ފިޔޯރީ ކުޅި ހިމާޔަތް ކުރަން ރަށު ކައުންސިލުން ފާސްކޮށްފި

ގދ. ފިޔޯރީގައި އޮންނަ ކުޅި ހިމާޔަތް ކުރަން އެރަށު ކައުންސިލުން ފާސްކޮށްފި އެވެ.

ކުޅި ހިމާޔަތް ކުރުމަށް ފިޔޯރީ ކައުންސިލުން ގަރާރެއް ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު އޮތް އެކައުންސިލްގެ މިއަހަރުގެ ނުވަވަނަ ޖަލްސާގަ އެވެ.

އެގަރާރުގައި ބުނެފައި ވަނީ ފިޔޯރީގެ ދެކުނުކޮޅުގައިވާ ކުޅިއަކީ ގުދުރަތީ ގޮތުން ވަރަށް ހާއްސަ ސިފަތަކެއް ލިބިފައިވާ ތަނެއް ކަމަށެވެ. އެގޮތުން އެކުޅިއަކީ ގުދުރަތީ ގޮތުން ބޭންގަ އާލާވާ ކުޅިއެއް ކަމަށާއި އެތަނުގައި ޑިނގާ އާލާވާ ކަމަށާއި އެތަނުގައި ހުއިފި ލަނޑާ ވެސް އާލާ ކުރެވޭ ކަމަށް އެގަރާރުގައިވެ އެވެ.

އަދި ބުނެފައި ވަނީ އެތަނަށް މިހާރު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"... ނަމަވެސް 2012 ވަނަ އަހަރު ފުއްޓަރު ފަރާތަށް ބޮޑުރާޅު އަރައި ކުޅީގެ ދެކުނުކޮޅު ހޭޅިފަށުން ބޮޑުބައެއް ކަނޑައިގެން ގޮސް ބިޔަ ބޮޑެތި ގަސްތައް މުލުން ލުހިގެން ގޮސް ކުޅީގެ ތެރެއަށް އެޅި ، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. ކަނޑައިގެން ދިއަތަން ނުބެއްދި ގިނަ ދުވަސްވުމުގެ ސަބަބުން ލިބެމުންދާ ގެއްލުން ދަނީ އިތުރު ވަމުންނެވެ،" ކުޅި ހިމާޔަތް ކުރަން ނިންމި ސަބަބާ ބެހޭ ގޮތުން ގަރާރުގައިވެ އެވެ.

ކުޅި ހިމާޔަތް ކުރުމަށް ފިޔޯރީ ކައުންސިލުން ފާސްކުރި ޖަލްސާގައި ބޭއްވީ އެރަށު ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން އެރަށު ސްކޫލުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު