ބެންޒެމާގެ ލަނޑުން ބަޔާން އަތުން ރެއާލް މޮޅުވެއްޖެ

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކް ކޮޅަށް ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 ލަނޑުން ރެއާލް މޮޅުވެއްޖެ އެވެ.

ރެއާލްގެ ސެންޓިއާގޯ ބެރްނަބެއޫގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމަށް ބެންޒެމާ ލީޑު ހޯދައިދިނީ 19 މިނެޓްގަ އެވެ. މި ބައްޔަކީ މުބާރާތުގައި ބަޔާން އަށް ކުރިމަތިލާން ޖެހުނު ދެވަނަ ބައްޔެވެ. ނަމަވެސް މެޗުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު، ރެއާލްގެ ފަރާތުން މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ރެއާލް އަށެވެ. އެގޮތުން ރެއާލް އަށް ލީޑު ފުޅާކުރަން ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އާޖެންޓީނާ މިޑްފީލްޑަރު އެންޖެލް ޑި މަރީއާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ އާރްޔެން ރޮބެން އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ.

ދެވަނަ ހާފުގައި ބަޔާން އިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތްކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ ރެއާލްގެ ޑިފެންޑަރުންނާއި ގޯލްކީޕަރު އިކާ ކަސިޔަސް އެވެ. ދެވަނަ ހާފުގައި ކަސިޔަސްގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މެޗުގައި ބަޔާންއަށް ލަނޑެއް ނުޖެހި، މެޗު ނިމިގެން ދިޔައީ ހިތި ރަހަތަކަކާއި އެކު އެވެ. ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ހަފްތާ އަންގާރަ ދުވަހު އެވެ. މި މެޗު ކުޅޭނީ ބަޔާންގެ އާލިއާންޒް އެރީނާގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު