އުތުރުކޮރެޔާ އިން އާދަޔާ ޚިލާފު ނިއުކްލިޔާ ހަރަކާތްތަކެއް ފެންނަމުންދާ ކަމަށް ބުނެފި

ސޯލް (އެޕްރީލް 23): އުތުރުކޮރެޔާގެ ނިއުކްލިޔާ ތަޖްރިބާތަކާ ބެހޭ ސަރަހައްދުތަކުގައި އެގައުމުން އާދަޔާ ޚިލާފު ހަރަކާތްތަކެއް ހިނގަމުން ގެންދާކަން ފާހަގަ ކުރެވޭ ކަމަށް ދެކުނު ކޮރެޔާ އިން ބުނެފި އެވެ.

ދެކުނު ކޮރެޔާގެ ދިފާއީ ވުޒާރާގެ ތަރްޖަމާނަކު ވިދާޅުވީ އުތުރުކޮރެޔާ އިން ނިއުކްލިޔާ ތަޖްރިބާތައް ކޮށްފައިވާ ބޮންގިރީ ސަރަހައްދުގައި އެގައުމުގެ ސިފައިން އާދަޔާ ޚިލާފު ހަރަކާތްތަކެއް ހިންގަމުންގެންދާކަން ދެކުނުކޮރެޔާގެ ސިފައިންނަށް ފާހަގަކުރެވެމުންދާ ކަމުގަ އެވެ. މިއީ ނިއުކްލިޔާ އިތުރު ތަޖްރިބާއެއް ކުއްލި ގޮތަކަށް ކުރުމަށް އުތުރު ކޮރެޔާ ރާވަމުންދާ ރޭވުމަކަށް ވެދާނެ ކަމަށާ ނޫނީ މިއީ ނިއުކްލިޔާ ތަޖްރިބާއެއް ކުރަން އުޅޭކަން ދެއްކުމުގެ ގޮތުން އުތުރުކޮރެޔާ އިން ހިންގާ ހަރަކާތްތަކަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ދެކުނު ކޮރެޔާގެ ދިފާއީ ވުޒާރާގެ ތަރްޖަމާން ވިދާޅުވި އެވެ.
ދެކުނު ކޮރެޔާ ސަރުކާރުން މިހެން ބުނެފައި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިރުމަތީ އޭޝިޔާ އަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފައި ވަނިކޮށެވެ. މިދަތުރުފުޅުގައި އޮބާމާ އިއްޔެ ޖަޕާނަށް ވަޑައިގެންފައިވާ އިރު އަންނަ ހުކުރު ދުވަހު އޮބާމާ ދެކުނު ކޮރެޔާއަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އުތުރުކޮރެޔާއާ ކުރިމަތިލުމުގައި ދެކުނު ކޮރެޔާ އިން އެހީތެރިކަމާއި މަދަދަށް އެދެމުންދަނީ އެމެރިކާގެ ކިބައިން ކަމަށްވާ އިރު ދެކޮރެޔާގެ ދެމެދުގައިވާ އަރާރުންތަކުގެ އަސްލަކީ އެމެރިކާ ކަމަށް އުތުރުކޮރެޔާ ތުހުމަތު ކުރެ އެވެ.

އުތުރުކޮރެޔާއިން ފުރަތަމަ ނިއުކްލިޔާ ތަޖްރިބާއެއްކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. ދެވަނަ ތަޖްރިބާއެއް ކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު ނިއުކްލިޔާ ތިން ވަނަ ތަޖްރިބާއެއް ވެސް އުތުރުކޮރެޔާ އިން ކޮށްފައިވެ އެވެ. (ބީ.ބީ.ސީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު