މިލަންދޫ ގެއަކުން ބްލެކް ވިޑޯއެއް ފެނިއްޖެ

ފައިދިގު މަކުނު އާއިލާގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި ބާވަތް ކަމަށްވާ "ބްލެކް ވިޑޯ" މަކުނެއް ށ. މިލަންދޫ ގެއަކުން ފެނިއްޖެ އެވެ.

މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒު ހަސަން ވިދާޅުވީ، ބްލެކް ވިޑޯ މަކުނެއް ފެނިފައި ވަނީ، އެ ރަށު ޕެންޒީ ހައުސްއިން ކަމަށެވެ. އަދި އެގޭ މީހަކަށް އެ މަކުނު ފެނިފައި ވަނީ، އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.

"މިރަށު ޕެންޒީ ހައުސްއިން ބްލެކް ވިޑޯ މަކުނު ފެނުނީ. އެ ގެއަކީ ވޯކްޝޮޕެއް ހުންނަ ގެއެއް އަދި ބޭރުން މުދާގެނެސް ބައްހައްޓާ ގެއެއް. އެހެންކަމުން ވެދާނެ އެގޮތަށް އެތެރެކޮށްފައިވާ ފޮށިގަނޑެއްގެ ފަދަ އެއްޗެއްގައި އެތެރެވި އެއްޗަކަށް،" ފާއިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަދި މިހާތަނަށް އެ ރަށުން ފެނިފައި ވަނީ، އެވައްތަރުގެ އެންމެ މަކުނެއް ކަމަށާއި އެ މަކުނު ފުޅިއެއްގެ ތެރޭގައި ބަންދުކޮށް ކައުންސިލާ ހަވާލުކޮށްފައި އެބަހުރި ކަމަށެވެ.

"އެ ބްލެކްވިޑޯ ފުޅިއަކަށް ލާފައި، ކައުންސިލްގައި އެބަ ހުރި. އަޅުގަނޑުމެން މިހާރު ވާނީ. ފުލުހުންނަށް އެކަން އަންގާފައި." ފާއިޒު ވިދާޅުވި އެވެ.

މާދަމާގެ ވަގުތެއްގައި ފުލުހުން މިލަންދުއަށް އައުމުން އެރަށުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ބްލެކް ވިޑޯ މަކުނު އިތުރަށް ފެނޭތޯ ހާއްސަ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މިލަންދޫން ބްލެކް ވިޑޯ ސްޕައިޑާއެއް ފެނިފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ހުޅުލޭ އެއާޕޯޓުންނާއި ހުޅުމާލެއިން ވެސް ވަނީ މިބާވަތުގެ މަކުނުތަކެއް ފެނިފަ އެވެ.

ބްލެކް ވިޑޯއެއް ދަތް އަޅައިފި ނަމަ ފެންނާނެ އަލާމާތްތަކާއި އެކަމުން ރައްކާތެރިވާނެ ގޮތާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ ބްލެކް ވިޑޯ ދަތް އެޅުމުގެ ސަބަބުން މީހާ ފިޓް ޖެހި، މާ ބަނޑު އަންހެނުން ބައިގެންދިއުމުގެ އިތުރުން އައްސިވުމާއި ހުންއައިސް ދާހިއްލުމާއި ނޭވާލާން އުދަނގޫ ވާނެ ކަމަށެވެ. އަދި މޭ ނުބައި ކޮށް ނުވަތަ ހޮޑުލުމާއި ބޮލު ގައި ރިއްސުމާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި އަނގައިގަ ކުޅު ގިނަވުން ވެސް، ފެންނާނެ ބައެއް ނިޝާންތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ދަތްއެޅި ސަރަހައްދު ރަތްވެ ދުޅަވުމާއި އެ މަކުނު ދަތްއަޅާތާ 15 މިނެޓްގެ ތެރޭގައި ދަތްއެޅިތަނުން ފެށިގެން ގައިގެ މަސްތަކަށް ތަދު ދައުރުވާން ފަށާނެ ކަމަށްވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ، ބްލެކް ވިޑޯއެއް ދަތްއަޅައިފި ނަމަ، އޭގެ ވިހަ އަވަހަށް ފެތުރުނަ ނުދިނުމަށް ލަސްނުކޮށް ސައިބޯނި ލައިގެން ދަތްއެޅިތަން ދޮވެ އައިސް އެޅުމަށް ފަހު، ދަތްއެޅިތަން މައްޗަށްވާ ގޮތަށް ބަހައްޓައި، ވީހާ ވެސް އަވަހަކަށް ސިއްހީ ފަރުވާ ލިބިގަތުމަށެވެ.

ބްލެކް ވިޑޯ ސްޕައިޑާތަކެއް އެންމެ ފުރަތަމަ ރާއްޖެ އިން ފެނިފައި ވަނީ، 2006 ވަނަ އަހަރު އެވެ. އެފަހަރު އޭގެ މަކުނުތަކެއް އެއާޕޯޓުގައި އާލާވުމުން، އެއާޕޯޓުގެ ގިނަ ސަރަހައްދުތަކެއް ފޮގުކޮށް، އެތަކެތި ނައްތާލި އެވެ.

ސަހަރާ ތެރޭގައި އުޅޭ ނާގަ ހަރުފަ އަށް ވުރެ 15 ގުނަ ވިހަކަންގަދަ ބްލެކް ވިޑޯ ސްޕައިޑާ ހަފަނީ، އަތްލުމުން ނުވަތަ ޖިސްމާނީ އުނދަގުލެއް ކުރުމުންނެވެ. އެފަދަ މަކުނެއް ހަފައިގެން ފުރާނަ އަށް ނުރައްކާވާ ހާލަތަށް ވެސްދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު