ޕޮލިސް ކަލްބު، އެމްޓީސީސީ، އެމްޕީއެލް އަދި އެސްޓީއޯ ސެމީ އަށް

މިހާރު ކުރިއަށްދާ މައިލޯ ކްލަބު މޯލްޑިވްސް ކަޕުގެ ސެމީ ފައިނަލަށް ޕޮލިސް ކްލަބާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒާޝަން (އެސްޓީއޯ) ދަތުރުކޮށްފި އެވެ.

ޕޮލިސް ކަލަބު ސެމީގެ ޖާގައެއް ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ވާދަކޮށް 2-5 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ޕޮލިސް ކްލަބުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އަލީ ފަހުމީ ކާމިޔާބުކޮށްދިން އިރު، މުހައްމަދު އަލީ (މޯޑު) އާއި އަހްމަދު ރިފްޝާން (ރިއްޕެ) އާއި އަލީ ރިޝްވާން (ރިޝޭ) މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ކާމިޔާބުކޮށްދީފައިވެ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ފަހުމީ އެވެ. އެފްއެސްއެމްގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އަބްދުﷲ ޝަފީއު ހާޝިމް (ކޭޑީ) ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވީބީ ސްޕޯޓްސް ކްލަބުގެ ކުރީގެ ފޯވަޑް އާދަމް ލަރީފް (ރޮނާ) އެވެ.

އެމްޓީސީސީ އަށް ސެމީގެ ޖާގައެއް ލިބުނީ ކުއާޓާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަތުން 4-3 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި އެމްޓީސީސީ އަށް ދެ ލަނޑު ކާމިޔާބުކޮށްދިން ހަސަން މިފްރާހު (މިފްރާ) އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އިން ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަތުން 6-0 ލަނޑުން މޮޅުވެގެންނެވެ. މެޗުގައި އެމްޕީއެލްގެ އަލީ މައިޝް (މައްޓު) ހެޓްރިކެއް ކާމިޔާބުކުރި އިރު، އަހްމަދު އަފްރާދު (އަފޭ) ދެ ލަނޑު ކާމިޔާބުކޮށްދީފައިވެ އެވެ. އަދި އެމްޕީއެލްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޝިނާން އިބްރާހިމް (ބަގޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލް އަށް ތިން ލަނޑު ކާމިޔާބުކޮށްދިން މައްޓު އެވެ.

އެސްޓީއޯ އަށް ސެމީގެ ޖާގައެއް ކަށަވަރުވީ ކުއާޓާގެ ފަހު މެޗުގައި ކްލަބު އިމިގްރޭޝަންއާ ވާދަކޮށް 1-0 ލަނޑުން މޮޅުވެގެންނެވެ. މެޗުގައި އެސްޓީއޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިމްރާން މުހައްމަދު (އިންމި) އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު