އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް

އެސްޓީއޯ ނޫފަހި ވިމަންސް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމް 4-0 ލަނޑުން ބަލިކޮށް، ތާވަލްގެ އެއް ވަނަ ޓީމުގެ ގޮތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ނިއު ތާވަލްގެ އެއް ވަނަ މަގާމް ހޯދައިގެން ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު އެއް ވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން މުބާރާތުގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި އެމްއެންޑީއެފްއާއި ދެކޮޅަށް ކުޅުނު މެޗް ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި ދެވަނަ މެޗުގައި ޕޮލިސްއާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 4-0 ލަނޑުންނެވެ.

ލައިފް ބޯއީ ޓާފް ދަނޑުގައި މިރޭ ސަން ޓީމް އަތުން މޮޅުވުމުން ނިއު އެއް ވަނަ މަގާމް ގައި އޮތީ ހަތް ޕޮއިންޓާއެކު އެވެ. ދެ ވަނަ މަގާމް ގައި ހަ ޕޮއިންޓާއެކު އޮތީ ނިއު އަތުން މިރޭ ބަލިވި ސަން ޓީމެވެ. ތިން ވަނަ މަގާމް ގައި އޮތީ ހަތަރު ޕޮއިންޓާއެކު އެމްއެންޑީއެފްއެވެ. މުބާރާތުގައި ކުޅުނު އެއްވެސް މެޗެއް ކާމިޔާބު ނުކުރެވުނު ޕޮލިސް އޮތީ ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ސަންޓީމް ކޮޅަށް މިރޭގެ މެޗުގައި ނިއުއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިންޑިއާގެ ގައުމީ ޓީމުގެ ކުޅުންތެރިއާ ބެމްބެމް ދޭވީ އެވެ. އަދި ނިއުގެ އަނެއް ދެ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އައިޝަތު ސަމާ އާއި ސަހުލާ ތައުފީގެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނިއުގެ އިންޑިއާ ކުޅުންތެރިއާ ބެމްބެމް ދޭވީ އެވެ.

ޖުމްލަ ހަތަރު ޓީމު ބައިވެރިވެގެން ކުރިއަށް ގެންދާ މި މުބާރާތުގައި، ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ކުރީގައި އޮންނަ ތިން ޓީމަކަށް ސެމީގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން ސެމީއިން ޖަގާ ހޯދާފައިވާ ތިން ޓީމަކީ ނިއު އާއި ސަން ޓީމާއި އެމްއެންޑީއެފްއެވެ. ސެމީއަށް ދަތުރުކުރާ އެއްވަނަ އަދި ދެ ވަނަ އަށް ދާ ދެ ޓީމުގެ ދެމެދުގައި ފުރަތަމަ ސެމީ ކުޅޭނެއެވެ. އެމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި އެ މެޗުން ބަލިވާ ޓީމަކާއި ތިންވަނައަށް ދިޔަ ޓީމާ ދެމެދު ދެ ވަނަ ސެމީއެއް ކުޅެ އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.

މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ހޯމަދުވަހުގެ ރޭ 9:15 ގައި ބައްދަލުކުރާނީ ސަން އާއި ނިއު އެވެ. އަދި އެ މެޗުން ބަލިވާ ޓީމެއް ބައްދަލުކުރާނީ ސެމީގެ ދެވަނަ މެޗުގައި ސިފައިންނާ އެވެ. ސެމީފައިނަލްގެ ދެވަނަ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ 9:15 ގައެވެ.

މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވާ އިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު ހަވީރު 4:15 ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު