ނަޝީދު ސަރުކާރުން ސިޔާސީ ބޭފުޅުންގެ ފޯނު ބިލްތަކަށް ފައިސާ ދެއްކި: އޮޑިޓް

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މޮބައިލް ފޯނު ބިލްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުން ހަރަދުކޮށްގެން ފައިސާ ދައްކާފައިވާ ކަމަށް ފަޅާ އަރައިފި އެވެ.

އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާޙިމް ނެރުއްވި ރައީސް އޮފީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ސިޔާސީ މަގާމުތަކުގައި އޭރު ތިއްބެވި ބައެއް ބޭފުޅުންގެ ފޯނު ބިލުތަކަށް ވަކި ލިމިޓެއް ކަނޑައަޅުއްވުމެއް ނެތި އަމިއްލަފުޅު ކޯލުތަކާއި އޮފީހުގެ ބޭނުމަށް ކުރައްވާފައިވާ ކޯލުތައް ވަކިކުރެއްވުމުގެ އުސޫލެއް ވެސް ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ. އަދި އެފަދަ އުސޫލެއް ކަނޑައެޅުއްވުމެއްނެތި އެ ބޭފުޅުން މޮބައިލް ފޯނު ބިލްތަކަށް ރައީސް އޮފީހުން ފައިސާ ދައްކަވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ސަރުކާރުގައި ސިޔާސީ ބައެއް ބޭފުޅުންނަށް ޕޯސްޕެއިޑް ސިމް ނަންގަވާފައި ވަނީ ވެސް ރައީސް އޮފީހުގެ ނަންމަތީގަ އެވެ.

ނަޝީދުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ ބޭނުމަށް، އަނބުރާ ދައްކާ ގޮތަށް 187،397 ރުފިޔާ ރައީސް އޮފީހުގެ ބަޖެޓުން ހަރަދު ކުރި ކަމަށާއި ނަމަވެސް އަނބުރާ ލިބުނީ 3206 ރުފިޔާ އެކަނި ކަމަށް ވެސް އޮޑިޓް ރިޕޯޓުން ދައްކަ އެވެ. އަދި ސިޔާސީ ބޭފުޅުން ނެންގެވި ފައިސާގެ ތެރެއިން އަނބުރާ ނުލިބިވަނީ 184،191 ރުފިޔާ ކަމަށް ވެސް ރައީސް އޮފީހުގެ އޮޑިޓް ރިޕޯޓުގައިވެ އެވެ.

ހަރުމުދަލުގެ ކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ރައީސް އޮފީހުން ބަލަހައްޓާފައި ނުވާ ކަމަށް ވެސް އެ އޮޑިޓް ރިޕޯޓުގައިވެ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅާއި ނާއިބު ރައީސްގެ ގެކޮޅުގެ ބެލުމުގެ ދަށުގައި ހުރި ބިންބިމާއި އިމާރާތްތަކާއި އިމާރާތްތަކުގައިވާ ފިޓިންގްސް އާއި ފަރުނީޗަރާއި ވެހިކަލްތައް އަގުކޮށް، އެތަކެތި ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނައި ހަރުމުދަލުގެ ރަޖިސްޓްރީ ފުރިހަމަ ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އިނގިރޭސީ ދެ ރައްޔިތަކު ރާއްޖޭގައި ހޭދަ ކުރެއްވި އަށް ދުވަހަށް މުލިއާގޭގެ ބަޖެޓުން 294،037 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް 2011 ވަނަ އަހަރުގެ ރައީސް އޮފީހުގެ އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ހަރަދުކޮށްފައި ވަނީ މެހެމާންދާރީ އަދާކުރުމުގެ ވަކި އުސޫލެއް ނެތި ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު