ގައުމީ ޓީމު ތައިލެންޑަށް މިއަދު ފުރަނީ

އަންނަ މަހު ފަށާ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމު ތައިލެންޑުގައި ކޭމްޕް ކުރުމަށް ފުރަން ނިންމައިފި އެވެ.

ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވީ، ގައުމީ ޓީމު ތައިލެންޑަށް ފުރުމަށް ހަމަޖެހިފައި ވަނީ މިއަދު ކަމަށާއި މިހާތަނަށް ގައުމީ ޓީމު ޓްރެއިނިންގް އަށް ގޮސް ނުލިބޭ ފަދަ ޝަރަފަކާއި އިއްޒަތެއް ގައުމީ ޓީމަށް އެ ގައުމުން ލިބޭނެ ކަމަށެވެ.

"ގައުމީ ޓީމު މިއަދު ތައިލެންޑަށް ފުރާނެ. އަޅުގަނޑުމެން ތައިލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އާއި ސަރުކާރާއި ވާހަކަ ދައްކައިފައި ވާނެ. މިހާތަނަށް ގައުމީ ޓީމު ޓްރެއިނިންގް އަށް ގޮސް ނުލިބޭ ފަދަ ޝަރަފަކާއި އިއްޒަތެއް އަދި ޓްރެއިނިންގް އަށް ބޭނުންވާ ހުރިހާ ކަމެއް ގައުމީ ޓީމަށް އެ ގައުމުން ލިބޭނެ،" އިލްހާމް ވިދާޅުވި އެވެ.

ގައުމީ ޓީމުގެ މެނޭޖަރު އަހްމަދު މަހްލޫފު ވިދާޅުވީ، ގައުމީ ޓީމުގެ ޓްރިއިނިންގްތަކަށް މިއަދު ތައިލެންޑަށް ގޮސް ގައުމީ ޓިމު އެނބުރި އަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

"އަޅުގަނޑުމެން އެނބުރި އައުމަށް ރޭވިފައި ވަނީ އަންނަ މަހު ފަސްވަނަ ދުވަހު. މިކުރާ ދަތުރުގައި މިހާރު އޮތްގޮތުން އަޅުގަނޑުމެން ފުރަތަމަ މެޗެއް ކުޅެނީ މިމަހު 27 ވަނަ ދުވަހު. އެއަށްފަހު، 28 ވަނަ ދުވަހު ކުޅެފަ، އަންނަ މަހު އެއްވަނަ ދުވަހު މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފަ ވަނީ. އެ މެޗުތައް ކުޅޭނީ ވަރުގަދަ ދެ ކްލަބާއި ދެކޮޅަށާއި 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ތައިލެންޑް ގައުމީ ޓީމާއެކު ވެސް މެޗެއް ކުޅޭނެ،" މަހްލޫފު ވިދާޅުވި އެވެ.

ތައިލެންޑަށް ގައުމީ ޓީމު ދަތުރު ފަށާއިރު، ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ބޮޑު އަނިޔާއަކާއި ކުރިމަތިލަމުން ނުދާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ މަހު 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. ޗެލެންޖް ކަޕުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު