ޕޮލިޓެކްނިކުން ވޮކޭޝަނަލް ތަމްރީންގެ ފުރުސަތު 74 ދަރިވަރަކަށް ދީފި

މަސައްކަތްތެރި ޒުވާނުން އުފެއްދުމަށް ސްކޫލް ދައުރުގައި މަސައްކަތާއި ހުނަރު ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، މޯލްޑިވްސް ޕޮލިޓެކްނިކް އިން 74 ދަރިވަރަކަށް ވޮކޭޝަނަލް ތަމްރީނުގެ ފުރުސަތު ދީފި އެވެ.

ޕޮލިޓެކްނިކްގެ ލެކްޗަރާ ނާސިހް ޖަމާލް ވިދާޅުވީ، އެ ތަނުން ކިޔަވައިދޭ ފަސް ކޯހަކަށް، މާލޭގެ ފަސް ސްކޫލަކުން ޖުމްލަ 74 ދަރިވަރަކު ބައިވެފައިވާއިރު، އެ ކޯސްތައް އެއް އަހަރާއި ހަ މަސް ވަންދެން ކުރިއަށްދާނެ ކަމަށެވެ. އަދި ކޯސްތައް ކިޔެވުމަށްފަހު އެ ކުދިން އިންޓާންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާސިހް ވިދާޅުވީ، އެ ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ވެސް ކިޔަވައިދޭނީ އެ ތަނުގެ ލެކްޗަރުން ކަމަށާއި ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް އޯލެވެލް އާއި އެއް ފެންވަރުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، އެ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން އެ ތަނުން ކިޔަވަން ޖެހޭނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ކުދިންގެ ޕޮލިޓެކްނިކް ދުވަހަކީ ހަމައެކަނި އަންގާރަ ދުވަސް. ދެން ކޮންމެ ދުވަހެއްގެ އެ ކުދިން ކިޔަވާނީ އެ ކުއްޖެއްގެ ސްކޫލުގަ. އެކުދިން ސްކޫލްގަ ކިޔަވާނީ މަޖްބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު،" ނާސިހް ވިދާޅުވި އެވެ.

ޕޮލިޓެކްނިކްގައި މިފަހަރު ކުރިއަށްދާ ޕްރޮގްރާމުގައި ކިޔަވައިދޭނީ، ސެޓްފިކެޓް ތިނެއް އިން އިންޖީން ރިފެއާ އެންޑް މެއިންޓެނަންސް، ސެޓްފިކެޓް ތިނެއް އިން ރެފްރިޖިރޭޝަން އެންޑް އެއާ ކޮންޑިޝަންގް، ސެޓްފިކެޓް 3 އިން ފާނީޗަރު އެންޑް ވުޑް ކާވިންގް ގެ އިތުރުން ސެޓްފިކެޓް ތިނަކުން އިލެކްޓްރިޝަން އަދި ސެޓްފިކެޓް ތިނަކުން މެސިނިން އެންޑް ވެލްޑިން އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު