ފަލަސްތީނުގެ "ޙަމާސް"އާއި "ފަތްހު" އެއްގަލަކަށް އެރުމުން އެމެރިކާއާއި އިސްރާއީލު ރަތަށް

ވޮޝިންޓަން (އެޕްރީލް 24) : ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އެންމެ ބޮޑު ދެ ޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދުގައިވާ ދެކޮޅުވެރިކަމާއި ދެބަސްވުންތައްނައްތާލުމަށް ނިންމިކަން އެދެޖަމާއަތުން އިއުލާން ކުރުމުން އެކަމާމެދު ކަންބޮޑުވެ މާޔޫސްވާކަން އެމެރިކާ ހާމަކޮށްފި އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާނާ ޖީން ސެކީ ވިދާޅުވީ ހަމާސްއާ އެކު އޮންނަ ދުޝްމަންކަމާއި ދެކޮޅުވެރިކަން ނިމުމަކަށް ގެނަސް އެޖަމާއަތާ ގުޅިގެން މަސައްކަތްކުރުމަށް ފަތްހު ޖަމާއަތުން ނިންމި ނިންމުމަކީ އެމެރިކާއަށް ކަންބޮޑުވުމާއި މާޔޫސްކަން ގެނަސްދިން ކަމެއް ކަމަށާ މިކަމުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ ސުލްހައަށް ހުރަސްއެޅި މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެގެންދާނެ ކަމުގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވެސްވަނީ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތުގެ މިނިންމުމާ ގުޅިގެން އިސްރާއީލު ނޫނީ ހަމާސް ޚިޔާރު ކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ގޮވާލައްވާފައެވެ. އަދި އިސްރާއީލާއި ފަލަސްތީނާ ދެމެދު ބޭއްވުމަށް ހަމަޖައްސާފައިވާ ސުލްހައިގެ ވާހަކަތަކުގެ ބުރެއްވެސް މިކަމާގުޅިގެން އިސްރާއީލުންވަނީ ކެންސަލް ކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ (ހަމާސް އާއި ފަތްހު ޖަމާއަތްފަދަ ފަލަސްތީނުގެ ޖަމާއަތްތައް) ޖައްސައި އެތެރޭގައި ފިތްނަ އުފައްދައިގެން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ.

ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދުގައިވާ ދެކޮޅުވެރިކަމާއި ދެބަސްވުންތައްނައްތާލުމަށް ވެފައި ވާއެއްބަސްވުން ތަންފީޒުކުރަން ފެށިކަން އެދެޖަމާއަތުން އިއްޔެވަނީ އިޢުލާންކޮށްފައެވެ. މިކަން އިއުލާން ކުރައްވަމުން ޙަމާސްގެ އިސްވެރިއެއް ކަމަށްވާ އިސްމާޢީލް ހަނިއްޔާއާއި ފަތްހު ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ އައްޒާމުލްއަހްމަދު ވިދާޅުވީ އެދެޖަމާއަތުގެ ދެމެދުގައިވާ 7 އަހަރުވީ ދެކޮޅުވެރިކަން މިހިސާބުން ނިމުމަކަށް އައީ ކަމަށާ އެދެޖަމާއަތުގެ ދެމެދުގައި މިހާތަނަށްއޮތް ދެކޮޅުވެރިކަމަކީ މިހާރު މާޒީ ކަމުގައެވެ.ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދުގައިވާ ދެކޮޅުވެރިކަމާއި ޚިލާފުތައްނައްތާލުމަށް ވެފައި ވާއެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން އެޅުމަށް ނިންމި ފިޔަވަޅުތަކުގެ ތެރޭގައި އެދެޖަމާއަތް ގުޅިގެން ފަލަސްތީނުގައި ޓެކްނޯކްރޭޓުންގެ ސަރުކާރެއް ކުރިޔަށްއޮތް 5 ހަފްތާތެރޭގައި އެކުލަވާލުންވެސް ހިމެނެއެވެ.

ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދު ޣައްޒާގައި ކުރިޔަށްދިޔަ އެއްދުވަހުގެ ވާހަކަތަކަކަށްފަހު މިކަން އިޢްލާން ކުރައްވަމުން ޙަމާސްގެ އިސްވެރިއެއް ކަމަށްވާ ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާޢީލް ހަނިއްޔާ ވިދާޅުވީ މިއީ ފަލަސްތީނުގެ އެންމެހާ ރައްޔިތުންނަށް އުފާވެރިކަން ގެނަސްދޭނެ ޚަބަރެއްކަމުގައެވެ.ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދުގައިވާ ދެކޮޅުވެރިކަން ނައްތާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން އެޅުމަށް އެދެފަރާތުން އެއްބަސްވި ފިޔަވަޅުތަކުގެ ތެރޭގައި ގުޅިފައިވާ ސަރުކާރެއް ކުރިޔަށްއޮތް 5 ހަފްތާތެރޭގައި ފަލަސްތީނުގައި އެކުލަވާލުމާއި މިސަރުކާރު ވެރިކަމާ ޙަވާލުވާތާ 6 މަސްދުވަހުގެ ތެރޭގައި ފަލަސްތީނުގައި ޕާލަމެންޓްރީ އިންތިޚާބާއި ރިޔާސީ އިންތިޚާބެއް ބާއްވައިގެން ރައީސަކާއި ޕާލަމެންޓެއް އިންތިޚާބު ކުރުންވެސް ހިމެނެއެވެ.

ޙަމާސް އާއި ފަތްހު ޖަމާއަތާ ދެމެދު ދެބަސްވުންތައް އުފެދި ދެފަރާތުގެ ދެމެދުގައި ކުރިމަތިލުކަމަށް ގޮސްފައިވަނީ 2005 ވަނަ އަހަރު ބޭއްވި ފަލަސްތީނުގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކޮށްގެން ވެރިކަމަށް އައި ޙަމާސްއަށް ނިސްބަތްވާ ސަރުކާރު، ރައީސް މަހްމޫދު ޢައްބާސް އުވާލެއްވުމާ ގުޅިގެންނެވެ. ޢައްބާސް މިކަން ކުރައްވާފައިވަނީ ޙަމާސްއަކީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ޖިހާދުކުރަމުން ގެންދާ ޖަމާއަތަކަށްވާތީ ފަލަސްތީނުގެ ވެރިކަމުން އެޖަމާއަތް ދުރުކުރުމަށް އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ކުރިމަތިކުރި ވަރުގަދަ ފިއްތުންތަކާ ގުޅިގެންނެވެ.
ޙަމާސްގެ ސަރުކާރު އުވާލައި ފަލަސްތީނުގެ ވެރިކަމުން އެޖަމާއަތް ދުރުކުރުމަށް އެދުވަސްވަރު ރައީސް މަހްމޫދު އައްބާސް އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ 2006 ވަނައަހަރު ހަމާސްއާއި ފަތްހު ޖަމާއަތާ ދެމެދު ޣައްޒާގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި ފަލަސްތީނުގައި ދާޚިލީ ފިތްނައެއް އުފެދިގެންދިޔުން. މިކުރިމަތިލުންތަކާ އަދި ފިތްނައާއެކު ޙަމާސްއިންވަނީ ރައީސް އައްބާސްގެ ސަރުކާރާއި ފަތްހު ޖަމާއަތް ޣައްޒާއިން ބޭރުކޮށްލައި ޙަމާސްއަށް ނިސްބަތްވާ ވަކި ސަރުކާރެއް ޣައްޒާގައި ގާއިމްކޮށް ވެރިކަން ކުރަންފަށާފައެވެ. ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް ޙަމާސްއާއި ފަތްހު ޖަމާއަތުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ކުރިޔަށްއޮތް 5 ހަފްތާތެރޭގައި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އުފެދިގެންދާނީ ގުޅިފައިވާ އެއް ސަރުކާރު ކަމަށް ޚަބަރުތައްބުނެއެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު