ދީނީ މައުލޫމާތު ހިއްސާކުރުމަށް "ޑިސްކަވާ އިސްލާމް"އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެކިއެކި ކަންކަމުގައި ދީނީ މައުލޫމާތު ރާއްޖެއަށް ހިއްސާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ ފެންވަރެއްގައި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ބަހްރައިންގެ "ޑިސްކަވާ އިސްލާމް" އާއިއެކު އިސްލާމިކް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި ޑިސްކަވާ އިސްލާމް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ، އެ ސޮސައިޓީގެ ވައިސް ޗެއާމަން ޝެއިހް އިސާމް މުހައްމަދު އިޝާގް އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، "ޑިސްކަވާ އިސްލާމް" އާއިއެކު މިއަދު ވެވުނު އެއްބަސްވުމަކީ މީގެ ދެ އަހަރު ކުރިންސުރެ ސޮއިކުރުމަށް ތައްޔާރުވެފައިވާ އެއްބަސްވުމެއް ކަމަށާއި ސޮއިކުރުން ލަސްވީ އެ ޖަމާއަތުގެ ފަރާތްތަކަށް ވަގުތު ނުވުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އެ މުއައްސަސާއަކީ ރާއްޖެއާއި ވަރަށް ގާތްގުޅުމެއް ބާއްވަމުން ގެންދަވާ ފަރާތެއް ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބާއްވާ މައުރަޒުތަކަށް ފޮތް ހަދިޔާކުރުމުގެ އިތުރުން، ޓުއާ ގައިޑުން ތަމްރީން ކުރުމުގައިވެސް މީގެ ކުރިން ޑިސްކަވާ އިސްލާމްގެ ފަރާތުން އެހީތެރިވެދީފައިވާ ކަމަށެވެ.

ބަހުރައިންގެ ޑިސްކަވާ އިސްލާމް ސޮައިޓީއަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އިސްލާމްދީން ތައާރަފްކޮށް ޒަމާނީ ވަސީލަތްތަކުގައި އަލީގައި އިސްލާމްދީނާ ގުޅޭ އަދި ކީރިތި ރަސޫލާ އާއި ގުޅޭ މައުލޫމާތު ފެތުރުމުގައި މަސައްކަތްކުރާތާ 30 އަހަރުވެފައިވާ ޖަމްއިއްޔާ އެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު