ކަސްބީންގެ ތުހުމަތަކުން ފިރިހެނުން "ބަދުއަހުލާގީވެފައި"

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖަރީމާއެކެވެ. ދަރިފަސްކޮޅަށް ހުރި ބަލިމަޑުކަމެކެވެ. އެފަދަ ގޯނާ ކުރުމަކީ ރަށްރަށުގައި އާންމު ކަމެކެވެ. އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. މި ނުބައި ޖަރީމާ ހިންގާ މީހުންނަށް އަދަބު ދިނުމަށް ހާއްސަ ގާނޫނެއް އެކުލަވާލީ 2009 ވަނަ އަހަރު އެވެ. އެ ގާނޫނު މަގުސަދަކީ، ކުޑަކުދިންނަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހުންގެ ކިބައިން އެ ކުދިން ސަލާމަތް ކުރެއްވުމެވެ. ނަމަވެސް ގާނޫނުގެ މަގްސަދު ނާޖާއިޒް ގޮތުގައި މިއަދު ހިފަން ފަށައިފި އެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކުޑަކުއްޖާ ބުނާ ބުނުމަށް ވަރަށް ބޮޑު ބުރަދަނެއް ދެވެ އެވެ. ކުޑަކުއްޖަކު، މީހަކު އޭނަ އަށް ޖިންސީ ގޯނާ ކުރަނީ ކަމަށް ބުނެފި ނަމަ، ވަގުތުން އެ މީހަކު ހައްޔަރުކޮށް ތަހުގީގު ފަށަ އެވެ.

ގާނޫނުގައި އެގޮތަށް ލިޔެފައި އޮތީ އެފަދަ ނުބައި ޖަރީމާ ހިންގާ މީހުންގެ މައްސަލަތައް ފަސޭހަކަމާ އެކު ޝަރީއަތަށް ސާބިތުކުރެވޭނެ ގޮތް ހެދުމުގެ ބޭނުމުގަ އެވެ. އެހެންނަމަވެސް ދިވެހި މުޖުތަމައުން މިހާރު ފެނިގެން ދަނީ، "ޒާތީ ހަސަދައެއް" ފިލުވާލުމުގެ ބޭނުމުގައި ކުށެއް ނެތް ބައެއްގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި، ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރުމެވެ. ނަތީޖާއެއްގެ ގޮތުން ކުށެއް ނެތް މީހެއްގެ މައްސަލަ ތަހުގީގު ކުރެވި ތަހުގީގަށް ދީފައިވާ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ބައެއް މީހުންގެ މައްޗަށް ދައުވާތައް އުފުލިފައިވެ އެވެ.

"އަންހެންކުއްޖާ ތަންކޮޅެއް ވިޔާނުދާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ، އެކަމާ ކުއްޖާގެ ބައްޕަ ނުވަތަ ބޭބެ ނުގަބޫލު ވީމަ، ބައްޕަ ނުވަތަ ބޭބެ އެ ކުއްޖާއާ ޖިންސީ އަމަލު ހިންގި ކަމަށް އެ އަންހެންކުއްޖާ އެބަ ބުނޭ. ދެން އެ ކުއްޖާގެ ބަހަށް އެ ކުއްޖާގެ ބޭބެ ނުވަތަ ބައްޕަ ހައްޔަރުކޮށް ތަހުގީގު ނިމެން ކައިރިވާ ފަހުން، ކުއްޖާ މި ބުނަނީ އެއީ ނުހިނގާ ކަމެކޭ. އެއީ ދޮގެކޭ. އޭރު މި އޮންނަނީ ބައްޕަ ނުވަތަ ބޭބެގެ ދިރިއުޅުން ބަރުބާދުވެފައި. އަބުރާއި އިއްޒަތާއި ކަރާމާތް ގެއްލިފައި. މިބާވަތުގެ ދެތިން މައްސަލައެއް އަޅުގަނޑަށް ވެސް ފާހަގަކުރެވިފައި އެބަހުރި،" ކްރިމިނަލް ލޯޔަރެއް ކަމަށްވާ އާދަމް އާސިފު ވިދާޅުވި އެވެ.

ގާނޫނު ބައްޓަންކުރެވިފައި އޮންނަ ގޮތުން އެފަދަ ކަންތައްތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި،
ފަސް ބާވަތެއްގެ ހެކި ހުރެއްޖެ ނަމަ، އެ މައްސަލައެއް ޝަރީއަތަށް ސާބިތުވީ ކަމަށް ކަނޑައެޅިދާނެ ކަމަށް އެ ގާނޫނުގައި ބުނެފައި ވާތީ، އަންހެންކުއްޖާ ދޭ ބަޔާންތަކެއްގެ މައްޗަށް އެކަނި ވެސް ގާނޫނުގައި ބުނާ 12 ކަމެއް ހަމަވާ ކަމަށް ވެސް އާސިފު ވިދާޅުވި އެވެ.

"އެ ގާނޫނުގައި ހެކީގެ ނިސްބަތް ދަށްކުރެވިފައިވާކަން ފާހަގަ ކުރެވޭ. އެ ގާނޫނުގެ 47 ވަނަ މާއްދާ ބުނާ ގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެނަމަ، އެއީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ބެލެވިދާނެ ކަމަށް. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ކުއްޖާދޭ ބަޔާންތަކުގެ މައްޗަށް 12 ކަންތައް އެބަހަމަވޭ. ހަމައެކަނި އެކަންތަކުގެ މައްޗަށް ބިނާކޮށް އެބަހުރި ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން ހުކުމް ކޮށްފައި،" އާސިފް ވިދާޅުވި އެވެ.

ހަމައެކަނި ކުއްޖާ ބުނާ ބުނުމެއްގެ މައްޗަށް އެފަދަ މައްސަލަތައް ސާބިތު ކުރެވޭ ނަމަ، އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭނެ އެވެ. އެގޮތަށް ގާނޫނުގައި ލިޔެވިފައި އޮތުމުން "ޒާތީ ހަސަދަފިލުވުމުގެ" ގޮތުން މީސްމީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި މައްސަލަތައް ފުލުހުންނަށް ހުށަހެޅުމުގެ ދޮރު ހުޅުވިފައިވެ އެވެ.

"އެހެންކަމުން އެކަމަށް އޮތް ހައްލަކީ ގާނޫނުގައި އެ ބުނާ ފަސް ބާވަތުގެ ތެރޭގައި ތަފާތު އެކި ކަންތައްތައް ހުންނަން ޖެހޭނެ ކަމަށް، ގާނޫނުގެ 47 ވަނަ މާއްދާ އިސްލާހު ކުރުން،" އާސިފް ވިދާޅުވި އެވެ.

ކުޑަކުދިންނާ ދެކޮޅަށް އަނދިރި ފަރާތުގައި ހިނގާ ޖިންސީ ޖަރީމާތައް ގާނޫނުން ބާރުލިބިގެން ހުއްޓުވަންޖެހެ އެވެ. ގާނޫނުގެ "ދިގު އަތް" އެ މީހުންގެ މައްޗަށް ގަދަވާންޖެހެ އެވެ. އެކަން ކުރަންޖެހޭނީ ހައްގު ގޮތުގަ އެވެ. ނުހައްގުން އަދަބެއް ދީގެން ނުވާނެ އެވެ. ހައްގު ނޫން ގޮތުގައި އިއްޒަތާއި އަބުރު ގެއްލި، ޖަލުގެ ތޭރިތަކުގައި މީހުން ބަނދެވޭނަމަ އެއީ އިޔާދަނުކުރެވޭނެ އަނިޔާކެވެ.

ފައިސާއަށް ހަށިވިއްކުމަކީ މިހާރު އާންމެވެ. ބިދޭސީނެކޭ ދޭސީނެކޭ މިއަދު ތަފާތެއް ނެތެވެ. އެފަދަ ވިޔަފާރި ހިނގާ ގޮތާއި، ފަރުދީފެންވަރުގައި އެކަން ހުއްޓުވަން، މުޖުތަމައު "ހޭލައްވާލަން" އިދާރާތައް ވަނީ ނުކުޅެދިފަ އެވެ. އެކަމުގައި ވެސް ކުޑަކުދިން ބައިވެރި ކުރުމަކީ އާންމު ކަމެކެވެ.

ރާއްޖޭގައި ހިނގާފައިވާ އެފަދަ މައްސަލަތަކަށް ބަލާއިރު ގިނައީ އަންހެން ކުއްޖާ "ވިޔަފާރިއަށް" އެހެން މީހުންނަށް ހުށަހެޅުންތައް ހުށަހަޅައިގެން ހިންގާފައިވާ އަމަލުތަކެވެ. ތަހުގީގުގައި ބައިވެރިވާ ފުލުހުން މަދުން ނަމަވެސް މީޑިއާ އަށް ތިލަކޮށްފައިވާ ވާހަކަތަކުން އެކަން އިނގެ އެވެ.

ފައިސާދީފައި އަންހެންކުއްޖާއާ އެކު ޖިންސީ އަމަލު ހިންގާ ފަރާތައް ޝަރީއަތުގެ ކުރި މައްޗަށް ހާޒިރުކުރާ ބީދައިން އެ އަންހެން ކުއްޖާ ވެސް ހައްޔަރުކޮށް އޭނަގެ މައްޗަށް ވެސް ޝަރީއަތް ހިންގަންޖެހެ އެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން އެ އަންހެންކުއްޖާ މުޖުތަމައުތެރެއަށް ދޫކުރެވިފައި ހުރެގެނެއް ވެސް ނުވާނެ އެވެ. އެހެންނޫން ނަމަ ފުރަތަމަ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތް ނުނިމެނީސް އެ ބާވަތުގެ އެތަކެއް މައްސަލަތަކެއް އެ ކުއްޖާގެ ފަރާތުން ފެނިގެންދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ފައިސާ އަށް ހަށިވިއްކުމުގެ މައްސަލަތަކުގައި އަންހެންކުއްޖާއަކީ އެ ކަމަށް ހައްދުފަހަނަޅާފައިވާ ކުއްޖަކަށްވާ އިރު ވެސް ގިނަ ފަހަރަށް އެ ކުއްޖާއާ މެދު ފިޔަވަޅުއެޅޭ ތަނެއް ނުފެނެ އެވެ. މާލެ އާއި އަތޮޅުތަކުގައި ހިނގާފައިވާ މިބާވަތުގެ މައްސަލަތަކަށް ބަލާ އިރު ގިނަފަހަރަށް އަންހެންކުއްޖާ އެކަމަށް ދެވިހިފާފައި ހުންނަލެއް ބޮޑުކަމުން މީސްމީހުންނަށް ހުށަހަޅައި ފައިސާ ހޯދައިގެން ހަށިވިއްކުވުމުގެ އަމަލުތައް ހިންގަ އެވެ.

މިބާވަތުގެ މައްސަލައެއްގައި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުވަދު އަތޮޅުގެ ރަށަކުން ހަތް މީހަކު ހައްޔަރުކޮށް، އެ މީހުންގެ ތަހުގީގު އަދިވެސް ދަނީ ކުރަމުންނެވެ. އެ މައްސަލައިގެ އަސްލަށް ބަލާ އިރު އެއަންހެންކުއްޖާ އަކީ މީސްމީހުންނަށް ހުށަހެޅުންތައް ހުށަހަޅައިގެން މީހުންގެ އަތުން ފައިސާ ހޯދައިގެން ހަށިވިއްކުމުގެ އަމަލު ހިންގަމުން އަންނަ ކުއްޖަކަށްވާ އިރު، އެ ކުއްޖާ ހުރީ މުޖުތަމައުތެރެއަށް ދޫކޮށްފަ އެވެ. އެ ކުއްޖާގެ ތަހުގީގެއް ހިންގާތަނެއް ނުފެނެ އެވެ.

"އެ އަންހެން ކުއްޖާ އަކީ އެހެން ރަށަކުން މި ރަށަށް އައިސްއުޅޭ 17 އަހަރުގެ ކުއްޖެއް. ފައިސާ އަށް ހަށިވިއްކި މައްސަލައިގެ ތަހުގީގު ފެށުމާ އެކު އޭނަ މި ރަށުން ދިޔަ. އޭނައާ އެކު ހަށިވިއްކުމުގެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ވަނީ ހައްޔަރުކޮށްފައި. އެހެންނަމަވެސް އެ ކުއްޖާ ހައްޔަރެއް ނުކުރޭ. އޭގެ އެތަކެއް ދުވަސް ފަހުން އަނެއްކާ ވެސް އެ ކުއްޖާ އެބަހުރި މިރަށަށް އައިސް. އަނެއްކާ ވެސް އެފަދަ އަމަލުތައް ހިންގަނީ. އަދިވެސް ކަމާ ބެހޭ ފަރާތަކުން އޭނަ ހައްޔަރުކުރާކަށް ނޫޅޭ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އަމިއްލަ އަށް އެދިގެން މީސްމީހުންގެ އަތުން ފައިސާ ހޯދައިގެން ހަށިވިއްކުމުގެ އަމަލު ހިންގަމުން އަންނަ ކަމަށް އެކުއްޖާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިރު، އޭނާ ހައްޔަރުކޮށް ތަހުގީގު ނުކުރުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އެ ކުއްޖާ ދޫކޮށްފައި ބެހެއްޓުމަކީ، އެފަދަ ކުށްތައް އިތުރުވެގެންދާނެ ކަމެކެވެ. "ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު"ގައި އަންހެންކުއްޖަކާ އެކު ރުހުމުގައި ޖިންސީ އަމަލެއް ހިންގިއަސް އެ މީހަކަށް ހަރުކަށި އަދަބުލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އަންހެންކުއްޖާއާ މެދު އަޅާނެ ފިޔަވަޅެއް އެ ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ކަންމިހެން ހުރުމާ އެކު، އިންސާފުވެރިކަމާއި، ހަމަހަމަކަމާ އެކު، މި މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިސްލާހް ގެންނަން ޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް