އިލްހާމްގެ ބައި ލައްކަ ރުފިޔާގެ ފޯނު ބިލު ދައުލަތުން ދެއްކި މައްސަލައެއް ފެންމަތިވެއްޖެ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނައިބު ރައީސްކަމުގައި ހުންނެވި އިރު، ދައުލަތުން އެމަނިކުފާނަށް ލިބިދީފައިވާ އިނާޔަތްތަކާ ހިލާފަށް އަނބިކަނބަލުން އިލްހާމް ހުސައިންގެ މޯބައިލް ފޯނުގެ ބިލުތަކަށް އެރި ބައި ލައްކައެއްހާ ރުފިޔާ ދައުލަތުން ހަރަދު ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން ނެރުއްވި 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަ އެވެ.

އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާޙިމް ސޮއިކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނާއިބު ރައީސަކަށް ވަހީދު ހުންނެވިއިރު، އެމަނިކުފާނަށް ލިބިދީފައިވާ އިނާޔަތްތަކާ ހިލާފަށް 2011 ވަނަ އަހަރު ހިލާލީގޭ ބަޖެޓުން އިލްހާމްގެ ފޯނު ބިލުތައް ދެއްކުމަށް 51،669 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން ރާއްޖެ އިން ބޭރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުތަކުގައި އެމްއެންޑީއެފްގެ ސްޕެޝަން ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ބޮޑީގާޑުން ގެންދަވައި، ދައުލަތުން އެ މީހުންނަށް ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓުގައިވެ އެވެ. އޮޑިޓާ ޖެނަރަލް ފާހަގަ ކުރައްވާފައިވާ ގޮތުން އަމިއްލަ ބޭނުމަށް ކުރައްވާ އެފަދަ ދަތުރުފުޅުތަކުގައި ބައިވެރި ކުރާ މީހުންނަށް ދައުލަތުން ހަރަދު ކުރާކަން ނުޖެހޭނެ އެވެ.

ރައީސް ވަހީދުގެ އާއިލާއާ އެކު ޗުއްޓީ ހޭދަކުރެއްވުމަށް 2011 ވަނަ އަހަރު އެމެރިކާ އަށް ދެ ދަތުރުފުޅު ކުރައްވައި ބައި މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 364،267 ރުފިޔާ ހަރަދު ކުރެއްވި ގޮތުގެ ތަފްސީލެއް އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. އަދި ރައީސް ވަހީދާއި އަނބިކަނބަލުން އިލްހާމްއާއި ދަރިކަލުންނާއި ބައްޕާފުޅު ހައްޖަށް ވަޑައިގަތުމަށް ހިލާލީގޭ ބަޖެޓުން 235،556 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ހައްޖަށް ވަޑައިގެން ތިއްބެވުމާއި ފަރިއްކުޅުއްވުމަށް ދައުލަތުން ހަރަދު ކުރެއްވި 60،524 ރުފިޔާ ހަރަދު ކުރައްވާފައިވާ ގޮތުގެ ތަފްސީލެއް އެނގެން ނެތް ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ރައީސް ވަހީދު 2011 ވަނަ އަހަރު އިޓަލީގައި ބޭއްވި "ތާޑް ސިމްޕޯޒިއަމް އޮން ދަ ޔޫރަޕިއަން އެކަޑެމިކް ސްޕޭސް"ގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވި މަގުމަތީގައި އައްމިލަ ބޭނުމަށް ސިންގަޕޫރުގައި މަޑުކުރެއްވުމަށް 904،855 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު