މުސްލިމުން އުޅޭ ގޮތް ފެނިގެން ރާއްޖޭގައި އިސްލާމްވި ޑޮކްޓަރު!

މީގެ ކުރިންވެސް މީހުން އިސްލާމް ވާހަކަ އަޑުއިވެ އެވެ. ގިނަ ފަހަރަށް މީހުން އިސްލާމްވާ ވާހަކަ އެނގިފައި އޮންނަނީ މޮޅެތި އިލްމުވެރިންގެ އަގުހުރި ދަރުސްތައް އަޑުއިވިގެންނެވެ. އެ ދަރުސްތައް އަޑުއިވި ހެޔޮމަގު ވިސްނިގެންނެވެ. ނަމަވެސް އޭޑީކޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް ކަމަށްވާ އުމުރުން 49 އަހަރުގެ ޑރ. ބަސްކާރު އިސްލާމް ވެވެވަޑައިގެންފައި ވަނީ އިސްލާމީ ގައުމެއްގައި އިސްލާމުން އުޅޭތަން ފެނިގެންނެވެ.

ދެހާސް ދިހަ ވަނަ އަހަރު ރާއްޖެ އަށް މަސައްކަތް ކުރެއްވުމަށް އިންޑިއާ އިން ވަޑައިގަތް އޭރު ކުރިސްޓިއަނެއް ކަމަށްވާ ޑރ. ބަސްކާރު ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އިސްލާމްވެވަޑައިގެންފަ އެވެ. އިސްލާމްވެވަޑައިގަތުމަށް ފަހު މިހާރު އޭނާގެ ނަން ވެސް ވަނީ ބަދަލުކޮށްފަ އެވެ. މިހާރު އޭނާގެ ނަމަކީ ޑރ. ބައްޝާރު އަބްދުﷲ އެވެ.

ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އިސްލާމްދީނުގެ ހިދާޔަތު ބައްޝާރު ލިބިގަތީ ޖަމިއްޔަތުއް ސަލަފުގެ ރައީސް ޝެއިހު ހަސަން މޫސާ ފިކުރީގެ ކުރިފުޅުމަތީގަ އެވެ. ރޯދަ އާއި ނަމާދާއި ދީނުގެ އެހެން އަޅުކަންތައް ދަސްކުރަމުންދާ ބައްޝާރަށް ކީރިތި ގުރުއާން ދަސްކޮށްދިނުމަށް ޖަމިއްޔަތުއް ސަލަފުން ވަނީ މަސައްކަތް ފަށާފަ އެވެ.

އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ލަވަކިޔުން ހުއްޓާލި އަލީ ރަމީޒު ވިދާޅުވީ އޭނާ އަށް ގުރުއާން ދަސްކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި ގުރުއާން ދަސްކުރުމަށް ބައްޝާރު ވަރަށް ޝައުގުވެރިވާ ކަމަށެވެ.

ބައްޝާރު ވިދާޅުވާ ގޮތުންނަމަ މުސްލިމަކަށް ވީތީ "ވަރަށް ފަހުރުވެރި"ވެ އެވެ. ބައްޝާރު ވަނީ އޭނާ މުސްލިމްއަކަށް ވާން ކުރި ދަތުރު "ސަން"އާ އިއްޔެ ހިއްސާކުރައްވައިފަ އެވެ.
ރާއްޖޭގައި އިސްލާމްވި ޑޮކްޓަރު ސަންއާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވި ގޮތުން އިސްލާމް ދީނަށް ޝައުގުވެރިވީ ދިވެހިން ރޯދަ ހިފާތަން ފެނިގެން ކަމަށް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މީގެ ތިން އަހަރު ކުރިން ރާއްޖެ ވަޑައިގަތް ބައްޝާރު އަށް ރާއްޖެ އަށް ވަޑައިގަނެވުނީ ރޯދަ މަހެއްގަ އެވެ. ހުރިހާ ދިވެހިން ރޯދަ ހިފާކަން އެނގުމުން އޭނާ ރޯދަ ހިއްޕަވަން ޝައުގުވެރިވި އެވެ. އަދި ރޯދަ ހިއްޕަވަން ބޭނުންފުޅުވި އެވެ.

"ހިތަށް އެރި އެ އެންމެން ރޯދަ ހިފަނީ ކޮންމެ ވެސް ފައިދާއެއް އެކަމުގައިވީމައޭ، އެހެންވެ ފުރަތަމަ މަސައްކަތް ކުރީ ރޯދަ ހިފޭތޯ، އެކަމަކު އޭރު ސީރިއަސްއެއް ކޮށެއް ނޫންފެށީ،" ޑރ. ބައްޝާރު ވިދާޅުވި އެވެ.

ރޯދަ ހިފުން ފުރަތަމަ ބައްޝާރަށް ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ. އެގޮތުން އޭނާ އަށް އެއް މަސްދުވަހު ރޯދަ ހިއްޕެވޭ ގޮތެއް ނުވި އެވެ. ނަމަވެސް އޭނާ ހިތްވަރެއް ދުލެއް ނުކުރެެއްވި އެވެ. ޖެހިގެން އައި އަހަރު ވެސް ރޯދަ ހިއްޕެވުމަށް މަސައްކަތްކުރައްވައި އެކަން ކާމިޔާބު ކުރެއްވި އެވެ. އެކަމަކު އޭނާއަކީ އޭރު މުސްލިމެއް ނޫނެވެ. ރޯދަ ހިފުމާ އެކު މީގެ އަހަރެއް ހާ ދުވަސް ކުރިން ބައްޝާރު ވަނީ ނަމާދު ވެސް ކުރައްވަން ފައްޓަވައިފަ އެވެ. އޭރު ވެސް އޭނާއަކީ މުސްލިމެއް ނޫނެވެ. ނަމާދު ކުރަން ބައްޝާރު ފެއްޓެވީ އިސްލާމްދީން ދަސް ކުރުމުގެ ގޮތުންނެވެ.

"ނަމާދު ކުރަން ފެށުމުން ވަަރަށް ޝައުގުވެރިވި، ނަމާދު އޭރުކުރެވެނީ ކޮންމެ ދުވަހަކު ތިން ނަމާދު، ދެން ފަސް ނަމާދު ކުރެވެނީ ހުކުރު ދުވަހު އެކަނި،" ޑރ. ބައްޝާރު މުސްލިމަކަށް ވެވަޑައިގަތުމް ކުރެއްވި މަސައްކަތް ވިދާޅުވި އެވެ.

ބައްޝާރު އިސްލާމް ދީން ދަސްކުރައްވާފައި ވަނީ އިންޓަނެޓް މެދުވެރިކޮށެވެ. އެކަމަށް ތަފާތު ފަރާތްތަކުގެ އެހީތައް އޭނާ އަށް ލިބިވަޑައިގަތެވެ. އެގޮތުން ތަފާތު ރައްޓެހިން މެދުވެރިކޮށް އިސްލާމްދީނާ ބެހޭ ގޮތުން ލިޔެފައިވާ ފޮތްތައް ހޯއްދަވައި އެފޮތްތައް ބައްޝާރު ވިދާޅުވި އެވެ. އޭނާގެ އަމާޒަކަށް ވެފައި ވަނީ އެންމެ ރަނގަޅީ ކޮންދީނެއް ކަން ކަށަވަރު ކުރުމެވެ.

"އަހަރެންނަށް ގަބޫލެއް ނުކުރެވޭ ކަލާންގެ ވަކި ސިފައަކަށް އަހަރެމެންގެ ލޮލަށް ފެންނަން ޖެހޭ ކަމަކަށް، މި ބުނީ އަޅުކަން ކުރާ އިރު ވަކި ފޮޓޯއަކަށް ނޫނީ ވަކި އެއްޗަކަށް އަޅުކަން ކުރަންޖެހޭ ކަމެއް، އަހަރެން ގަބޫލުކުރެވޭ ގޮތުގައި ކަލާންގެ ވޭ ހުރިހާތަނަކު ވެސް، އެއީ ﷲ،" ބައްޝާރު ވިދާޅުވި އެވެ.

ނަމާދުކުރެއްވީ ވެސް އަދި ރޯދަ ހިއްޕެވީ ވެސް ބައްޝާރު އިސްލާމް ދީން ޓެސްޓް ކުރުމުގެ ގޮތުންނެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ އޭނާ ކުރިސްޓިއަން ދީނުގައި ހުންނެވި އިރު ލިބިވަޑައިނުގަތް އެތައް ހިންހަމަޖެހުމެއް މިހާރު އޭނާ އަށް ލިބިވަޑައިގަންނަވަ އެވެ. އަދި މުސްލިމަކަށް ވެވުނީތީ ފަހުރުވެރިވާ ކަމަށް ބައްޝާރު ވިދާޅުވި އެވެ. ބައްޝާރު ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މުސްލިމްއަކަށް ވުމަށް ފަހު އިސްލާމްދީނުގެ މަތީގައި ސާބިތުވެ ދެމިހުރުމަށް އަޒުމް ކަނޑައަޅުއްވައިފަ އެވެ.

ބައްޝާރުގެ ކުރީގެ ދިރިއުޅުން މިހާރު ވަނީ ބަދަލުކުރައްވައިފަ އެވެ. މިއަދު އޭނާ އަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ ނަމާދުކުރުމަށް ފަރުވާތެރިވާ ބޭފުޅެކެވެ. އަދި އޭނާ މިހާރު ދަނީ ގުރުއާން ކިޔެވުމަށް ވެސް ދަސް ކުރައްވަމުންނެވެ. އޭނާ މިހާރު ވިދާޅުވާ ގޮތުން ނަމަ މުސްލިމަށް ވެވުނުކަމީ އޭނާގެ ނަސީބެވެ.

"އަހަރެންނަށް ގަބޫލް ކުރެވޭގޮތުގައި ނަމާދު ކުރުމަކީ ހުރިހާ ކަމަކަށް ވެސް އޮތް ޝިފާއެއް" ބައްޝާރު ވިދާޅުވި އެވެ.

ބައްޝާރަކީ ނަސާރާ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ އަންހެނުންނަކީ ވެސް ނަސާރާ ދީނަށް ތަބާވާ މީހެކެވެ. ބައްޝާރު ވިދާޅުވި ގޮތުގައި އޭނާ އިސްލާމްދީން ގަބޫލްކުރުމުން އޭނާގެ އާއިލާގެ ފަރާތުން އެއްވެސް ހިތްހަމަނުޖެހުމަކާއި ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން މީހުން އިސްލާމް ދީނަށް ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަހަރެންގެ ވަރަށް ގިނަ އެކުވެރިންނާއި އަހަރެން ދަންނަ ވަރަށް ގިނަ މީހުން މިހާރު ވަނީ އިސްލާމްދީނަށް ބަދަލުވެފައި، އަހަރެން އަދިވެސް މަސައްކަތް ކުރާނަން އެހެން މީހުނަށް ވިސްނައިދީ މިދީނަށް ގެނައުމަށް،" ބައްޝާރު ވިދާޅުވި އެވެ.

ޑރ. ބައްޝާރު ވިދާޅުވާ ގޮތުން ނަމަ ރާއްޖެ އާދެވުނުކަން އެއީ އޭނާގެ ނަސީބެވެ. މުސްލިމުން އުޅޭގޮތްފެނި މުސްލިމަކަށް ވެވުނީތީ އޭނާ ފަހުރިވެރިވެ އެވެ. ބައްޝާރުގެ މިހާރުގެ ހުރިހާ ވެސް އުންމީދަކީ އިސްލާމް ދީނުގެ މަތީގައި ދެމިހުރުމެވެ.
ރާއްޖޭގައި އިސްލާމްވި ޑޮކްޓަރު ސަންއާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވި ގޮތުން އިސްލާމް ދީނަށް ޝައުގުވެރިވީ ދިވެހިން ރޯދަ ހިފާތަން ފެނިގެން ކަމަށް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ގުޅޭ ޓެގު
comment ކޮމެންޓް