފައިގެން، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ކާމިޔާބާއި ނަސްރަށް އެދި ދުޢާކުރަމާ ހިނގާށެވެ! ޔަހޫދީ ޖަމާޢަތް ބަލިކޮށްދެއްވުން އެދި ދެއަތް އުފުލަމާ ހިނގާށެވެ! ކޮންމެ ނަމާދަކަށްފަހު މި ދުޢާ ތަކުރާރު ކުރަމާ ހިނގާށެވެ! ކޮންމެ ކަމަކަށް ވެސް ކުޅަދުންވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާއަށް، ހަމަ އެއްކަމެއް ވެސް ބޮޑެއް ނުވާނެކަން ހިތުގެ އަޑީން އަހަރެމެން ޤަބޫލު ކުރަމެވެ. އެކަލާނަގެއީ އަނިޔާ ލިބެމުން އަންނަ ފަރާތްތަކުގެ ދުއާ އަވަހަށް އިޖާބަ ކުރައްވާ ރަސްކަލާނގެއެވެ.

ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރިރަސްކަލާކޮ! ފަލަސްތީނުގެ އަނިޔާ ލިބެމުން އަންނަ ނިކަމެތި ރައްޔިތުންނަށް ކެތްތެރިކަން ދެއްވާފާނދޭވެ! އެބައިމީހުންގެ ހިތްތަކަށް ހަމަޖެހުން ދެއްވައިފާނދޭވެ! ޔަހޫދީންގެ ފަރާތުން އެބައިމީހުންނަށް ލިބެމުން އަންނަ އަނިޔާއި ގެއްލުންތަކުން އެބައިމީހުން ސަލާމަތްކޮށްދެއްވައިފާނދޭވެ! ޔަހޫދީންގެ ޖަމާޢަތް ބަލިކުރައްވައި، އެބައި މީހުންގެ މައްޗަށް ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވައިފާނދޭވެ! އާމީން!
ގުޅޭ ޓެގު
comment ކޮމެންޓް