މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސިޔާސަތު އެކުލަވާލުމާ ގުޅޭ ދެ ވަނަ މަސައްކަތު ބައްދަލުވުން ފަށައިފި އެވެ.

ސިޔާސަތު އެކުލަވާލުމުގެ ދެވަނަ ބައްދަލުވުން ފެށުމަށް ނަސަންދުރާ ޕެލެސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރު އަބްދުﷲ މަޖީދު ވިދާޅުވީ، އދ.ގެ ދަށުން ހިނގަމުން އަންނަ، އިންޓާގަވާމަންޓް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ގެ ވޯކިން ގްރޫޕް ތިނަކުން މިމަހު ނެރުނު ރިޕޯޓުގައި ދުނިޔޭގެ ސިއްހަތަށާއި ދިރޭތަކެތީގެ ސަލާމަތަށް ބޭނުންވާ މިންވަރަށް ދުނިޔޭގެ ފިނި ހޫނުމިނާއި ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ހިފަހައްޓަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ.

އެގޮތުން އެ މިންވަރު ހިފެހެއްޓުމަށް އިއާދަކުރަނިވި ހަކަތައިގެ މިންވަރު ތިނެއް ނުވަތަ ހަތަރު ގުނަ އިތުރުކުރަން ޖެހޭ ކަމަށާއި އެކަމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަރާތުން ޖައްވަށް ބޭރުކުރާ ގޭސްތައް މަދުކުރުމާ ބެހޭ ކިޔޯޓޯ ޕްރޮޓޮކޯލް ފަހުން އަމަލުކުރާނެ ގާނޫނީ އެއްބަސްވުމެއް 2015 ވަނަ އަހަރު ނިމުމުގެ ކުރިން ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ކުދި ޖަޒީރާ ގައުމުތަކާ އެކު އަޑު އުފުލާ ވަކާލާތު ކުރަމުން އަންނަ ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ސިޔާސަތުގެ ދެލިކޮޕީ އަށް އިޝާރާތްކުރައްވައި މަޖީދު ވިދާޅުވީ، އެ ދެލިކޮޕީގައި ފަސް ދާއިރާއަކަށް މަޝްވަރާ ކުރާނެ ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ފައިސާގެ ވަސީލަތްތަކާއި ވިހަ ގޭސް މަދުކޮށްގެން ތަރައްގީ ހޯދުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ފަހި ފުރުސަތުތައް ހޯދުމުގެ އިތުރުން އިންސާނީ ވަސީލަތްތައް ބިނާ ކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ އަދި ދެމެހެއްޓެނިވި ތަރައްގީ ފުޅާކުރުމާއި މެދު މަޝްވަރާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގެ ފަހުން އިސްލާހްކުރެވޭ ދެލިކޮޕީއެއް ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ވަގުތެއް ހިޔާލުހޯދުމަށް ހުޅުވާލައި ސިޔާސަތު ރަސްމީކޮށް އިފްތިތާހް ކުރުމުގެ މަސައްކަތްކޮށް، ދޮޅު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް މަޖީދު ވިދާޅުވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ، ސަރުކާރުގެ ގިނަ ވުޒާރާތަކާއި ބައެއް ވިޔަފާރި ވެރިންނާއި ރިޒޯޓް އަދި ތިމާވެއްޓަށް ހިދުމަތްކުރާ ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއްތަކުން 50 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ. އަދި އޭގެ އިތުރު ބައްދަލުވުމެއް، ބައިވެރިންގެ މަޝްވަރާތަކަށް ފަހު ބާއްވަންޖެހިދާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސިޔާސަތު އެކުލަވާލުމުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ބައްދަލުވުމުގައި އެ ސިޔާސަތުގެ ޑްރާޓް އާއި ގުޅޭ ގޮތުން މަސައްކަތުގެ ބައްދަލުވުމުގައި ބައިވެރި ބައިވެރިންގެ ތެރޭގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު