މާލީ ބަޔާން ހުށަނޭޅިޔަސް އެޅޭނެ ފިޔަވަޅެއް ނެތް: އޮޑިޓާ ޖެނެރަލް

ދައުލަތުގެ އޮފީސްތަކުން މާލީ ބަޔާން ހުށަނޭޅި ނަމަވެސް އެކަމުގައި ފިޔަވަޅު އެޅޭނެ ގޮތެއް ނެތް ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އޮޑިޓާ ޖެނެރަލް ނިޔާޒު މިރޭ ވިދާޅުވީ، މާލީ ބަޔާން ހުށަނާޅާ އޮފީސްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަށް އޮޑިޓާ ޖެނެރަލް ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ އެ ގޮތަށް އެ އޮފީހުން އަމަލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މަޖިލީހާއި ރައީސް އޮފީހުން ވެސް އެފަދަ އޮފީހަކާ ސުވާލެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލީ ބަޔާން ހުށަނާޅާ އޮފީސްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމަށް ގާނޫނުގައި ބުނެފައި ވަނީ އެ އޮފީސްތައް ޖަވާބުދާރީ ކުރުވުމަށް. އޮޑިޓް އޮފީހުން އަންނަނީ އެފަދަ އޮފީސްތަކުގެ މައުލޫމާތު މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅަމުން. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެއިން އޮފީހަކާ އެކަމާ ބެހޭގޮތުން ސުވާލެއް ވެސް ކޮއްފަ އޮތްކަން އެނގޭކަށް ނެތް،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ، މާލީ ބަޔާން ތައްޔާރު ކުރަންޖެހޭނީ ކަނޑައެޅިފައިވާ ވަކި މިންގަނޑަކަށް ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ކަމަށާއި ނަމަވެސް ގަވާއިދުގައި ބުނާ ފެންވަރަށް އެ ބަޔާން ތައްޔާރު ކުރުމުގެ ތައުލީމް ލިބިފައިވާ ބޭފުޅުން ގިނަ އޮފީސްތަކުގައި ނެތް ކަމަށެވެ.

ގަވާއިދުގައި ބުނާ ފެންވަރަށް މާލީ ބަޔާން ތައްޔާރުކުމުގެ ގާބިލްކަން ލިބިފައިވާ ބޭފުޅުން އޮފީސްތަކުގައި ނެތްނަމަވެސް ތައްޔާރު ކުރެވުނުގޮތަކަށް މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓް އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޮފީސްތަކުން ޚަރަދު ކުރަނީ ރައްޔިތުންގެ ފައިސާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ފައިސާ ޚަރަދުކުރާ ގޮތް ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ ފައިސާ ހޭދަކުރި ގޮތް ރައްޔިތުންނަށް އެނގެން ޖެހޭ،" ނިޔާޒު ވިދާޅުވި އެވެ.

މާލީ ބަޔާން ހުށަހެޅުމުން އެ އޮފީހެއް އޮޑިޓްކޮށް ދެ މަސް ދުވަހުގެ ތެރޭގައި ރިޕޯޓު ނެރުމަށް ގާނޫނު ލާޒިމްކުރާ ކަމަށާއި އެހެންނަމަވެސް މާލީ ބަޔާން ހުށަނާޅާ އޮފީސްތައް އޮޑިޓް ކުރުމަށް ގިނަ ދުވަސްތަކެއް ނަގާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ބުނީ ދައުލަތުގެ އޮފީސްތަކުގެ ތެރެއިން 300 އަށް ވުރެ ގިނަ އޮފީސްތަކުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު