ޕޮލިސް ބަލިކޮށް އެމްއެންޑީއެފް ސެމީ ފައިނަލަށް ދަތުރުކޮށްފި

ނޫފަހި ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ޕޮލިސް އަތުން 3-2 ލަނޑުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލަށް އެމްއެންޑީއެފް ދަތުރުކޮށްފި އެވެ.

ލައިފް ބޯއީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޖަހައި ލީޑް ނެގީ އެމްއެންޑީއެފް އިންނެވެ. އެ ލަނޑު އެމްއެންޑީއެފަށް ކާމިޔާބު ކޮށްދިނީ އާމިނަތު ޒާހިޔާ އެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި އެމްއެންޑީއެފްއިން ލީޑް ނެގިތާ ތިން މިނިޓް ފަހުން ޕޮލިހުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު ޕޮލިސް ކްލަބަށް ކާމިޔާބު ކޮށްދިނީ ސަންފާ އިބްރާހިމް ދީދީ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ޕޮލިސް ކްލަބްގެ ދެ ވަނަ ލަނޑު ޖަހައި މެޗުގެ ލީޑް ނެގިއެވެ. ޕޮލިސް ކްލަބަށް ލީޑް ހޯދުނު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް ސަންފާ އިބްރާހިމް ދީދީ އެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ދެ ވަނަ ހާފުގައި އެމްއެންޑީއެފުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޭނގެ ނަތީޖާއަކަށްވީ ދެ ވަނަ ހާފުގެ 64 ވަނަ މިނެޓުގައި އާމިނަތު ޒާހިޔާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.

ޕޮލިސް އަތުން އެމްއެންޑީއެފް މޮޅު ކޮށްދިން ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސިންވާ އަބްދުލް ލަތީފެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ސިފައިން ކްލަބުގެ އައިމިނަތު ޒާހިޔާ އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ދިވެހި ސިފައިން ކްލަބު ބައްދަލު ކުރާނީ މިމަހުގެ 18 ވަނަ ދުވަހުގެރޭ 21:15 ގައެވެ. އެރޭގެ މެޗްގައި ބައްދަލު ކުރާނީ މިމަހުގެ 16 ވަނަ ދުވަހުުގެ ރޭ ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ސަން ޓީމާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް ބަލިވާ ޓީމަކާއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު