ފެބްރުއަރީ 7ގެ ހަމަނުޖެހުންތަކާ ގުޅިގެން ފުރަތަމަ ފަހަރަށް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސްކަމުގައިވާ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފުރަތަމަ ފަހަރަށް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން، މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ ކުރީގެ ފުލުސް މީހެއް ކަމަށްވާ ގދ. ފިޔޯރީ، އަމަން، މުހައްމަދު ނިޔާޒުގެ މައްޗަށެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރުމާ އެކު މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފަ އެވެ.

ނިޔާޒުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނާއި އެމްޑީޕީގެ ބަޔަކާ މެދު ޖުމްހޫރީ މައިދާނުގައި ހިނގައިދިޔަ ކުރިމަތިލުމާ ގުޅިގެންނެވެ.

ދައުލަތުގެ ދައުވާގައި ނިޔާޒުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޖުމްހޫރީ މައިދާނަށް އެއްވެ ތިބި މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ފިރިކަލުން ހަސަން ޝާހިދާއި ފުލުހުންތަކަކާ މެދު ކުލަހެދުމުގައި ހުރެ އޭނާ މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތެވެ.

ދައުވާ އަށް އިންކާރުކޮށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިޔާޒު ދައުވާ އަށް ޖަވާބުދާރީވުމުން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ވީޑިއޯ ފުޓޭޖަކާއި މަންޒަރު ދުށްކަމަށް ބުނާ ބައެއް ވަނީ ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މަންޒަރު ދުށް މީހުން ކަމަށް ބުނެ ނިޔާޒުވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅައިފަ އެވެ. އޭނާ ސާބިތުކުރަން ބޭނުންވަނީ އެދުވަހު އޭނާ ހުރީ ރަސްމީ ޔުނީފޯމުގައި ޑިއުޓީގައި ކަމާއި ކުލަހެދުމުގައި އޭނާ ހުރި ކަމަށް ދައުވާގައި ބުނެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު