ނިޒާރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާއާ ދެކޮޅަށް ހެކި ހުށަހަޅަން ފުރުސަތުދީފި

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލ. ގަން، ތުނޑި، ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާއާ ދެކޮޅަށް ހެކި ހުށަހެޅުމަށް ޖުވެނައިލް ކޯޓުން ދައުލަތަށް ފުރުސަތުދީފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކި އާދީއްތަ ދުވަހުގެ ނިޔަލަށް ލިޔުމުން ހުށަހެޅުމަށް ދައުލަށް ފުރުސަތުދީފައިވާ ކަމަށެވެ. އަދި ދައުލަތުން އެދިފައި ވަނީ ހުރިހާ ހެކީން ސިއްރު ކުރުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ރައްދުވާ ކުއްޖާ ތަފްސީލީގޮތެއްގައި ޓެރަރިޒަމްގެ ދައުވާއަށް ޖަވާބުދާރީވެފައިވާ ކަމަށެވެ. އެ ކުއްޖާ ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ދެން އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ކުއްޖާގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ (15 ޖުލައި) ދަންވަރު 2:23 އެހައިކަންހާއިރު ގަމު ސިނާއީ މަގުން ދެކުނުން އުތުރަށް އަހްމަދު ނިޒާރު ދުއްވާފައި ދަނިކޮށް، އެމަގުގެ ދިރާގު އެންޓަނާ ހުންނަސަރަހައްދާ ކައިރިން، އެ ކުއްޖާއާ އިތުރު ބަޔަކު ލަކުޑިބުރިއާއި ދަގަނޑުބުރިން އޭނާ އަށް ހަމަލާދީފައިވާ ކަމަށެވެ. އެމީހުން ދިން ހަމަލާގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު