ފަލަސްތީނުގައި ޙަމާސް އާއި ފަތްހު ގުޅިގެން ޓެކްނޮކްރޭޓުންގެ ސަރުކާރެއް އުފައްދަނީ

ޣައްޒާ (އެޕްރީލް 23): ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އެންމެ ބޮޑު ދެ ޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދުގައިވާ ޚިލާފުތަކާއި ދެބަސްވުންތައް ފިލުވާލުމާ ބެހޭ ގޮތުން ޣައްޒާގައި މިހާރު ކުރިޔަށްދާ ވާހަކަތަކުގައި ދެފަރާތް ގުޅިގެން ފަންނީ ޓެކްނޯކްރޭޓުންގެ ސަރުކާރެއް ފަލަސްތީނުގައި އެކުލަވާލުމަށް އެއްބަސްވެއްޖެ އެވެ.

މިކަން ހާމަކުރައްވަމުން ޙަމާސްގެ އިސް ވެރިއެއް ކަމަށްވާ ޚަލީލް އަލްހައްޔާ ވިދާޅުވީ ދެފަރާތުގެ ދެމެދުގައި އިއްޔެ އިން ފެށިގެން ކުރިޔަށްދާ ވާހަކަތައް ކާމިޔާބު ކަމަށާ މިގޮތުން އެ ދެޖަމާއަތް ގުޅިގެން ފަންނީ ޓެކްނޯކްރޭޓުންގެ ސަރުކާރެއް ފަލަސްތީނުގައި އެކުލަވާލުމަށް މިހާރު އެއްބަސްވެވިފައިވާ ކަމުގަ އެވެ. މިވާހަކަތަކުގައި ބައިވެރިވާ ފަތްހު ޖަމާއަތުގެ ވަފްދުގެ ބޭފުޅުން އިއްޔެ ޣައްޒާއަށް ވަޑައިގަތުމުން ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ ސަރުކާރުން އެ ވަފްދަށް ދެންނެވީ ހޫނު މަރްހަބާއެކެވެ. އަދި ރޭގެ ވަގުތެއްގައި ދެޖަމާއަތުގެ ދެމެދުގައި ވާހަކަތައް ވަނީ ފަށާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިވާހަކަތަކުގައި ބައިވެރިވާ ފަތްހު ޖަމާއަތުގެ ވެރިއަކީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޢައްޒާމް އަލްއަޙްމަދެވެ. ޙަމާސްގެ ފަރާތުން ބައިވެރިވާ ވަފްދުގެ ވެރިއަކީ ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ ސަރުކާރުގެ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ އެވެ. ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދު މަޝްވަރާތައް ކުރިޔަށްދަނީ ފަލަސްތީނުގެ އެކިކަންކަމުގައި އެދެފަރާތުގެ ދެމެދުގައިވާ ޚިލާފުތަކާއި ދެބަސްވުންތައް ނައްތާލުމަށް ކުރިން އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރެވޭނެ މެކޭނިޒަމެއް އެކުލަވާލުމާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން ފަލަސްތީނުގައި އާންމު އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމާ ބެހޭ ގޮތުން ވެސް ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތުގެ މަސްއޫލުވެރިން މަޝްވަރާ ކުރައްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޙަމާސް އާއި ފަތްހު ޖަމާއަތާ ދެމެދު ދެބަސްވުންތައް އުފެދި ދެފަރާތުގެ ދެމެދުގައި ކުރިމަތިލުކަމަށް ގޮސްފައި ވަނީ 2005 ވަނަ އަހަރު ބޭއްވި ފަލަސްތީނުގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާކޮށްގެން އުފައްދާފައިވާ ޙަމާސްއަށް ނިސްބަތްވާ ސަރުކާރު، ރައީސް މަހްމޫދު ޢައްބާސް އުވާލެއްވުމާ ގުޅިގެންނެވެ. ޢައްބާސް އެފިޔަވަޅު އެޅުއްވީ އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތަކާ ގުޅިގެންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޙަމާސް އިން ވަނީ 2006 ވަނައަހަރު ޣައްޒާއިން ރައީސް އައްބާސްގެ ސަރުކާރާއި ފަތްހު ޖަމާއަތް ބޭރުކޮށްލުމަށް ފަހު ޣައްޒާގައި ޙަމާސްއަށް ނިސްބަތްވާ ވަކި ސަރުކާރެއް އުފައްދައިގެން ވެރިކަން ކުރަންފަށާފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު