ނިއުގެ މަސައްކަތާ އެކު 6:30 އަށް ޗާޗިލްއާ ދެކޮޅަށް ކުޅޭ މެޗު ފަސްކޮށްފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މަސައްކަތާއެކު އޭއެފްސީ ކަޕުގައި އިންޑިއާގެ ޗާޗިލް ބްރަދާސްއާ ދެކޮޅަށް މިއަދު އިރުއޮއްސި 6 ޖަހާއިރު ކުޅެން އޮތް މެޗު، 6:30 އަށް ފަސްކޮށްފި އެވެ.

މެޗު ކުޅޭ ގަޑި ބަދަލުކުރަން ނިއު އިން މަސައްކަތް ކުރަން ފެށީ، ނަމާދު ވަގުތުތަކާއި ދިމާވާތީ އެވެ. ކުރިން މެޗު ކުޅެމުންދާ ގަޑީގައި މަގްރިބް ނަމާދާއި އިޝާ ނަމާދު ދިމާވާ އިރު، މިހާރުވާ ގޮތުން މެޗު ފެށޭނީ މަގްރިބް ނަމާދަށް ފަހު އެވެ. އަދި މެޗުގެ ދެވަނަ ހާފު ފެށޭނީ އިޝާ ނަމާދަށް ފަހު އެވެ.

މިގޮތަށް މެޗު ފަސްކޮށްފައިވާކަން ނިއުގެ ޑިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ 'ސަން' އަށް ކަށަވަރުކޮށްދީފައިވާ އިރު، އޭނާ ވިދާޅުވީ، މި ހުރިހާ ކަމެއްގެ ޒިންމާ އުފުއްލަން ޖެހޭނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަމަށެވެ.

"މިހާރު މެޗު ފެށޭ ގަޑިއަކީ 6:30. ކްލަބުން ރޭގައި އޭއެފްސީ އަށް މެއިލްއެއް ފޮނުވައި، ފޯނުން ވާހަކަ ދެކެވި ވަރަށް މަސައްކަތާ އެއްކޮށް މިގޮތަށް މި ބަދަލުވީ. މީގެ ޒިންމާ ނަގަން ޖެހޭނީ އެފްއޭއެމް. އެއީ ފެބްރުއަރީ މަހުގެ ތެރޭގައި މިކަމާ ބެހޭ ގޮތުން އޭއެފްސީން ލިޔުމެއް އެފްއޭއެމް އަށް ފޮނުވައިފަ އެބައޮވޭ. އެއަށް އެފްއޭއެން އިން ޖަވާބެއް ނުދިނުމުން އޭއެފްސީން މިގޮތަށް ގަޑި ފައިނަލްކޮށްފައި އެއޮތީ. އެކަން ކްލަބަކާ އެއްވެސް ވަރަކަށް ހިއްސާކޮށްފައެއް ނެތް،" އަންވަރު ވިދާޅުވި އެވެ.

އިރުއޮއްސޭ ގަޑި ނުވަތަ ދެ ނަމާދު ދޭތެރެ އަކީ އާންމުކޮށް ރާއްޖޭގައި މެޗުތައް ކުޅޭ ގަޑިއެއް ނޫނެވެ. ހަވީރު ހަތަރެއް ޖަހާ އިރު ފަށާ މެޗުތައް އާންމުކޮށް މަގްރިބް ނަމާދުގެ ބަންގީގެ ކުރިން ނިމެ އެވެ.

މިގޮތަށް ކަންތައް ދިމާވެފައިވާ އިރު، އޭއެފްސީ ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ގެއްލިފައިވާ ނިއު އިން މިހާރު ގަލޮޅު ދަނޑުން ވިއްކަމުންދާ ޓިކެޓްތަކުގައިވާ ގޮތުން މެޗު ފަށާ ގަޑިއަކީ ހަވީރު 4:00 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު