ޖާނަލިޒަމް އެވޯޑް ޖަޖު ކުރާ ބޭފުޅުންގެ ނަންތައް އާންމުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ "މޯލްޑިވްސް މީޑިއާ ކައުންސިލް ޖާނަލިޒަމް އެވޯޑް 2013"ގެ ޖަޖިންގެ ބައި ކުރިއަށް ގެންދަނީ އެކައުންސިލްގެ މެންބަރަކު ވެސް އަދި އިދާރީ ބަޔަކު ވެސް ނުހިމެނޭ ގޮތަށް މިނިވަން ޓީމަކާ ހަވާލުކޮށްގެން ކަމަށް ބުނެ އެ ފަރާތްތަކުގެ ނަންތައް އެމްއެމްސީ އިން އާންމުކޮށްފި އެވެ.
http://sun.mv/albums/live_24334.jpg
އަންނަ މަހު ތިން ވަނަ ދުވަހު އޮންނަ އެވޯޑް ނައިޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު މީޑިއާ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކައުންސިލްގެ މެމްބަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ ޖަޖުންގެ ޕެނެލްގައި ހިމެނެނީ އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރު އަބްދުﷲ ނައީމް އިބްރާހިމާއި ކުރީގެ މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފާއި ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ފަހުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ތޮއްޔިބު މުހައްމަދާއި އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ) އާއި ދިވެހި ރާއްޖޭގެ އަޑުގައި ގިނަ ދުވަސްތަކެއް ވަންދެން އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި އެމްބީސީގެ މިހާރުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ކަމަށެވެ.

އެ ބޭފުޅުންގެ އިތުރަށް ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްްގެ ގޮތުގައި މަސައްކަތް ކުރެއްވި މުހައްމަދު ސައީދު މޫސާ ވަޖުދީ ވެސް ޖަޖުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. ނަމަވެސް ވަޖުދީ މިވަގުގައި ހުންނެވީ ކުރު ޗުއްޓީއެއްގައި ކަމަށް އެ ކައުންސިލުން ބުންޏެވެ.

ހިރިގާ ވިދާޅުވީ އެ ޕެނަލުން އެންމެ ރަނގަޅު ނޫސްވެރިން ހޮވުމަށް ކުރާ މަސައްކަތުގައި ކައުންސިލްގެ މެމްބަރު އަދި ކައުންސިލްގެ އިދާރާގެ ބޭފުޅެއްގެ ބައިވެރިވުމެއް ވެސް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލް މެންބަރުންނާއި އިދާރީ މުވައްޒަފުންގެ ދައުރަކަށްވާނީ އެ ބޭފުޅުންނަށް ކަންކަމުގައި މަގުފަހިކޮށްދިނުން." ހިރިގާ ވިދާޅުވި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ އެވޯޑާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެެ ކައުންސިލުގެ މެމްބަރު މުހައްމަދު އަފުޒަލް ވިދާޅުވީ ރޭޑިއޯ، ޓީވީ ނޫސްތަކުން ކުރެ ކޮންމެ ދާއިރާއަކުން "ޖާނަލިސްޓް އޮފް ދި އިޔާ 2013" ހޮވާނެ ކަމަށެވެ. ކައުންސިލް މެންބަރު މިދުހަތު އާދަމް ވެސް ވިދާޅުވީ އެފަދަ އެވޯޑެއް ދިނުމުގެ މަގުސަދަކީ ނޫސްވެރިކަން ކުރިއަރުވައި ޒުވާން ނޫސްވެރިންނަށް ހިތްވަރުދީ އެ ފަންނު ދިރުވައި އާލާ ކުރުން ކަމަށެވެ.

ނޫސް މަޖައްލާ އާއި އޮންލައިން ނޫސް، ޓީވީ އަދި ރޭޑިއޯގެ ދާއިރާ އަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް 18 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. އޭގެ ތެރޭގައި ޕްރިންޓް މީޑިއާ އާއި ޓީވީގެ ދާއިރާ އިން ކުރެ ކޮންމެ ދާއިރާއަކުން ހަތް ނޫސްވެރިޔަކު ކުރިމަތިލާފައިވާ އިރު، ރޭޑިއޯ އިން ކުރިމަތިލާފައި ވަނީ ހަތަރު ފަރާތަކުންނެވެ.

ނޫސްވެރިކަމުގެ އެވޯޑަށް ތިން ވަނަ ފަރާތަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ދިން ކަމަށް ކައުންސިލުން ބުންޏެވެ.

މިފަހަރު އެވޯޑްދޭ ދާއިރާތަކުގެ ތެރޭ ފޮޓޯ ޖާނަލިސްޓް ނުހިމެނުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ފޮޓޯ ޖާނަލިސްޓަށް ވެސް ހާއްސަ އެވޯޑެއް ދޭނެ ކަމަށް އެމްއެމްސީގެ މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު