އެއްމެދު އިމާރާތް ރަހުނުކޮށް ވިއްކޭ ގޮތަށް ހުށަހެޅި އިސްލާޙު ކޮމެޓީން ފާސްކޮށްފި

ދެ މީހަކަށް ނުވަތަ އެއަށް ވުރެ ގިނަ ބަޔަކަށް އެއްވަރަށް ބެހޭންވާ އެއްމެދު އިމަރާތްތަކުގައި ހިމެނޭ ފްލެޓްތައް ވަކިން ރަހުނުކޮށް ވިއްކުމަށް ބިމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމެޓީން ފާސްކޮށްފި އެވެ.

ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ބިމާ ބެހޭ ގާނޫނުގެ 19 ވަނަ މައްދާ އަށް ހުށަހެޅި އިސްލާހު ގައުމީ ތަރައްގީގެ ކޮމެޓީން ފާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގަ އެވެ.

ބިމާއި ބެހޭ ގާނޫނަށް ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާޙުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ 15 ޖުލައި 2013 ގައެވެ. އަދި ބިލްގެ ބަހުސްކޮށް އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީގެ ކޮމެޓީ އަށް ފޮނުވާފައި ވަނީ 23 ޖުލައި 2013 ގަ އެވެ.

ބިމާއި ބެހޭ ގާނޫނަށް ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާޙްގައި ބުނެފައި ވަނީ އެ ގާނޫނުގެ 19 ވަނަ މާއްދާއަކީ އެ ގާނުނުގެ ހ ކަމުގައި ހަމަޖައްސައި އޭގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

ބިމާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް، އެ ބިމާ ވަތްކަކުން ނުވިއްކޭނެ އެވެ. އަދި، އެއްވެސް ގޯއްޗެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް އެބިމާ ވަތްކަކުން ރަހުނެއް ނުކުރެވޭނެ ކަމަށެވެ.

ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެއްމެދު އިމަރާތަކީ ވަކިހައިސީއްޔަތެއް ލިބިގެންވާ އިމަރާތްތަކަށްވުމާއިއެކު އެއްމެދު އިމަރާތާއި އިމާރާތުގެ ފްލެޓްތަކާއި ގުޅޭގޮތުންކުރާ މުޢާމަލާތްތައް އެ ގާނޫނުގެ 19 ވަނަ މާއްދާގެ ހ އިން އިސްތިސްނާ ވެގެންވާނެ ކަމަށެވެ.

ބިމާއި ބެހޭ ގާނޫނަށް ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާޙް ކޮމެޓީން ފާސްވިނަމަ ވެސް އެއާއި މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތައޅުމުންނެވެ. އެ ބިލް އެގޮތަށް ފާސްވެއްޖެނަމަ އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ރައީސް އެ ބިލް ތަސްދީގް ކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއޫކުރާ ތާރީހުންފެށިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު