ޕޮލިސް ކްލަބު އަތުން މޮޅުވެ، ނިއު އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ނޫފަހި ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބާއި ވާދަކޮށް، 4-0 ލަނޑުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެ، ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ލައިފް ބޯއީ ޓާފް ދަނޑުގައި މިއަދު ހަވީރު 4:45 ގައި ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައި، ނުރައްކާ ކުރަމުން ދިޔައީ ނިއު ރޭޑިއަންޓުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ނިއުއަށް ލީޑު ނަގައިދިނީ ހަނީފާ އެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ ބެމްބެމް ދޭވީ ކުޅެން އެރުމާއެކު، ނިއުގެ ކުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ ތަން ފެނިގެންދިޔަ އެވެ. އޭނާގެ މޮޅު ކުޅުމާއެކު ނިއު އަށް ލަނޑުތަކެއް ކާމިޔާބުކުރުމުގެ މަގު ތަނަވަސްވެގެން ދިޔަ އެވެ.

އިންޑިއާ ގައުމީ ޓީމަށް ކުޅެމުންދާ މިޑްފީލްޑަރު އުފެއްދި ހަމަލާއެއް ޕޮލިސް ކްލަބުގެ ގޯލުގެ ދަނޑީގައި ޖެހި ނުކުތުމާއެކު، އެ ފުރުސަތުގެ ބޭނުން ހިފައި ނިއުއަށް ލީޑު ފުޅާކޮށްދިނީ ސަމާ އެވެ. މެޗުގައި ނިއު އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޝަހުލާ (ތުއްތުނާ) އެވެ.

މެޗުގައި ނިއުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ ބެމްބެމްގެ ރީތި ބޯޅައަކުންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނިއު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމާއި ދެކޮޅަށެވެ. ލައިފް ބޯއީ ޓާފް ދަނޑުގައި ކުޅޭ މި މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:15 ގައެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު