ޒޯން ސްޓޭޑިއަމްގައި ހަރުކުރާ ލައިޓްތައް މިމަހު 27 ގައި ރާއްޖެ ގެންނާނެ: މަލީހް

އަންނަ މަހު ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ޒޯން ސްޓޭޑިއަމްގައި ސްރިލަންކާ ސަރުކާރުގެ އެހީގައި ހަރުކުރާ ލައިޓިން ސިސްޓަމް މިމަހުގެ 27 ވަނަ ދުވަހު ރާއްޖެ ގެންނާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި މަލީހް ވިދާޅުވީ، ޒޯން ސްޓޭޑިއަމްގައި ހަރުކުރާ ލައިޓިން ސިސްޓަމަކީ ސްރީލަންކާގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ހިލޭ އެހީގެ ދަށުން ހަރުކުރާ ލައިޓިން ސިސްޓަމެއް ކަމަށެވެ. އަދި ޒޯން ސްޓޭޑިއަމްގައި ލައިޓިން ސިސްޓަމް ހަރުކުރުމަށްޓަކައި ކުރަންޖެހޭ ސާވޭ ކުރުމަށް މިދިޔަ އަންގާރަ ދުވަހު އައްޑޫއަށް ދިޔަ ލަންކާގެ ސާވޭޓީމް މިހާރު ފުރާފައިވާ ކަމަށާއި ދެން އެޓީމް ރާއްޖެ އަންނާނީ މިމަހުގެ 27ގައި ލައިޓުތައް ހިފައިގެން ކަމަށެވެ.

"ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރި މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިއްމާލެވޭނެ. އަދި ޒޯން ސްޓޭޑިއަމްގައި ހަރުކުރާ ލައިޓިން މަސައްކަތް ވެސް އަންނަ މަހުގެ 10 ކުރިން މުޅިން ނިއްމާލެވޭނެ. އައްޑޫ ޒޯން ސްޓޭޑިއަމްގައި ހަރުކުރާ ލައިޓިން ސިސްޓަމަކީ ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަރުކުރާ ލައިޓިން ސިސްޓަމެއް" މަލީހް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް މިހާރު ވަނީ ހަދައި ނިމިފައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޗެލެންޖް ކަޕްގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްގާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު