އޮސްޓްރޭލިޔާ އަސްކަރީ ބާރުވަރުގަދަކުރުމަށް އެމެރިކާ އިން ފައިޓާ ޖެޓް ގަތުމަށް ނިންމައިފި

ކެންބެރާ (އެޕްރީލް 24): އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ޢަސްކަރީ ފައިޓާ ޖެޓް ކަމަށްވާ އެފް 35 މަރުކާގެ 58 ބޯޓުގަތުމަށް ނިންމައިފިކަން އޮސްޓްރޭލިޔާ އިން ހާމަކޮށްފި އެވެ.

އޮސްޓްރޭލިޔާ ސަރުކާރުން ބުނީ މި 35 ފައިޓާ ޖެޓްގެ އަގު 11.5 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށާއި ނަމަވެސް މިއީ އޮސްޓްރޭލިޔާގެ ވައިގެ ދިފާޢީ ބާރުތައް ވަރުގަދަކޮށް ޒަމާނީ ކުރުމަށް ކޮންމެހެން ބޭނުންވާ ބޯޓުތަކެއް ކަމުގަ އެވެ. މިބޯޓުތައް ގަތުމާބެހޭ ގޮތުން ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް ވިދާޅުވީ އެފް 35 މަރުކާގެ 58 ބޯޓުގަތުމަށް ބޭނުންވާ 11.5 ބިލިޔަން ޑޮލަރު ބަޖެޓްތެރޭން ހަމަޖެއްސުމަށް ފާއިތިވި 10 ވަރަކަށް އަހަރުތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން މިފައިސާ ހޯދުމަށް މިހާރު ދަތިކަމެއްނެތް ކަމުގަ އެވެ. އަދި ތަރައްގީގެ ސެކްޓަރުތަކަށް ޚާއްސަކޮށްފައިވާ ފައިސާ އިން އެއްވެސް ބައެއް އުނިނުކޮށް މިފައިސާ ހަމަޖެއްސޭނެ ކަމަށް ވެސް އެބޮޓް ވިދާޅުވި އެވެ.

އޮސްޓްރޭލިޔާގެ ވައިގެ ސިފައިންގެ ފްލީޓަށް މި 35 ފައިޓާ ޖެޓް އިތުރުވެގެން ދިޔުމުން ސަރަހައްދީ ބާރެއްގެ ގޮތުގައި އޮސްޓްރޭލިޔާ އަށް މިހާރު ލިބިފައިވާ މަގާމް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އެބޮޓް ވިދާޅުވި އެވެ. އެފް 35 މަރުކާގެ ފައިޓާ ޖެޓް ޢަސްކަރީ ބޯޓަކީ ރާޑަރަށް ނާރާ ބާވަތުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓެކެވެ.

އޮސްޓްރޭލިޔާ އިން 2009 ވަނަ އަހަރު ވެސް މިމަރުކާގެ 14 ބޯޓު ގަނެފައިވެ އެވެ. އޮސްޓްރޭލިޔާއަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އަސްކަރީ ބާރުގަދަ ކުރުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް ވާގިވެރިވާ އަދި ދިފާޢީ ކަންކަމުގައި އެމެރިކާއަށް ބަރޯސާކުރާ ގައުމެކެވެ. މިގޮތުން އޮސްޓްރޭލިޔާ އިން ވަނީ އެމެރިކާ ސިފައިންނަށް ޢަސްކަރީ ފަސޭހަތައް ދިނުމުގެ އެއްބަސްވުމެއްގައި ވެސް އެމެރިކާއާ އެކު ސޮއިކޮށްފަ އެވެ. މީގެ އިތުރުން އޭޝިޔާ ޕެސިފިކްގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި އެސަހައްދުގައި އެމެރިކާގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި އެޖެންޓެއްގެ ދައުރު އަދާކުރާ ކަމުގެ ތުހުމަތު އޮސްޓްރޭލިޔާގެ މައްޗަށް ކުރެވިފައިވެ އެވެ.

އޮސްޓްރޭލިޔާގެ ސަރުކާރުން ދާދިފަހުން ވަނީ އެގައުމުގެ އުތުރުގެ ސަރަހައްދާއި ނިއުސައުތް ވޭލްޒްގައިވާ ޢަސްކަރީ ދެ ބޭސް އިތުރަށް ތަރައްގީ ކުރުމަށް ޓަކައި 1.6 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެކަން ވެސް ހާމަކޮށްފަ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު