މާލެ އަށް އަމާޒުކޮށްފައިވާ "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ދޫކުރުމުގެ ބުރެއް އިއުލާންކޮށްފި

"ތަނަވަސް ބޯހިޔާވަހި" ކަމުގެ ނަމުގައި ފްލެޓާއި ގޯތި ދިނުމުގެ ބުރެއް ސަރުކާރުން ހުޅުވާލައިފި އެވެ.


މާލޭ މުނިސިޕަލްޓީން މި ފުރުސަތު ހުޅުވާލާފައި ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ "ވެށިފަހި މާލެ" މަޝްރޫއުގެ ދަށުންނެވެ.


މާލޭ މުނިސިޕަލްޓީން މިއަދު ބުނީ ތަނަވަސް ބޯހިޔާވައްސާއި ގޯއްޗަށް އެދޭ ފަރާތްތަކަށް ހާއްސަ ފޯމާއި މައުލޫމާތު ފޮތް މި މަހުގެ 10 އިން ފެށިގެން 16 އަށް ދޫކުރާނެ ކަމަށެވެ. ނަމަވެސް ގޯއްޗާއި ފްލެޓް ދޫކުރަނީ ވެރިރަށް މާލެއިންތޯ ހުޅުމާލެއިންތޯ ވިލިމާލެއިންތޯ މުނިސިލްޕަލްޓީއަކުން ސާފެއްނުކޮށްދިނެވެ.


މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމް ދަށުން ހުޅުވާލި ފުރުސަތުގައި ތަނަވަސް ބޯހިޔާ ވަހިކަމަށް ބަލާފައި ވަނީ ފްލެޓް ކަމަށާއި މި ފިޔަވަހީގައި ދެން ހިމެނެނީ ގޯތި ކަމަށެވެ. 


ނަމަވެސް ފްލެޓާއި ގޯތި ދޫކުރުމުގެ މި ބުރުގައި ދޫކުރަނީ ކިތައް ގޯތި ކަމެއް ކިހާވަރެއްގެ ފްލެޓާއި ކިހާވަރެއްގެ ގޯތި ކަމެއް ވެސް ގޯތި ދޫކުރަނީ ކޮން ސަރަހައްދަކުން ކަން ވެސް އާދަމް މަނިކު ވެސް ވިދާޅެއް ނުވި އެވެ.


"އަޅުގަނޑުމެން އެއޮތީ ފުރުސަތު ހުޅުވާލައި އިއުލާން ކޮށްލާފައި. އޭގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދޭން އަޅުގަނޑު ގަސްދުކުރަނީ އަންނަ އާދީއްތަ ދުވަހު ނޫސްވެރިންނާ އެކު ބާއްވާ ބައްދަލުވުމެއްގައި،" އާދަމް މަނިކު ވިދާޅުވި އެވެ.


ގޯއްޗާއި ތަނަވަސް ބޯހިޔާވަހީގެ ފުރަތަމަ ބުރުގައި ފެލެޓާއި ގޯއްޗަށް އެދުމުގެ ފޯމް ދޫކުރަނީ މުނިސިޕަލްޓީންނާއި މާލޭ އަވަށު އޮފީސްތަކާއި ވިލިމާލެ އާއި ހުޅުމާލޭ އަވަށު އޮފީހުންނެވެ. ­­­


ގޯއްޗަށް އެދޭ ފޯމާއި ތަނަވަސް ބޯ ހިޔާވައްސަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 11 އިން ފެށިގެން ފެބުރުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.


ނޮވެމްބަރު 10 2010ގައި ވެށިފަހި މާލެ މަޝްރޫއު ތައާރަފު ކުރި އިރު ސަރަނގު އާދަމް މަނިކު ވިދާޅުވީ މާލޭގެ 7000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެނީ 600 އަކަފޫޓަށް ވުރެ ކުދި ގޯތިތަކުގައި ކަމަށެވެ. އަދި ވިދާޅުވީ "މާލޭގެ ގޯތިތައް ބޯކިބަލެއްހެން ފޮތި ކުރަމުން ގޮސް ދިރުވައިލާއިރު ކުޑަދުލަށް ވެސް ނޭނގޭ ވަރަށް މާލޭގެ ގޯތިތައް ކުޑަވެފައިވާ" ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ ގޯތިތައް ކުޑަވަމުން ގޮސް 100 އަކަފޫޓުގައި ދިރިއުޅޭ އާއިލާތައް ވަރަށް ގިނަވެފައިވާ ކަމަށެވެ.


މުނިސިޕަލްޓީން ބުނެފައި ގޮތުގައި އެ އޮފީހުގެ ދަފުތަރާ އެކު މާލޭ އާބާދީއަކީ ރާއްޖޭގެ ޖުމްލަ އާބާދީގެ ފަސްބައިކުޅަ އެއްބަ އެވެ. މާލޭގައި ވަޒަންވެރި ވެގެން އުޅޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންނާ އެކު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ މާލެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު