އަންބަރާއިން ހައްޔަރު ކުރި ހުރިހާ އަންހެނުން ގޭބަންދަށް ބަދަލުކޮށްފި

ވ. އަންބަރާގައި ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ހުރިހާ އަންހެނުން ގޭބަންދަށް ބަދަލުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންބަރާ އިން ހައްޔަރު ކުރި 18 އަހަންނުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ މިރޭ ކަމަށެވެ.

އެ މީހުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން އެ އެންމެންގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފައި ވަނިކޮށެވެ.

އަންބަރާ އިން ފުލުހުން ހައްޔަރު ކުރި 18 އަހަރުން ދަށުގެ އަންހެން ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އެކުއްޖާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.


މަސްތުވާތުވެގެން ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަންބާރާއިން ފުލުހުން ހައްޔަރު ކުރީ ޖުމްލަ 79 މީހުންނެވެ. ހައްޔަރު ކުރި ހުރިހާ އަންހެނުން ގޭބަންދަށް ބަދަލުކުރުމާ އެކު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 59 ފިރިހެނުންނެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރީ އެމީހުންގެ އަތުންނާއި އެމީހުން ގެންގުޅުނު ތަކެތިންނާއި ތިބި ތަނުން، މަސްތުވާތަކެތި ފެނުނު މީހުން އެކަނި ކަމަށެވެ. އެނޫން މީހުން އެވަގުތު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ތެރޭގައި މަނާބޭސް ކަމަށް ބެލެވޭ ގުޅަތަކަކާއި އެލްއެސްޑީ ކަމަށް ބެލެވޭ ސްޓިކާ ތަކަކާއި ބަނގުރާ ކަމަށް ބެލެވޭ ދަޅުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި ކެނަބިސްގެ ބާވަތެއް ކަމަށްވާ ބޫލެޓް ސައިޒްގެ ރަބަރު ޕެކެޓްތަކަކާއި ހަމަ އެބާވަތް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅުތަކަކާއި މަސްތުވާތަކެއްޗާއި ދުންފަތް އެއްކޮށްގެން ހަދާފައިވާ ތެޔޮބިޑިތަކަކާއި މަސްތުވާތެކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިންކޮޅުތަކެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު