ދުނިޔޭގެ އުތުރު ތަނޑިއަށް ރަޝިޔާ އަތްގަދަ ކުރަނީ

މޮސްކޯ (އެޕްރީލް 23) : ދުނިޔޭގެ އުތުރު ތަނޑީ (ނޯތްޕޯލް) ސަރަހައްދުގެ ބިމުގެ އަޑީގައިވާ ގުދްރަތީ ޚަޒާނާތައް ހޯދައިބަލައި އެތަކެތި ނެގުމުގައި ރަޝިޔާގެ ދައުރު ފުޅާކުރުމަށްޓަކައި އެސަރަހައްދުގައިވާ ރަޝިޔާގެ ވުޖޫދު އިތުރަށް ވަރުގަދަކުރާނެ ކަމަށްއެގައުމުގެ ރައީސް ވަލްޑިމޭރު ޕޫޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ދުނިޔޭގެ އުތުރު ތަނޑީގެ ބިމުގެ އަޑީގައިވާ ތެލާއި ގުދްރަތީ ގޭހުގެ ބޮޑު ރިޒާވް ނަގައި އޭގެ ބޭނުން ހިފައި އެއިން ނަފާ ހޯދުމުގައި ވާދަވެރި އެހެން ގައުމުތަކަށްވުރެ ފަހަތުގައި ރަޝިޔާ ނޯންނާނެ ކަމުގައެވެ. މިގޮތުން ދުނިޔޭގެ އުތުރު ތަނޑީގެ ސަރަހައްދުގެ ބިމުގެ އަޑީގައިވާ ތެލާއި ގޭހާއި ތަފާތު މައުދަންތައް ހޯދައިބަލައި އެތަކެތި ނެގުމުގައި ރަޝިޔާގެ ދައުރު މިހާރު އިތުރަށް ފުޅާކުރަމުންދާ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.
ޕޫޓިން މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ދުނިޔޭގެ އުތުރު ތަނޑީގެ ބިމުން ފުރަތަމަ ފަހަރަށް ރަޝިޔާއިން ތެޔޮނަގަން ފެށިތާ ހައެއްކަ ދުވަސްފަހުންނެވެ. އުތުރު ތަނޑީގެ ބިމުން ރަޝިޔާ ނެގި ތެލުގެ ފުރަތަމަ ޝިޕްމަންޓް މީގެ ހައެއްކަ ދުވަސްކުރިންވަނީ ބިޔަ ޓޭންކަރެއްގައި ރަޝިޔާގެ ތެލުގެ ބަނދަރަކަށް ގެންގޮސް ހުސްކޮށްފައެވެ. އަދި ތެލުގެ އިތުރު ޝިޕްމަންޓެއް ނެގުމަށް ރަޝިޔާ ގެންދަނީ ތައްޔާރުވަމުންނެވެ.
އުތުރު ތަނޑީގެ ބިމުގެ އަޑީގައި ތެލާއި ގުދްރަތީ ގޭހުގެ ބޮޑު ރިޒާވްއެއް ވާކަން ސެޓަލައިޓާއި އެނޫންވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ހޯދި ހޯދުންތަކުންވަނީ ހާމަވެފައެވެ. އުތުރު ތަނޑިއަކީ ވަކިގައުމެއްގެ މިލްކެއްނޫންނަމަވެސް އެތަނުގައިވާ ގުދްރަތީ ޚަޒާނާތަކަށް އަތްގަދަ ކުރުމަށް ވާދަކުރަމުން ދަނީ އެޚަޒާނާތައް ނެގުމުގެ ޢިލްމީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ އެމެރިކާއާއި ރަޝިޔާފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޔޫރަޕްގެ ބައެއް ގައުމުތަކުންނެވެ. މީގެތެރޭގައި ޑެންމާކާއި ނޯވޭ ފަދަ ގައުމުތައްވެސް ހިމެނެއެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު