ހުޅުމާލެއަށް އަލުން ފެނުގެ ހިދުމަތްދޭން ފަށައިފި

ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ ހަތަރުވަރަކަށް ގަޑިއިރަށްފަހު އަލުން ފެނުގެ ހިދުމަތްދޭން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެއަށް ފެނުގެ ހިދުމަތް އަލުން ދިނުމަށް ފަށާފައި ވަނީ މިއަދު ހަވީރު 6:30 އެހައިކަންހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރު ފަހު 2:30 ގައި މުޅި ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑިފައި ވަނީ ޕެނަލްބޯޑަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުމުންކަމަށެވެ. އަދި ފެނުގެ ހިދުމަތް ނުދެވި ގިނައިރުތަކެއް ހޭދަވީ ޕެނަލްބޯޑު މަރާމާތުކުރުމުގެ މަސައްކަތް ނުނިމޭތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކަރަންޓު ކެނޑުމުން ފެނުގެ ހިދުމަތް މެދުކެނޑެނީ ސްޓޯރޭޖް ކެޕޭސިޓީގައި އެކަށީގެންވާ ވަރަށް ޖާގަނެތުމުން ކަމަށާއި މިހާރު ހުރި ވަރަށް ވުރެ ތިން ގުނައިތުރު ސްޓޯރޭޖެއް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ތިން މަސް ދުވަހުގެ ތެރޭގައި މިހާރު ހުރި ވަރަށްވުރެ ތިން ގުނަ އިތުރު ސްޓޯރޭޖް ކެޕޭސިޓީއެއް ގާއިމް ކުރެވޭނެ. އެއިރުން މިކަހަލަ މައްސަލަތައް ދިމައެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިއަދު ހެނދުނުން ފެށިގެން ހުޅުމާލޭގެ އެކި ތަންތަނުން ފެނުގެ ހިދުމަތް މެދުކެނޑެމުން ގޮސް މެންދުރު ފަހު 2:30 ގައި މުޅި ރަށުން ވަނީ ފެނުގެ ހިދުމަތް މެދުކެނޑިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު