ޗެލްސީން އެތުލެޓިކޯ ހިފަހައްޓައިފި

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި އިނގިރޭސިވިލާތުގެ ޗެލްސީ ކުޅުނު މެޗު ލަނޑެއް ނުޖެހި، އެއްވަރުވެގެން ނިމިއްޖެ އެވެ.

އެތުލެޓިކޯގެ ވިސެންޓޭ ކެލްޑްރޯން އަށް ޗެލްސީން ނުކުތީ ޕްރިމިއާ ލީގުގައި ސަންޑަލޭންޑް އަތުން ލިބުނު ނާކާމިޔާބީއާ އެކު، ލީގު ހޯދަން ކުރިމަތިވި ހުރަސްތަކާއެކު އެވެ. ކޯޗު މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީން މެޗަށް ނުކުތީ ދިފާއީ ވިސްނުމަކާ އެކު އެވެ.

ޗެމްޕިއަންސް ލީގުގައި 40 އަހަރު ފަހުން ޗެލްސީއާ ދެކޮޅަށް ނުކުތް އެތުލެޓިކޯ އަށް ލަނޑު ޖަހާނެ ފުރަސަތުތަކެއް ލިބުނު ނަމަވެސް އަމިއްލަ ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދެވިފައެއް ނުވެ އެވެ. އެގޮތުން އެތުލެޓިކޯގެ ޑިއެގޯ ކޮސްޓާ އަދި ރައުލް ގާސިއާ އަށް މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.

މެޗުގައި އެތުލެޓިކޯގެ ގޯލު ބަލަހައްޓަމުން ދިޔަ، ޗެލްސީން ލޯނު ގޯލުކީޕަރު ތިބައުޓް ކޯޓްއޮއިސް ދާއިމީ ކްލަބުގެ ދެ ހަމަލާ ދިފާއުކުރި އިރު، ޗެލްސީގެ އެއް ނަންބަރު ކީޕަރު ޕީޓާ ޗެކް އަށް ވަނީ މެޗުގައި އަނިޔާވި އެވެ. އެކަމުގެ ސަބަބުން މެޗުގެ ވިހި މިނެޓަށް ފަހު، ޗެލްސީގެ ގޯލު ބަލަހައްޓަމުން ދިޔައީ ބަދަލު ކީޕަރު މާކް ޝްވާޒާ އެވެ.

ޗެކްގެ އިތުރުން މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އަށް ދިމާވި އަނިޔާ އާއި ގުޅިގެން އެ ޓީމަށް އިތުރު ބަދަލެއް ގެންނަން މަޖުބޫރުވި އިރު، ފްރޭންކް ލަމްޕާޑް އަދި ޖޯން އޮބި މިކެލް އަށް ދެއްކި ރީނދޫ ކާޑާއެކު ދެވަނަ ލެގުގައި އެ ދެ ކުޅުންތެރިންނަކަށް ނުކުޅެވޭނެ އެވެ. އެތުލެޓިކޯގެ މެދުތެރެ ބަލަހައްޓަމުންދިޔަ އެ ޓީމުގެ ކެޕްޓަން ގަބީ އަށް ދެއްކި ރީނދޫ ކާޑާއެކު ދެ ވަނަ ލެގުގައި އޭނާ އަށް ވެސް ނުކުޅެވޭނެ އެވެ.

ދެވަނަ ލެގުގައި މި ދެ ޓީމު ނުކުންނާނީ އަންނަ ހަފްތާ ބުދަ ދުވަހު އެވެ. މި މެޗު ކުޅޭނީ ޗެލްސީގެ ސްޓެމްފަޑް ބްރިޖުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު