ޕެނަލްޓީ ޖަހައިގެން ސަން ބަލިކޮށް، ސިފައިން ފައިނަލަށް

އެސްޓީއޯ ނޫފަހި ވިމެންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިވެހި ސިފައިން ކްލަބު (ޑީއެސްސީ) ދަތަރު ކޮށްފި އެވެ.

ޑީއެސްސީ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގެ ދެ ވަނަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމާ ބައްދަލުކުރި މެޗު 1-1 ން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން ސަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ޖަހައި ލީޑް ނެގީ ސަން ޓީމުންނެވެ. އެލަނޑު ސަންޓީމަށް ކާމިޔާބު ކޮށްދިނީ ލަންކާ ގައުމީ ޓީމުގެ ފޯވާޑް ހަޝިނީ މަދުޝާނީ އެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި ސިފައިންނަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ އާމިނަތު ޒާހިޔާ އެވެ.

މިރޭގެ މެޗުގައި ސަން ޓީމުން ޖެހި ޕެނަލްޓީތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިން ނަކީ އައިޝަތު މާހިން އާއި އަރީޝާ ރިޒާއެވެ. ޑީއެސްސީއަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިން ކުޅުންތެރިން ނަކީ އާމިނަތު ޒާހިޔާ އާއި ފާތުމަތު އަފްޒާ އައިޝަތު މައީޝާ އަދި މަރިޔަމް ރިފާ އެވެ.

މިރޭ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ސަން ޓީމުގެ ޕާކިސްތާން ކުޅުންތެރިޔާ ހަޖްރާ ހާނެވެ.

މި މުބާރާތުގެ ފައިނަލްގައި ޑީއެސްސީ ބައްދަލުކުރާނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ނިއުރޭޑިއަންޓާއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު