ރޮނާލްޑޯ ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

އަނިޔާއިން ސަލާމަތްވެ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ރެއާލް އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައި ވެއެވެ. އުމުރުން 29 އަހަރުގެ ޕޯޗުގަލް ފޯވަޑުގެ ފައިގެ މަސްގަނޑަށް އަނިޔާވީ، ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބޮރޫސިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ރޮނާލްޑޯ ފިޓްވެފައިވާ ކަމަށާއި ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް މިދިޔަ އާދީއްތަ ދުވަހު ރެއާލް އިން ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި އެއްވެސް މައްސަލައެއް ނެތި ރޮނާލްޑޯ ވަނީ ފަރިތަކުރުންތައް ފުރިހަމަކޮށްފަ އެވެ.

ކުޑަ އަނިޔާއަކާއި ކުރިމަތިލި ރެއާލްގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރަމޯސް ވެސް އިއްޔެގެ ފަރިތަކުރުންތަކުގައި ބައިވެރިވި އެވެ. ނަމަވެސް މި ފަރިތަކުރުންތަކުގައި އެ ޓީމުގެ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް ފެނިފައެއް ނުވެ އެވެ. ބޭލް ފެނިފައި ނުވަނީ އާންމު ބައްޔެއްގެ ސަބަބުންނެވެ.

ޗެމްޕިއަންސް ލީގުގައި ބަޔާންއާ ދެކޮޅަށް ރެއާލް ނުކުންނާނީ ރާއްޖޭ ގަޑިން މާދަމާރޭ 11:45 ގަ އެވެ. މި މެޗު ކުޅޭނީ ރެއާލްގެ ސެންޓިއާގޯ ބެރްނަބެއޫގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު