ކްރައިމިޔާ، ރަޝިޔާގެ ބައެއްގެ ގޮތުގައި ބަލައި ނުގަންނާނެ ކަމަށް އެމެރިކާ ބުނެފި

ކިޔޭވް (އެޕްރީލް 23) : ޔުކްރޭންގެ ބައެއްގެ ގޮތުގައި ކުރިންއޮތް ކްރައިމިޔާ ސަރައްދުގެ ސަރުކާރުން ރަޝިޔާއާ އެކު ސޮއިކޮށްފައިވާ އިއްތިޙާދީ އެއްބަސްވުމާ އަދި ކްރައިމިޔާ ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ހަމަޖެއްސުން އެމެރިކާ ގަބޫލުނުކުރާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ޔުކްރޭނަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ވިދާޅުވީ އެގައުމުގެ އިންތިޚާބީ ރައީސް ވިކްޓާ ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުމަށް ފަހު ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން ޔުކްރޭންގައި އުފައްދާފައިވާ ވަގުތީ ސަރުކާރަށް އެމެރިކާގެ ތާއީދުއޮތްކަމުގަ އެވެ. ކްރައިމިޔާ ސަރަހައްދު ޔުކްރޭނާ ވަކިވެ ރަޝިޔާއާ ގުޅިފައިވާ މައްސަލައަށް އިޝާރާތް ކުރައްވަމުން ބަޢޑެން ވިދާޅުވީ ޔުކްރޭނުން އަލުން އެއްކޮށް އެއްބައިވަންތަ ކުރުމަކީ ޔުކްރޭންގެ ލީޑަރުންނާއި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި މިކަމުގައި އެމެރިކާ އަބަދުވެސް އޮންނާނީ ޔުކްރޭނަށް އެހީތެރިވާ ބައިވެރިއެއްގެ ގޮތުގައި ކަމުގަ އެވެ.

ބައިޑެން ވަނީ ޔުކްރޭނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައި ގަތުމަށް އެހީތެރިވުމުގެ ގޮތުން 50 މިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް އެމެރިކާ ނިންމާފައިވާކަން ވެސް އިއުލާން ކުރައްވާފަ އެވެ. ޔުކްރޭންގެ ބޮޑުވަޒީރު އަރްސިނީ ޔަތިސިނޯކް އާ އެކު ކިޔޭވްގައި ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބައިޑެން ވިދާޅުވީ ޔުކްރޭނަށް ގެނައުމަށް ހަމަޖެހިފައިވާ ދިމުގްރާތީ އަދި އިގްތިސާދީ އިސްލާޙް ތަކަށް އެމެރިކާ އެހީތެރިވެދޭނެ ކަމުގައެވެ.
މިގޮތުން މުސްތަގްބަލްގައި އެމެރިކާއިން ޔުކްރޭންގެ ފައިސާގެ އިތުރު އެހީތައް ވަމުންދާނެ ކަމަށާ އަދި ޔުކްރޭނަށް ބޭނުންވާ ލޯންއެހީތައް ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކުން ހޯދުމުގައި ވެސް އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

ޔުކްރޭންގެ ބޮޑުވަޒީރު އަރްސިނީ ޔަތިސިނޯކްއާ ކިޔޭވްގައި ވަކިން ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބައިޑެން ވަނީ ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާކޮށްފައިވާ ރަޝިޔާގެ އަސްކަރީ ބާރުތައް ބޭލުމަށް ވެސް ރަޝިޔާ އަށް ގޮވާލައްވާފަ އެވެ.

މިނޫސްކޮންފަރެންސްގެ ކުރިން ބައިޑެން ވަނީ ޔުކްރޭންގެ ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް އާއި ބޮޑުވަޒީރު އަރްސިނީ ޔަތިސިނޯކް އާއެކުގައި ސިއްރު ބައްދަލުވުމެއް ވެސް ބާއްވަވާފަ އެވެ. ނަމަވެސް އެބައްދަލުވުމުގެ ތަފްސީލް ދެއްވާފައެއް ނުވެ އެވެ. ބައިޑެން އަކީ ޔުކްރޭންގެ އިންތިޚާބީ ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ވެރިކަން މަދަނީ އިންގިލާބަކުން ވައްޓާލުމަށް ފަހު ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން ޔުކްރޭންގައި އުފައްދާފައިވާ ވަގުތީ ސަރުކާރަށް އެމެރިކާގެ ތާއީދުއޮތްކަން ހާމަކޮށްދިނުމުގެ ގޮތުން ޔުކްރޭނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް މަސްއޫލުވެރިޔާ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު