2011ގައި ރައީސް އޮފީހުން ގާނޫނާ ހިލާފަށް 30 މިލިއަން ރުފިޔާ ހަރަދު ކުރި: އޮޑިޓް

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރައީސް އޮފީހުގެ ބަޖެޓަށް ވުރެ އިތުރަށް 30.6 މިލިއަން ރުފިޔާ 2011 ވަނަ އަހަރު އެ އޮފީހުން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު ރައީސް އޮފީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރައީސް އޮފީހުގެ މެންޑޭޓާ ސީދާ ގުޅުމެއް ނެތް ގޮތަށް 2.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމެރިކާގެ ކުންފުންޏަކުން ހަރަދުކޮށްގެން ތައްޔާރު ކުރި ޑޮކިއުމެންޓްރީ ފިލްމު "ދި އައިލެންޑް ޕްރެސިޒެންޓް" އެޑިޓްކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބެއްލެވުމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅަށް 139،676 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ބޭއްވި ފުރަތަަމަ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ 88 ރަށަކަށް ވަޑައިގަތުމަށް 1.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އޮޑިޓް ރިޕޯޓުގައިވެ އެވެ.

ރައީސް ނަޝީދުގެ އާއިލީ ޗުއްޓީ އަށް ގާނޫނާ ހިލާފަށް 677،369 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓާ ޖެނަރަލް އަހުމަދު ނިޔާޒު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައިވެ އެވެ. އަދި ބޭސްފަރުވާ އަށް 2011 ވަނަ އަހަރު 462،326 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފައިސާއާ ބެހޭ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ އިރު، ބޭސްފަރުވާއާ ގުޅޭ އެއްވެސް ބާވަތުގެ ލިޔުމެއް ރައީސް އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވި ރަސްމީ ގެކޮޅު މުލިއާގޭގައި 2011 ވަނަ އަހަރު 25 ކޭބަލް ޓީވީ ޑީކޯޑަރު ބޭނުން ކުރައްވަމުން ގެންދެވި ކަމާއި އެކަމަށް އަހަރެއްގެ ތެރޭ 174،080 ރުފިޔާ ހަރަދުވެފައިވާ އޮޑިޓް ރިޕޯޓުން ދައްކަ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދިރިއުޅުއްވި ހިލާލީ ގޭގައި 12 ކޭބަލް ޓީވީ ޑީކޯޑަރު ބޭނުންކުރައްވަމުން ގެންދިޔަ ކަމަށާއި އޭގެ ހަރަދަށް 81،917 ރުފިޔާ ހަރަދުވެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު