އަންބަރާ އިން ހައްޔަރުކުރި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ބުނީ ޓެސްޓް ކުރުމަށް ފަހު: ޕޮލިސް

ޕާޓީކުރުމަށް ވ. އަންބަރާ އަށް ދިޔަ ޒުވާނުންގެ ތެރެއިން ފުލުހުން ހައްޔަރުކުރި 79 މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނީ އެ އެންމެންގެ ވެސް ކުޑަކަމުދާތަކެތި ޓެސްޓްކުރުމަށް ފަހު ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ވ. އަންބަރާގައި ބަޔަކު ޕާޓީކުރަމުން ގެންދަނިކޮށް، އެ ރަށަށް ފުލުހުން އަރައި އެމީހުން ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއި މަނާބޭހާއި ރާއްޖޭގައި މުޅިން އަލަށް ފެނިފައިވާ އެލްއެސްޑީ އާއި ކެނަބިސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ވ. އަންބަރާ އިން ހައްޔަރުކުރި 79 މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވަނީ އެމީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރުމަށް ފަހުގައި ކަަމަށެވެ. އަދި އެ އެންމެންގެ ޔޫރިން ރިޕޯޓް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންބަރާގައި ޕާޓީކުރި މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބޭއްވި ނިއުސް ބްރީފިންގައި އެރަަށުން ހައްޔަރުކުރި 79 މީހުންގެ ވެސް ޔޫރިން ޓެސްޓް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަބުދުﷲ ޝަތީހު ވަނީ ވިދާޅުވެފަ އެވެ.

"މިމައްސަލައާ ގުޅިގެން އެރަށުން ހައްޔަރުކުރީ 79 މީހުންކަން ފާހަގަކޮށްލަން. މި 79 މީހުންގެ ތެރޭގައި 59 ފިރިހެނުންނާއި 19 އަންހެނުން އަދި 18 އަހަރުން ދަށުގެ އެއް ކުއްޖަކު ހިމެނޭކަން ފާހަގަކޮށްލަން. އަދި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ބިދޭސީ އެކަކު ހިމެނޭކަން ފާހަގަކޮށްލަން. އަޅުގަނޑުމެން މިހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 79 މީހުންގެ "ޔޫރިން ޓެސްޓް" ކުރިއިރު އެމީހުންގެ ޔޫރިން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައި،" ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަބުދުﷲ ޝަތީހު ވަނީ ވިދާޅުވެފަ އެވެ.

ފަނަރަސަތޭކަ އާއި 2،000 އަށް ޓިކެޓް ގަނެގެން އަންބަރާ އަށް ދިޔަ 198 މީހުންގެ ތެރެއިން ފުލުހުން ވަނީ 119 މީހަކު ދޫކޮށްލާފަ އެވެ. އަދި އެމީހުން ދޫކޮށްލީ އެމީހުންގެ އަތުންނާއި އެމީހުން ގެންގުޅުނު ތަކެތިން މަސްތުވާތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހައްޔަރުކުރި އެ އެންމެންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔަ ދުވަހު ކޯޓުގައި ވަކީލު ވިދާޅުވެފައި ވަނީ އެމީހުންގެ ތެރެއިން ޔޫރިން ޕޮޒިޓިވްވެފައި ވަނީ އެއް ބައި މީހުންގެ ކަމަށެވެ. އަދި އެ އެންމެން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނި އިރު އެ އެންމެންގެ ޔޫރިން ޓެސްޓް ނުކުރާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު