ބިއްލޫރި ޝީޓްތަކެއް ބާލަނިކޮށް ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ

ގއ. ވިލިނގިލީ އާ ހާބަރު ސަރަހައްދުގައި އޮތް ދޯންޏަކުން ބިއްލޫރި ޝީޓްތަކެއް ބާލަން އުޅުމުގެ ތެރޭގައި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

އެ ރަށުން މިއަދު ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ "ހަލީފާ" ނަމަކަށް ކިޔާ އެ ދޯނިން އެރަށަށް ގެންގޮސްފައި ހުރި ބިއްލޫރިތަކެއް ބޭލުމުގެ މަސައްކަތް މިއަދު ހެނދުނު ކުރަމުން ދަނިކޮށް، ޒަހަމްވެފައި ވަނީ ބަންގްލަދޭޝް ދެ މީހުން ކަމަށެވެ. އެ މީހުންގެ ތެރެއިން އެކެއްގެ ބޯލުން ތަނެއް ކަފައިގެން ގޮސް ވަރަށް ގިނަ އަދަދަކަށް ލޭ ބިމަށް ފައިބަމުން ދިޔަ ކަމަށާއި އަދި ދެވަނަ މީހާގެ އަތުން ތަނެއް ކަަފައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އެތަނުން އެކަކު އަނބުރައިގަނެގެން ބިންމައްޗަށް ވެއްޓުމާ ގުޅިގެން އެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި ތިބި ބަޔަކު ކަމަށް ވެސް އެެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލް މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ފައުޒީ ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަ ކަމަށާއި އެތަނުން އެކެއްގެ ކަނާތު ކުޑަ ހުޅުކައިރިން ދޮޅު އިންޗިއެއްހާ ތަން ކަފައިގެން ގޮސްފައިވާއިރު ދެވަނަ މީހާގެ ބޮލުން 2.5 އިންޗީގެ ތަނެއް ކަފައިގެން، އޭނާގެ ތުންފަތް ކައިރިން ވެސް ތަންކޮޅެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

"އެ ދެމީހުންގެ ވެސް ކަފައިގެން ދިޔަ ތަންތަން މިހާރު ހުރީ ފަހައިފައި. ނަމަވެސް ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ނެތް،" ފާއިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާދިސާ ހިނގީ ބިއްލޫރިތަކެއް ބާލަން އުޅުުމުގެ ތެރޭގައި އެ ދެމީހުން ބިއްލޫރިތަކުގެ ދެކޮޅުގައި ހިފައިގެން ބާލަނިކޮށް ބިއްލޫރި ޝީޓް ބިންދައިގެން ގޮސްގެން ކަމަށެވެ.

އަށް ފޫޓު ހަތަރު ފޫޓުގެ ހަތަރު އެމްއެމްގެ ބިއްލޫރި ޝީޓްތައް ބޭލުމަށް އެމީހުން ހަރަކާތްތެރިވަމުން ގެންދިޔައީ އިތުރު ބަޔަކާ ވެސް އެކުގަ އެވެ. އެ ދެ މީހުން ޒަހަމްވެފައި ވަނީ އެ ރަށުގައި ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓަކަށް އެ ޕްރޮޖެކްޓް ހަވާލުވެގެން އުޅޭ ކުންފުނިން ފޮނުވި ބިއްލޫރި ޝީޓްތަކެއް ބާލަމުން ގެންދަނިކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު