އުމަރުގެ މައްޗަށް ދައުވާ ކުރުމުގައި ހަވާލާދީފައިވާ މާއްދާ ބާތިލު ކުރަން އެދިއްޖެ

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުވާކުރުމުގައި ހަވާލާދީފައިވާ މާއްދާ ބާތިލް ކުރުމަށް އޭނާގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.

އުމަރުގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ވަކީލު އާދަމް އާސިފް ވިދާޅުވީ އުމަރުގެ މައްޗަށް ދައުވާ އުފުލުމުގައި ހަވާލާދީފައިވާ މާއްދާ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާ ތައާރަޒުވާ ކަމަށެވެ. އެހެންކަމުން އެ މާއްދާ ބާތިލުކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އުމަރުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ރާއްޖޭގެ އަމަންއަމާންކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކައެއް އޭނާ ދައްކަވާފައިވާ ކަމަށް ތުހުމަތު ކޮށެވެ.

އުމަރުގެ ވަކީލު އާސިފް ވިދާޅުވީ ގާނޫނު ނަންބަރު 4/68ޖ "އާންމު ގާނޫނުތަކެއް"ގެ އަށް ވަނަ މާއްދާގެ ދެވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން އެ ދައުވާ ކޮށްފައިވީ ނަމަވެސް، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ދެމިއޮތްހާ ހިނދަކު މިހާރު ދައުވާކޮށްފައިވާ ގޮތަށް އެ ދައުވާ ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ "އާންމު ގާނޫނުތަކެއް"ގެ އަށް ވަނަ މާއްދާގައި މަނާ ވާހަކައިގެ ތިން ބާވަތެއް ބަޔާންކޮށް އޭގެތެރެއިން "އަމަންއަންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ ހިމަނާފައި އޮތްނަމަވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އަށް ބެލުމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ރާއްޖޭގައި ދެއްކޭނެ ވާހަކަ އާއި ނުދެއްކޭނެ ވާހަކަ ސަރީޚަ ނަސްޚުން ކަޅާއި ހުދުން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އެ މާއްދާގައި އޮތީ 'މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތުގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވޭ' މިފަދައިން. ފަހަރެއްގައި ވެސް މި މާއްދާއިން، އަމަންއާންމުގެ ވާހަކައެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން މަޙުދޫދުވެފައެއް ނެތެވެ،" އުމަރުގެ ވަކީލު އާސިފް ވިދާޅުވި އެވެ.

އުމަރުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ދައުލަތުގެ ފަރާތުން މިއަދު ވަނީ އެދިފަ އެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު ދައުލަތަށް ދެއްވާފަ އެވެ.

އުމަރުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާގައި ސިފައިން "ވަރުބަލި ކުރުމަށް ފަހު" 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަނުމަށް ދޭހަވާގޮތަށް އޭނާ ވާހަކަދައްކަވާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު